މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރައްޔިތުންގެ މެދުގައި ވަރަށް ވެސް ފުޅާ ގާނޫނީ ބަހުސެއް ކުރެވުނެވެ؛ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ޝާހިދު، އދ. އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބުވުމާ އެކު ގާނޫނީ އެތައް ސުވާލެއް އުފެދުނެވެ. ޝާހިދަށް ދެ މަގާމު އަދާކުރެވޭނެކަމާ މެދު އެވެ. އދ. އިން އުޖޫރައެއް ލިބިވަޑައިނުގަތަސް، ގާނޫނުއަސާސީގައި އެހެން މަގާމެއް އަދާކުރުމުން ލިބޭ "މަންފާ" މާނަކުރުމާ މެދު އޮތް ހިލާފެވެ.
ގާނޫނީ ބޭފުޅުންގެ މެދުގައި އެކަމާ މެދު ހިޔާލު ދެކަފިވެފައި އޮއްވައި، ޝާހިދުގެ ދައުރު ނިމިގެންދިޔައީ އެވެ. އެކަމަކު އެ ސުވާލުތަކަށް މިހާތަނަށް ވެސް ސާފު ޖަވާބެއް ނުލިބުނެވެ.
އދ. ގެ ރިޔާސަތުގައި ޝާހިދުގެ ދައުރާ އެކު އޭރު އުފެދުނު ބަހުސް ވެސް ހިނދިފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރެއްވުނު ކަމަކާ އެކު ހަމަ އެ ސުވާލުތަކުގަ އަނެއްކާވެސް މިވަނީ ހުޅުފަޅައިގެން ގޮސްފަ އެވެ.
ނަޝީދާ އެކު ބަހުސް އަލުން ފެށުނީ ކީއްވެ؟
ތިމާވެށީގެ ޗެމްޕިއަން؛ ކްލައިމެޓް ހީރޯ؛
މިއީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތް ކުރުމުގައި ބައިނަލްއަގުވާމީ މައިދާނުގައި ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅުވައި ބޭރު ދުނިޔެއިން އެމަނިކުފާނު ސިފަކުރައްވާ ގޮތެވެ. ޝާހިދަށް ފަހު، މި ސުވާލުތައް އަލުން ފެންމަތިވެގެން އައީ ވެސް އެ މަސައްކަތަށް ނަޝީދުގެ ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށް ބުނުން ގޯހަކަށް ނުވާނެ އެވެ.
ދިވެހި ސަރުކާރުގެ ވަފުދެއް ނައިބު ރައީސް ފައިސަލް ނަސީމް އިސްކޮށް ހުންނަވާ ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރަންސް ކޮޕް 27 އަށް ވަޑައިގަންނަވާފައިވަނިކޮށް ނަޝީދު ވެސް އެ ކޮންފަރެންސްއަށް ވަޑައިގެންނެވީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާގެ އިންޓަނޭޝަނަލް ކްލައިމެޓް އެޑްވައިޒަރުގެ ހައިސިއްޔަތުންނެވެ.
އެއީ ގާނޫނުއަސާސީއާ ހިލާފު އަމަލެއް ކަމަށް ވިދާޅުވެ، އެކަމާ މެދު އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އެވެ.
އޭނާ ވިދާޅުވާ ގޮތުގައި ބިދޭސީ ގައުމެއްގެ ވަފުދެއްގެ ބެންޗުގައި ރާއްޖޭގެ މަޖިލީހުގެ ރައީސް އިންނަވަން ގާނޫނުއަސާސީ ތަންނުދެ އެވެ.
އެކަމަށް ބާރު ދެއްވަން މުނައްވަރު ފާހަަގަކުރެއްވީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އެވެ.
އެ މާއްދާގައި އޮތީ މިހެނެވެ. "ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރާންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ."
"ގާނޫނުއަސާސީ ދައުލަތް ބެހިފައި މި އޮންނަނީ ތިން ބާރު ވަކިކޮށް, ކޮންމެ ބާރަކަށް ވަކި ވެރިއަކު ހުންނަވާ ގޮތަށް, އޭގެ ތެރޭން އެއް ބާރުގެ ވެރިޔާ މި ވަޑައިގަންނަވަނީ އެހެން ގައުމެއްގެ ވަފުދާ އެކު, ފަހަރެއްގެ ދާހިތްވެދާނެ އެހެންވެއްޖެއްޔާ އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވާ, އެއީ މައްސަލައެއް ނޫން," މުނައްވަރު "އަދަދު"އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ނަޝީދުގެ ހާލަތު ތަފާތެއް ނޫން؟
މިއީ، އދ. ގެ ރިޔާސަތަށް ޝާހިދު ވަޑައިގެންނެވުމުން ވެސް ހަމަ ގާނޫނުއަސާސީއާ ގުޅުވައި އޭރު ކުރެވުނު ބަހުސްގެ މައިގަނޑު އަސާސެވެ.
