ލަންޑަން (ނޮވެމްބަރު 10) - ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުންދާ ދެކުނު ކޮރެއާގެ ގައުމީ ޓީމުގެ ކެޕްޓަން ސޮން ހެއުން-މިން، މި މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގައި ކުޅޭނެ ކަމަށް ބުނެފި އެވެ.
މި މަހުގެ އެއް ވަނަ ދުވަހު، ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމް އިން މާސޭ ދަނޑުގައި ފަހަތުން އަރައި 2-1 އިން މޮޅުވި މެޗުގައި ސޮންގެ ކަނާތު ލޮލުގެ ކައިރީ ކަށިގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިދިޔަ ހުކުރު ދުވަހު ސޮން ވަނީ ކުޑަ އޮޕަރޭޝަނެއް ކޮށްފަ އެވެ. އެހެންވެ، ސޮން އަށް މިދިޔަ އާދިއްތަ ދުވަހު ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން ޓޮޓެންހަމް އަމިއްލަ ދަނޑުގައި ބަލިވި މެޗުގައި ނުކުޅެވުނެވެ.
ސޮން، 30، އަށް އަނިޔާގެ ސަބަބުން މި ފަަހަރުގެ ވޯލްޑް ކަޕްގައި ވެސް ނުކުޅެވިދާނެ ކަމަށް މީޑިއާގައި އޮތީ ވާހަކަ ދެކެވިފަ އެވެ. އެކަމަކު، އިންސްޓަގްރާމްގައި ޕޯސްޓްކުރި މެސެޖެއްގައި ސޮން ބުނެފައިވަނީ އޭނާ ވޯލްޑް ކަޕްގައި "ފެންނާނެ" ކަމަށެވެ.
ވޯލްޑް ކަޕުގައި ކުޅޭނެކަން ހާމަކޮށް ސޮން ބުނީ މިއީ އޭނާ މުޅި ދުނިޔެ އަށް ދޭން ބޭނުންވާ އުފާވެރި ހަބަރެއް ކަމަށާއި ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތެއްގައި އަމިއްލަ ގައުމު ތަމްސީލްކުރުމަކީ ކޮންމެ ކުއްޖެއްގެ ވެސް ހުވަފެނެއް ކަމަށާއި އޭނާ އަށް ވެސް އޮތީ އެ ގޮތަށް ކަމަށެވެ.
ސޮން ވަނީ މިދިޔަ ހަފްތާއެއްހާ ދުވަހު އޭނާ އަށް ސަޕޯޓަރުންގެ ފަރާތުން ލިބުނު މެސެޖްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ މީގެ ކުރިން ވެސް ސޮން އަށް ވޯލްޑް ކަޕް ކުޅެވޭނެ ކަމަށް ބުނެފަ އެވެ.
އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް ސޮން ވަނީ ކުޅެފަ އެވެ. ގްރޫޕް ސްޓޭޖުގައި ދެކުނު ކޮރެއާ ކުޅުނު ފުރަތަމަ މެޗުގައި ވަނީ 1-0 އިން ސްވިޑެން އަތުން ބަލިވެފަ އެވެ. ދެ ވަނަ މެޗުން މެކްސިކޯ އަތުން 2-1 އިން ދެކުނު ކޮރެއާ ބަލިވިއިރު، އެ ޓީމުގެ އެއް ގޯލު ޖެހީ ސޮން އެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ޖަރުމަނު އަތުން 2-0 އިން ދެކުނު ކޮރެއާ މޮޅުވިއިރު، ފަހު ގޯލު ޖެހީ ސޮން އެވެ.
ދެކުނު ކޮރެއާ ގައުމީ ޓީމަށް 2010 ވަނަަ އަހަރު ކުޅެން ފެށި ސޮން ވަނީ އެ ޓީމަށް ކުޅެދިން 105 މެޗުން 35 ލަނޑު ޖަހައިފަ އެވެ.












