އުވިދިޔަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރެއްވި މޫސާ މަނިކު (ރީކޯ މޫސަ) އެ ޕާޓީން ވަކިކޮށްފާނެ ކަމަށް އޭނާ ދުވަހަކު ވެސް ހިއެއް ނުކުރެ އެވެ. ނަމަވެސް، ޑިސެމްބަރު 22، 2014 ވަނަ ދުވަހަކީ އޭނާ އެމްޑީޕީން ވަކިކުރި ދުވަހެވެ. އޭނާ ޕާޓީން ވަކިކުރީ ޕާލިމެންޓްރީ ގްރޫޕްގެ ވިޕްލައިނާ ހިލާފު ވެގެން ބެލި މައްސަލައިގަ އެވެ. ނަމަވެސް އޭރު ވެސް އަދި މިހާރު ވެސް އެ ފިޔަވަޅު އިންސާފުވެރި ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
މޫސައަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި، އޭރު "އިދިކޮޅު"ގެ ގޮތުގައި ޑިމޮކްރަސީ ގެނައުމާއި އިސްލާހީ ހަރަކާތްތައް ހިންގަން ފެށި އިސް ހަރަކާތްތެރިއެކެވެ. މައުމޫނަށް އެންމެ ބޮޑު ގޮންޖެހުމަކަށްވި "މިނިވަން ބަހުސް" އިންތިޒާމުކޮށް ބޭއްވުމާއި އެމްޑީޕީ އުފެއްދުމުގައި ހަރަކާތްތެރިވި އެވެ.

އަށް އަހަރަށް ފަހު މޫސާ މަނިކު އެމްޑީޕީއާ އަލުން ގުޅިވަޑައިގެން މެމްބަޝިޕް ފޯމް ރޭ، ޕާޓީގެ ޗެއާޕާސަން ފައްޔާޒު އާ ހަވާލު ކުރައްވަނީ. -- ފޮޓޯ: އެމްޑީޕީ
'އެމްޑީޕީ ސްޓައިލް'ގައި ޕޯޑިއަމްތަކުގައި އެންމެ ފޯރިއާއެކު ވާހަކަ ދައްކަވައި، ޖެހިލުމެއް ނެތި ވާދަވެރިންނަށް ބަހުގެ ހަމަލާތައް އޭނާ ދޫކޮށްލަ އެވެ. "މަގުމަތީ ކޯޓު" ހަދައިގެން ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް ގޮވާލުމާއި، ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރީ ބަގާވާތަކުން ކަމަށް ދެކި އެކަމާ ދެކޮޅަށް އުސްފަސްގަނޑުގައި ކޭމްޕު ޖެހުމާއި، ޕާޓީގެ އެހެން ކެމްޕޭނުތަކާއި ދަތުރުތައް އިންތިޒާމުކޮށް ހިންގުމުގައި އޭނާ އިސް ދައުރެއް އަދާކުރެއްވި އެވެ. މިއީ އޭނާގެ ހިދުމަތްތަކުގެ ތެރެއިން ބައެއް ކަންކަމެވެ.
އަށް އަހަރަށް ފަހުން އެމްޑީޕީއާ އަލުން ގުޅޭއިރު، މޫސަގެ އަޒުމަކަށް އޮތީ މައިގަނޑު ދެކަމެކެވެ. އެއީ އެމްޑީޕީގެ އެތެރޭގައި އުފެދިފައި އޮތް ހިޔާލުތަފާތުވުމާއި ބައިބައިވުން، ޕާޓީއަށް ގެއްލުމަކަށް ނުވާނެ މިންވަރަށް ކުޑަކުރުން ނުވަތަ ނައްތާލުމެވެ. އަދި އެމްޑީޕީގެ ކުރީގެ ފޯރި އާއި ރޫހު އިޔާދަ ކުރުމެވެ.
އެމްޑީޕީގެ ރޫހެއް ނެތެއްނު މިހާރަކު. އެންމެ ބޮޑަށް މަސައްކަތް ކުރާނީ އެމްޑީޕީގެ އިހުހުރި ރޫހު އަލުން އަނބުރައި ގެންނަން. އަދި ހިޔާލު ތަފާތުވުން ނައްތާލަން،" މޫސަ ވިދާޅުވި އެވެ.

