ނޭޕްލްސް، އިޓަލީ (ނޮވެމްބަރު 9) - އިޓާލިއަން ލީގުގައި ރޭ އެމްޕޮލީ އަތުން 2-0 އިން ހޯދި ކާމިޔާބީއާ އެކު ނަޕޯލީން ލީގުގައި ޖެހިޖެހިގެން 10 ވަނަ މެޗުން މޮޅުވެ، ލީގު ތާވަލުގެ އެއް ވަނައިގައި އަށް ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.
ނަޕޯލީއާ އެންމެ ގާތުން ވާދަކުރަމުން އަންނަ އެންމެ ފަހުގެ ޗެމްޕިއަން، އޭސީ މިލާން ރޭ ރަށުންބޭރުގައި ރެލިގޭޝަނުގައި އޮތް ކްރެމޮނީޒޭއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ. މި ނަތީޖާއާ އެކު ނަޕޯލީ އެއް ވަނައިގައި އޮތީ 14 މެޗުން 38 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މިލާނަށް 14 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ.
ރޭ އަމިއްލަ ދަނޑުގައި ނަޕޯލީ ކުޅުނު މެޗުން އެ ޓީމަށް ވެސް އެމްޕޮލީ ކޮޅަށް ގޯލެއް ޖެހޭގޮތްވީ މެޗުގެ ފަހު ކޮޅުގަ އެވެ. ނަޕޯލީ ކޮޅަށް ރޭގެ މެޗު އެނބުރުމުގައި އެ ޓީމަށް ކުޅޭ މެކްސިކޯގެ ވިންގް، ހާވިން ލޮޒާނޯގެ ދައުރު ވަރަށް ބޮޑެވެ.
ބަދަލަކަށް ދެ ވަނަ ހާފުގައި ކުޅެން އެރި ލޮޒާނޯ، ނަޕޯލީ އަށް ލީޑުނަގައިދިނީ 69 ވަނަ މިނިޓްގައި ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ ނަޕޯލީގެ ނައިޖީރިއާ ފޯވާޑް ވިކްޓަ އޮސީމެން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ނަޕޯލީން ލީޑުނެގިތާ ފަސް މިނިޓް ފަހުން، ލޮޒާނޯ އަށް ކުރި ފައުލަކަށް އެމްޕޮލީގެ ސެބަސްޓިއަން ލުޕާޓޯ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
އެމްޕޮލީގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި، ނަޕޯލީން އިތުރު ގޯލެއް ޖެހި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ 88 ވަނަ މިނިޓްގައި ޕޮލެންޑްގެ މިޑްފީލްޑަރު، ޕިއޮޓްރޭ ޒިއެލިންސްކީ އެވެ. ލޮޒާނޯ ނެގި ހުރަހަކަށް އޭރިއާތެރެއަށް އަރައި، ޒިއެލިންސްކީ ވަނީ އެއް ފަހަރުން ބޯޅަ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ.
ރޭގެ ނަތީޖާތަކަށް ފަހު، ފީފާ ވޯލްޑް ކަޕަށް އިޓާލިއަން ލީގު މެދުކަނޑާލާއިރު، އެއް ވަނައިގައި އޮންނާނީ ނަޕޯލީކަން ވަނީ ކަށަވަރުވެފަ އެވެ. އެކަމަކު، އެ ޓީމުގެ ކޯޗު ލޫޝިއާނޯ ސްޕަލެއްޓީ ބުނީ މި ވަގުތަށް އެ ޓީމު ލީގުގެ އެއް ވަނައިގައި އޮތް ކަމުގައި ވިޔަސް އަދި ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި ލީގުގެ "ޗެލެންޖްތައް" ކުރިމަތިވާނީ ފަހުކޮޅު ކަމަށެވެ.
ނަޕޯލީ މިހާތަނަށް އިޓާލިއަން ލީގު ދެ ފަހަރު ހޯދިއިރު، އެ ޓީމުން އެންމެ ފަހުން ތަށި އުފުލާލީ 1989-1990 ވަނަ ސީޒަނުގަ އެވެ. އެއީ އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ އެ ޓީމަށް ކުޅުނުއިރުގަ އެވެ.