ގާނޫނުއަސާސީގައި ވަޒީރަކު ކޮށްގެން ނުވާނެ ކަންތައްތަކުގެ ތެރޭގައި އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރުމާއި، ވަޒީރުކަން ފިޔަވައި، ފައިދާއެއް ލިބޭފަދަ އެ ނޫންވެސް މަގާމެއް ފުރުން ހިމަނާފައިވެ އެވެ.
ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ސަރުކާރުގެ އެހެން މަގާމެއް، އަދި ފައިދާއެއް ލިބޭ ފަދަ އެނޫން ވެސް މަގާމެއް ފުރައިގެނެއް ނުވާނެ އެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ އެވެ. - ގާނޫނުއަސާސީގެ 136 (ހ)
ގާނޫނުއަސާސީގެ 136 ވަނަ މާއްދާގެ (ހ)ގައި މިހެން ބަޔާންކޮށްފައި ވާއިރު، ފޮރިން މިނިސްޓްރީން ވެސް އޭރު ބުނީ ޝާހިދު އިންތިހާބުވެ ވަޑައިގެންނެވި މަގާމަކީ އދ. ގެ މަގާމެއް ނޫން ކަމަށާއި، އޭނާއަށް އެއްވެސް އުޖޫރައެއް ވެސް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.
ނަޝީދުގެ ދިފާއުގައި މަޖިލީހުގެ އިދާރާއިން ވެސް ފާހަގަކުރީ ހަމަ މިފަދަ ނުކުތާ އެކެވެ.
"މަޖިލިސް ރައީސް މުހައްމަދު ނަޝީދު [ކޮޕް 27 އަށް] ވަޑައިގަތީ ސީވީއެފްގެ އިންވިޓޭޝަނަކަށް، ސީއެފްސީއިން ހުރިހާ ހަރަދެއް ކުރާ ދަތުރުފުޅެއްގަ. ރާއްޖެ އަކީ ސީވީއެފްގެ މެމްބަރު ގައުމެއް. އަދި ރައީސް ނަޝީދު އަކީ ސީވީއެފްގެ ތީމެޓިކް އެމްބެސަޑަރެއް،" މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މިހެނެވެ.
މީގެ އިތުރުން، މުޅި ދުނިޔޭގެ މަސްލަހަތު ހިމެނޭ ކަމެއްގައި، ނަޝީދު ފަދަ ތިމާވެށީގެ ބައިނަލްއަގުވާމީ އެމްބެސެޑަރެއް ބައިވެރިވެވަޑައިގެންނެވުމަކީ މައްސަލައެއް ކަމަށް، އެމަނިކުފާނުގެ ދިފާއުގައި ވާހަކަ ދައްކާ ފަރާތްތަކުން ގަބޫލެއް ނުކުރެ އެވެ.
"މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ ވަކާލާތަކީ އާލަމީ ވަކާލާތެއް. އެއީ ދޭދޭ ދެގައުމެއްގެ ވާދައެއް އެކުލެވޭ ވަކާލާތެއް ނޫން. އެއީ އެއް ވިސްނުމެއްގައި އެއް މަގުސަދަކަށް ކުރެވޭ ކަމެއް،" މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވި އެވެ.
އެ ބީދައިން ވިސްނާނަމަ، ކޮންފަރެންސެއްގައި މަދު ދުވަސް ކޮޅަކަށް ބައިވެރިވުމާއި އަހަރެއްހާ ދުވަހު އެހެން މަގާމެއް އަދާކުރުމުގައި ރާއްޖޭން ބޭރުގައި އުޅުން ތަފާތު ނޫންތޯ މިއީ ވެސް އުފައްދަންޖެހޭ ސުވާލެކެވެ.
ޝާހިދާއި ނަޝީދުގެ ހާލަތު ވަރަށް ބޮޑަށް ތަފާތު ކަމަށް ކުރީގެ ޕްރޮސެކިޔުޓާ ޖެނެރަލް މުހުތާޒު މުހުސިން ގަބޫލުކުރައްވަ އެވެ. އަދި މިކަމުގައި އުފެދިގެން މިއުޅެނީ ގާނޫނީ ސުވާލަކަށް ވުރެ މޯރަލް ސުވާލެއް ކަމީ ވެސް މި ބަހުސްގެ ތެރެއިން އޭނާގެ ވިސްނުމެވެ.