މިއަހަރު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ސޯލިހާއި ނަޝީދު އަދި ފައްޔާޒު. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އޭނާ ގަބޫލުކުރައްވާ ގޮތުގައި ހަރުގެ ޖަލްސާތަކާއި ކަންމަތީ ބައްދަލުވުންތަކާއި މަގުމަތީ ހަރަކާތްތަކަކީ އެމްޑީޕީގެ ސިފަ އެކެވެ. ވެރިކަމުގައި ޕާޓީ އޮންނައިރު އެފަދަ ހަރަކާތްތައް އަބަދުވެސް މައިތިރި އެވެ. ނަމަވެސް އެއީ އެ ޕާޓީގެ އައިޑެންޓިޓީއަށް ވުމާއެކު އެކަންކަން ހިންގަންޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"އަހަރެން ބުނިން ސޮއިކޮށްފައި މަގޭ ފަރާތުން ޕާޓީއަށް ބޭނުންވާ ކަންކަން ބުނާށޭ. އަހަރެންނަށް ކޮށްދެވޭނީ ކޮން ކަމެއްތޯ، އަހަރެންގެ ފަރާތުން ބޭނުން ވަނީ ކޮން ކަމެއްތޯ ކަނޑައަޅާނީ އެ ބޭފުޅުން،" މޫސަ ވިދާޅުވި އެވެ.
މޫސަ އާންމު މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފައްޓަވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ހިޔާލު ތަފާތުވުން އޮތްކަން އޭނާ އަށް ވެސް އެނގިވަޑައިގަންނަވަ އެވެ. ނަމަވެސް އެ ދެ ބޭފުޅުން ވެސް ޕާޓީ ފުނޑުފުނޑުވެގެން ދިޔުމަށް މަސައްކަތް ނުކުރައްވާނެ ކަމަށާއި އެފަދަ ގޮތަކަށް ވުމަށް އެދިވަޑައިނުގަންނަވާނެ ކަމަށް، މޫސަ ގަބޫލުކުރައްވަ އެވެ.
އޭނާ ގަބޫލުކުރާ އަނެއް ވިސްނުމަކީ މެމްބަރުންގެ ޕާޓީއަކަށް އެ ޕާޓީ ވުމެވެ. އެމްޑީޕީ އުފެދުނީ، "މައުމޫން ފިޔަވައި އެހެން މީހަކު ގައުމުގައި ނެތް ހިސާބަށް ކަންކަމުގައި ވިސްނުން ދިއުމުން" ކަމަށާއި އެހެންވެ އެމްޑީޕީއަށް އެ ސިފަ އައިސްގެން ނުވާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
އެއީ ވާން ބޭނުންވާ ކަމެއް ނޫން. ޕާޓީއަކީ ވަކި މީހެއްގެ އެއްޗެއް ނޫން. އެމްޑީޕީއަކީ ފިކުރެއް ކަމަށް އަހަރެމެން ބުނަނީ. އެހެންވީމަ ފިކުރެއްގެ މައްޗަށް ބިނާވެގެން އެމްޑީޕީ ހިނގަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
ފިކުރެއްގެ ގޮތުގައި ނުހިނގާ ނަމަ ޕާޓީއަށް މޮޅެއް ނެތް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. މިހާރު އޮތް ހިޔާލުތަފާތުވުން ގޯސްވެ، ޕާޓީ ފުނޑުފުނޑުވެއްޖެ ނަމަ އެކަކަށް ވެސް މޮޅެއް ނެތް ކަމަށް ވެސް ގަބޫލުކުރައްވަ އެވެ. އަދި ރައީސް ސޯލިހަށް ވެސް، ރައީސް ނަޝީދަށް ވެސް އެމްޑީޕީ ދޫކޮށް ގޮސްގެން ހޯދޭނެ، އަދި ލިބޭނެ މޮޅެއް ވެސް ނެތް ކަމަށް ފާހަގަ ކުރައްވައި މޫސަ ދެއްކެވީ އޭނާގެ މާޒީގެ ތަޖުރިބާއެކެވެ.
"އަހަރެން ޕީޕީއެމްއާ ގުޅުނީމަ އަހަރެންގެ ފަހަތަކުން އެކަކު ވެސް ނާދޭ. މާދަމާ ރައީސް ނަޝީދު ރުޅިގަދަވެގެން އެމްޑީޕީ ދޫކޮށްލި ނަމަވެސް އޭނާގެ ފަހަތަކުން ވެސް ނުދާނެ މީހަކު. މައުމޫނު ވެސް އެއީ މިސާލެއް. އެމްއެމްއާރުއެމް އަށް ކިރިޔާ މީހުން ހަމަވާ ވަރު އެވަނީ،" އޭނާ ވިދާޅުވި އެވެ.

