ދުނިޔެ އަދި ހާއްސަކޮށް މި ސަރަހައްދުގެ ސަލާމަތީ މަޝްރަހު ބަދަލުވަމުންދާ ކަމަށާއި އެ ބަދަލުތަކުގެ މިސްރާބު ހުރީ ރާއްޖެ ފަދަ ކުދި އަދި ވަސީލަތްތައް މަދު ގައުމުތަކުން އެންމެ ހިތްއެދޭ ފަދަ މިސްރާބަަކަށް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އެމްއެންޑީއެފްގެ މެރިން ކޯއަށް 13 އަހަރު ފުރުމާ ގުޅިގެން ރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ސައިބާ އެޓޭކްތަކާއި އިންފޮމޭޝަން ކެމްޕޭންތަކާއި އުދުވާނީ ހަރަކާތްތަކުގެ ގޮތުގައި ނުބެލެވޭ ތަފާތު އެކިއެކި ހަރަކާތްތަކުގެ ތެރެއިން ސަރުކާރުތަކާއި ގައުމުތަކަށް ޕްރެޝާކުރުން ފަދަ ހައިބްރިޑް ވޯފެއައަކީ މިއަދު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންތައް ކަމަށެވެ. އަދި ރާއްޖޭގެ ސަލާމަތީ މަސައްކަތުގައި އެމްއެންޑީއެފް މެރީންސްއިން އަދާކުރާ ރޯލް ފާހަގަކުރެއްވި އެވެ.
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިގްލާލް އަދި ސިޔާދަތު ހިމާޔަތްކޮށް، ދިފާއުކޮށް ބެލެހެއްޓުމަކީ ޖުމްލަކޮށް މުޅި އަސްކަރިއްޔާގެ އެންމެ މުހިންމު އެއް ޒިންމާ، އެ ޒިންމާ އަދާކުރުމުގައި މިހާރު އެމްއެންޑީއެފްގެ ބާރުތައް ތަރުތީބު ކުރެވިފައިވާ ގޮތުން ގައުމީ އިސްތިރާޖީ އިންސްޓޮލޭޝަންތަކާއި، ކްރިޓިކަލް އިންފްރާސްރަކްޗަ ހިމާޔަތްކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަން ޖެހޭ ބަޔަކީ އެމްއެންޑީއެފްގެ މެރީންސް," މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގައި ހުރި ކްރިޓިކަލް އިންފްރާސްރަކްޗަތަކާއި ސްޓްރެޓެޖިކް އިންސްޓޮލޭޝަންތަކުގެ ގޮތުގައި ބެލެވޭ ތަންތަން އިތުރުވަމުންދާ ކަމަށާއި އެތަންތަން ދިފާއުކުރުމަށް ސިފައިން ތައްޔާރުވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ތަރައްގީކުރަމުންދާ އެއާޕޯޓުތައް ފާހަގަކުރެއްވި އެވެ.
ދިވެހި ސިފައިންނަށް ބޭނުންވާ ތަމްރީނާއި އާލާތްތައް ހޯދައިދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށާއި ސަރުކާރުން އެކަމަށް ބޭނުންވާ ބަޖެޓު ހަމަޖައްސާފައިވަނީ ސީދާ ރައީސް ސޯލިހުގެ އިސްނެންގެވުމުގެ މަތިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ، މެރިން ކޯގެ 13 އަހަރުވީ ތާރީހުގެ ތެރޭގައި ވެސް ސަރުކާރުގެ ސީދާ ބަޖެޓުން ހަރަދުކޮށްގެން ހަތިޔާރު ހޯދުނު ފުރަތަމަ ފަހަރު. އަދި މިއީ، އެމްއެންޑީއެފުން ކުރަންޖެހޭ މަސައްކަތާއި، މިހާރުގެ އިސްތިރާޖީ މާހައުލުގެ ތެރެއަށް ވިސްނައި އެމްއެންޑީއެފުން އެކަމަށް ތައްޔާރުވެ ތިބުމަށް، ސަރުކާރަށް ވިސްނި، ސަރުކާރުން ކޮށްދެއްވާ ކަމެއް." ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.