...މި ބުނަނީ މުސާރައެއް ނުލިބޭ, އެހެން ވިޔަސް މީނަ މަޝްހޫރުވުމަށްޓަކައި މީނަ ދުނިޔޭގަ ސްޓޭޖްގަ ހުރުމަށްޓަކައި މިކަމެއް މި ކުރަނީ, އެއީ ފައިދާ, އެއީ މަންފާ," ޑރ. މުހައްމަދު މުނައްވަރު
"ގާނޫނީ ގޮތުން މީގަ ގޯހެއް އުޅެއެކޭ ނުދެންނެވޭނެ. އެކަމަކު ދައުލަތުން މުސާރަ ދޭ ބޭފުޅަކު އެހެން ގައުމެއް ތަމްސީލު ކުރެއްވުމަކީ މޯރަލީ ވެސް އެތިކަލީ ވެސް ރަނގަޅު ކަމެއް ނޫން ދެއްތޯ،" އޭނާ ވިދާޅުވި އެވެ.
މިކަމުގައި މައްސަލައެއް ފެންމަތިވާނީ، މުހުތާޒް ވިދާޅުވި ގޮތުންނަމަ، ކޮޕް27 ގައި ރާއްޖޭން ބާރުއަޅާ ކަމެއް ނުވަތަ ސިޔާސަތަކާ ލަންކާއާ ފުށުއެރުމެއް އައިސްދާނެ ހިސާބުންނެވެ. އެފަދަ ހާލަތެއްގައި ނަޝީދު ދެން އަމަލު ކުރައްވާނީ ކޮން ގައުމެއްގެ މަސްލަހަތުގައިތޯ މިއީ މުހުތާޒް ވެސް ކުރައްވާ ސުވާލެވެ.
"މަގާމެއްގައި ނެތް ނަމަވެސް މައްސަލައެއް ނެތް. އަދި އާދައިގެ މަގާމެއް ވެސް ނޫން ދެއްތޯ. ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔާ. އެހެން ގައުމެއްގެ ވަފުދުގައި ރާއްޖޭގެ ނެޝަނަލް އިންޓަރެސްޓުގައި މަސައްކަތް ނުކުރެއްވިދާނެ ހާލަތެއްގައި ވަޑައިގަތުން ގަބޫލެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ނަޝީދުގެ އިތުރުން ޝާހިދު އޭރު ހުންނެވި އދ. ގެ މަގާމާ ގުޅުވައިގެން ދިވެހި ދައުލަތުން ހަރަދުކުރަން ނުޖެހޭ ކަމާއި އުޖޫރަ ނުލިބޭ ކަމުގެ ދިފާއުއަށް ވެސް މުހުތާޒް ރައްދު ދެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެފަދަ މަގާމަކުން ލިބޭނެ މަންފާ ހަމައެކަނި ލިބޭ އުޖޫރައަކުން މިނެ ނުކިރޭނެ އެވެ.
"މިފަދަ މަގާމަކުން [ފަރުދީ ގޮތުން] ބައިވަރު ފައިދާ ލިބޭނެ. ހަމައެކަނި އުޖޫރައެއް ނޫން ދެއްތޯ މަގާމެއް އަދާކޮށްގެން ލިބޭ މަންފާއަކީ،" މުހުތާޒް އިތުރަށް ވިދާޅުވި އެވެ.
މަންފާ މާނަކުރުން ފުޅާނުކުރާނެ؟
ލަންކާގެ ވަފުދެއްގައި ނަޝީދު ބައިވެރިވެވަޑައިގެންނެވުމުން، އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ޝާހިދު އަދާކުރެއްވުން މިސާލެއްގެ ގޮތުގައި ނެގި ނަމަވެސް، މިއީ ފަހުގެ ތާރީހެއްގައި މި ސުވާލުތައް ފެންމަތިވި ހަމައެކަނި ފަހަރެއް ނޫނެވެ.
ޑރ. ހުސެއިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރުމުގެ އިތުރުން ޑރ. އަބްދުﷲ މައުސޫމާ ޓޫރިޒަމް މިނިސްޓަރުކަން ހަވާލުކުރުމުގައި ހަމަ މިފަދަ ހިލާފުތަކެއް އުފެދުނެވެ. ކަރުދާހުގައި ނަމަވެސް، އެ ދެ ބޭފުޅުން ވެސް އަމިއްލަ ކުންފުނިތަކެއްގެ މަގާމެއްގައި ތިއްބެވީމަ އެވެ.