ފެބްރުއަރީ 8، 2012 ގައި އެމްޑީޕީން ބޭއްވި އެއްވުން ހުއްޓުވަން ފުލުހުން ބާރުގެ ބޭނުންކުރިއިރު، މޫސާ މަނިކަށް ލިބުނު އަނިޔާތަކަށް ރާއްޖޭން ބޭރުން ފަރުވާ ހޯއްދެވުމަށް ފަހު މާލެ ވަޑައިގެންނެވި ރޭ އޭނާ އާއި ނަޝީދު އެމްޑީޕީގެ ސްޓޭޖުގައި-- ފޮޓޯ: މައުރޫފު ހަލީލު
އެމްޑީޕީއާ އަލުން ގުޅެން އޮތް ޝަރުތު
އެމްޑީޕީން މޫސަ ވަކިކުރުމުން، ޕާޓީއާ އަލުން ގުޅިވަޑައިނުގެން ހުންނެވުމަށް ފަހު 2018 ގެ ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް ގުޅިވަޑައިގަތީ ޕީޕީއެމްއާ އެވެ. ނަމަވެސް، އެ ޕާޓީއަކަށް އޭނާގެ ލޯބެއް ނުޖެހުނެވެ. އެ ޕާޓީގެ މެމްބަރުން ލޯތްބެއް ވެސް އޭނާ އަށް ނުލިބުނެވެ. އެހެންވެ، ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރުގައި ލާމުގެ ސިޔާސީ ހަރަކާތްތަކަށް ކަމަށް ބުނެ އޭނާ ހުރީ އެ އަތޮޅަށް "އެހެލައިފަ" އެވެ.
އެ ހިތްހަމަ ނުޖެހުމުގައި ހުއްޓައި، 2018 ގެ އިންތިހާބު ރައީސް ސޯލިހު ކާމިޔާބު ކުރެއްވުމާ އެކު، ޕީޕީއެމްގެ ހަރަކާތްތަކުން ގެއްލި، އޭނާ ފެންނަން ފެށީ ރައީސް ސޯލިހާ އެކު އެވެ.

މޫސާ މަނިކު ޕީޕީއެމްއާ ގުޅިވަޑައިގެން ފޯމް، އެ ޕާޓީގެ ރައީސް އަދި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީންއާ ހަވާލު ކުރައްވަނީ. -- ސޯޝަލް މީޑިއާ
އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް 2015 ވަނަ އަހަރު މޫސަ ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމާ ގުޅިގެން އެމްޑީޕީން އޭރު ނިންމީ، ޕާޓީގެ މެމްބަރުންގެ އިތުބާރު އަލުން އުފެއްދުމަށްޓަކައި މައާފަށް އެދިވަޑައިގެން، ޕާޓީގެ ރަސްމީ ވެބްސައިޓުގައި ބަޔާނެއް ޝާއިއު ކުރުމަށެވެ. އަދި 50 މެމްބަރުންގެ ގޮތްޕެއް ހެދުމަށް ފޯމް ހުށަހެޅުއްވުމަށެވެ.
"މޫސަ ވަނީ އެ ހުރިހާ ކަމެއް ފުރިހަމަ ކުރައްވާފައި،" އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވި އެވެ.
އެމްޑީޕީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މޫސަގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އޭނާ އެމްޑީޕީން ވަކިކުރީ އިންސާފުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ނަމަވެސް, ޕާޓީން ވަކި ގޮތަކަށް އަމަލުކުރަން އަންގާފައި އޮތުމުން، އެމްޑީޕީގެ މެމްބަރުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މޫސަ ވިދާޅުވީ ގޮފި ހެދުމަށް ވެސް 150 މީހުންގެ ސޮއި ވާނީ ހުށަހަޅުއްވާފައި ކަމަށެވެ.
ކުރިއަށް އޮތީ އެމްޑީޕީއަށް ބޮޑު ދުވަސްތަކަކެކެވެ;
ފުރަތަމަ ރިޔާސީ ޕްރައިމަރީ އެވެ. އެއަށް ފަހު ރިޔާސީ އިންތިހާބެ އެވެ. ޕްރައިމަރީގައި ތާއިދު ކުރައްވާނެ ބޭފުޅެއްގެ ނަން މޫސަ ވިދާޅެއް ނުވެ އެވެ. ނަމަވެސް ކޮންމެ ބޭފުޅަކު ހޮވުނަސް އެ ބޭފުޅަކު ވެރިކަމަށް ގެނައުމަށް "ރޫހުގައި" މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އޭނާ އެދިވަޑައިގަންނަވަނީ މިހާރު ހުރި މައްސަލަތަކުގައި ބުރަކި ޖެއްސުމަށް ފަހު ރިޔާސީ އިންތިހާބު އަންނަންވާއިރު ޕާޓީގެ އެތެރޭގައި އޮންނަންޖެހޭ ގުޅުމާއި ރޫހު ދެމެހެއްޓުމަށެވެ. އޭނާ މަސައްކަތް ކުރައްވާނީ އެކަން ހާސިލު ކުރެއްވުމަށެވެ.