ކުރިން ވެސް ތިމާވެށި މިނިސްޓަރު ކަމުގައި ހުންނެވި ޑރ. ހުސެއިނަކީ ލިޔެކިޔުންތައް ދައްކާ ގޮތުން، އަމިއްލަ ކުންފުންޏެއްގެ ފައުންޑިން ޝެއާ ހޯލްޑަރެކެވެ. ނަމަވެސް، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އޭނާ ހިމެނިވަޑައިނުގަންނަވަ އެވެ. އޭނާއަކީ އާއްމު ހިއްސާދާރެކެވެ.
ޑރ. ހުސެއިނަށް ރުހުން ދިނުމާމެދު ގޮތެއް ނުނިންމުނީ މީގެ ކުރިން ޑރ. އަބްދުﷲ މައުސޫމް، ޓޫރިޒަމް މިނިސްޓަރު ކަމަށް ރުހުން ދިނުމުގައި އަމަލުކޮށްފައިވާ ގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުމުންނެވެ.
ޑރ. މައުސޫމްގެ ހުވަޔާމެދު ސުވާލު އުފެދުނީ، ހުވާ ކުރެއްވިއިރު އަމިއްލަ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވުމުންނެވެ. ޑރ. މައުސޫމް އެ މަގާމުން އިސްތިއުފާ ދެއްވީ މިނިސްޓަރުކަމުގެ ހުވާ ކުރެއްވުމަށްފަހު އެވެ. އޭގެ ސަބަބުން ޑރ. މައުސޫމަށް ރުހުން ދީފައިވަނީ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު އަލުން ހުވާކުރެއްވުމުންނެވެ.
މި ދެ ވަޒީރުން ނަގާފައި، މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ނަޝީދާ އެންމެ ގުޅޭ އެއް ހާލަތަކީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ވެއްދި މައްސަލަ އެވެ.
ޔައުގޫބުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ކޯޓަށް ވެއްދީ އެކައުންޓެންޓުންގެ އިންސްޓިޓިއުޓްގެ ކައުންސިލްގެ މަގާމަކާ ޔައުގޫބް ހަވާލުވެ ވަޑައިގަތުމުންނެވެ. އެއީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) އާ ހިލާފަށް ޔައުގޫބު އެހެން ވަޒީފާއެއް އަދާކުރައްވާ ކަމަށް ބުނެ އެވެ.
ނަމަވެސް، މަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޔައުގޫބުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި ނަމަ އެކަން ގާނޫނާ ހިލާފުވާނެ ކަމަށާއި އަދި އެކަން ވާނީ އެއީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވާ ކަންކަމަށްވުރެ އިތުރަށް އުނި އިތުރު ގެނައުން ކަމަށެވެ.
އެ ހުކުމުގައި ގާނޫނުއަސާސީ މާނަކުރުމުގެ މައްޗަށް ރިއާއަތްކޮށްފައިވާއިރު، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) އާ މެދު ރައްޔިތުންގެ މަޖިލީހުން ގަސްތުކުރި މާނައަކީ ކޮބައިކަން ވެސް ބަލަންޖެހެ އެވެ.
މިގޮތުން ބަލާއިރު، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 204 ވަނަ ޖަލްސާގައި މި މާއްދާއާ ގުޅޭގޮތުން މެންބަރުން ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، މެންބަރުންގެ މަގުސަދަކަށްވީ މަޖިލީހުގެ މެންބަރުން މެންބަރުކަމަށް އެކަނި ތަހުސީސްވުމާއި، ބާރުތައް ވަކިވެފައިވާކަން ކަށަވަރުކުރެވުމެވެ. މެންބަރުން ބާރު އަޅުއްވާފައި އޮތީ، މަޖިލީހުގެ މެންބަރުކަން ފަސޭހައިން ގެއްލިގެންދާނޭފަދަ ގޮތަކަށް އެއްވެސް މާއްދާއެއް ގާނޫނުއަސާސީގެ ނުބޭއްވުމަށެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އައްޑުއަތޮޅުގެ މެންބަރު ހުސްނުއްސުއޫދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން "ސެކިއުރިޓީ އޮފް ޓެންޔޯ" ގެ މުހިންމުކަން ފާހަގަކުރައްވާފައިވެ އެވެ. މެންބަރުން ވަކިކުރުމުގެ ވާހަކަ ދައްކައި، އެކަމުގެ ފުޅާ ހާލަތުތަކެއް ގާނޫނުއަސާސީގައި ބަޔާންކުރުމަށް ހުށަހެޅުނު އިސްލާހުތަކަށް ތާއީދު ނުކުރައްވާ ވާހަކަ ވިދާޅުވެ، މެންބަރުންގެ އިމްތިޔާޒުގެ ދާއިރާ ހަނިނުކުރުމަށް ބާރު އަޅުއްވާފައިވެ އެވެ.
މި ނުކުތާތައް ޔައުގޫބުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވެސް ފާހަގަކޮށްފައިވާއިރު، ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލަކު ނަން ނުޖަހަން އެދި "އަދަދު"އަށް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި އެ މާއްދާތައް ހިމެނުމުގައި އޭރު މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ސާފު މަގުސަދެއް އޮތެވެ.
"އެ މާއްދާތައް ޑްރާފްޓު ކުރުމުގަ މަޖިލީހުގެ މަގުސަދަކަށްވީ، އެ މީހެއްގެ މަސައްކަތަށް އެ މީހަކު ހާއްސަވެފައި ހުންނާނެ ގޮތަކަށް ރޭވުމަށް،" އޭނާ ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު ކަމުގައި ހުންނަވައިގެން އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމާ ޝާހިދު ހަވާލުވެވަޑައިގަތުމުން އޭރު އުފެދުނު ސުވާލުތަކަށް ކޯޓުތައް މެދުވެރިކޮށް ޖަވާބެއް ހޯދިފައި ނެތުމަކީ ނަޝީދާ އެކު އަނެއްކާވެސް ހަމަ އެ ސުވާލުތައް ފެންމަތިވާންޖެހުނު މައިގަނޑު ސަބަބު ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"މި ސުވާލަށް ޖަވާބު ހޯދުމަށް ކޯޓެއްގެ ދޮރުގަ ޓަކި ދީފައެއް ނެތް،" މުސްތަގުބަލުގައި މިފަދަ ހާލަތްތައް ފެންމަތިވުމުގެ ފުރުސަތު އަދިވެސް އޮންނާނެކަން ފާހަގަކުރައްވަމުން އޭނާ އިތުރަށް ވިދާޅުވި އެވެ.
އެކަމަކު ހާއްސަކޮށް ނަޝީދުގެ ހާލަތުގައި ކުރިމަތިވެގެން އުޅެނީ މާނަކުރުމުގެ މައްސަލައެއް ނޫން ކަމީ މިކަމުގައި ކުރިން ވާހަކަ ދެއްކެވި މުހުތާޒްގެ ރައުޔެވެ.
މުހުތާޒް ގަބޫލުކުރައްވާ ގޮތުގައި، ކޮންމެ ކަމެއް ކޮންމެ ހާލަތަކަށް ގާނޫނުގައި ބަޔާން ނުކުރެވޭނެ އެވެ. އެ ގޮތަށް ބަޔާން ނުވެސް ޖެހެ އެވެ.
"ގާނޫނުގަ ލިޔާކަށް ނުވެސްޖެހޭ. މި ދައްކަނީ ސިޔާސީ ތަޖުރިބާކާރު ބޭފުޅުންގެ ވާހަކަ. އެ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކޮންފްލިކްޓު ރެއިސްވާނެ ހިސާބު. ގާނޫނުން މަނާނުކުރެއޭ ކިޔާފަ ހުރިހާ ކަމެއް ނުކުރެވޭނެ. ހުރިހާ ކަމަކަށް ވެސް ގާނޫނެއް ވެސް ނުހެދޭނެ. މޯރަލީ ވެސް އެތިކަލީ ވެސް ވިސްނަންޖެހޭ ކަންތައްތައް ހުންނާނެ،" މުހުތާޒް ވިދާޅުވި އެވެ.
މުހުތާޒް އެ ވިދާޅުވާ ވާހަކައިގައި ބުރަދަނެއް ހުރި ނަމަވެސް، މި ކަމަކީ ވަކި މީހެއްގެ އަމިއްލަ "މޯރަލްސް" ނޫނީ "އެތިކްސް" އަށް ދޫކޮށްލައިގެން ތިބެވޭ ވަރަށް ވުރެ ހައްސާސީ މައްސަލައަކަށް މިވަނީ ވެފަ އެވެ.
ވަޒީރުންނާއި މަޖިލީހުގެ މެމްބަރުން އެހެން މަގާމެއް އަދާކޮށްގެން އުޖޫރައެއް ނުލިބުނަސް، އެ މަގާމަކުން އެ މީހަކަށް ލިބޭ "ފައިދާ" ނޫނީ "މަންފާ" މާނަކުރެވިފައި އޮންނަންޖެހެ އެވެ. އަދި އެއަށްވުރެ ބޮޑަށް، އެ މީހަކު އައްޔަނުކުރާ ނޫނީ އިންތިހާބުކުރާ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފުރިހަމައަށް ހާއްސަކޮށްފައި ބެހެއްޓޭނެ ގޮތަކަށެވެ.












