ޕެރިސް (ނޮވެމްބަރު 7) - ގަތަރުގައި މި މަހު ފަށާ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ފަސް ގައުމެއް އެބައޮތް ކަމަށް ބްރެޒިލްގެ ތަރި ނޭމާ ބުނެފި އެވެ.
ވޯލްޑް ކަޕްގެ ތަށި ފަސް ފަހަރު އުފުލާލައި އެންމެ ކާމިޔާބު ގައުމުގެ ގޮތުގައި އޮތް ބްރެޒިލުން އެންމެ ފަހުން ޗެމްޕިއަންކަން ހޯދީ މީގެ 20 އަހަރު ކުރިން، 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާންގައި މުބާރާތް ހޯސްޓް ކުރި ފަހަރު އެވެ. އޭގެ ފަހުން، އަނެއްކާ ވެސް އޭޝިއާ ބައްރުގައި ބާއްވާ ވޯލްޑް ކަޕަކާ ކުރިމަތިލާއިރު، ގިނަ ފުޓްބޯޅަ ސަޕޯޓަރުންގެ ނަޒަރުގައި 20 އަހަރަށް ފަހު ބްރެޒިލަށް އަނެއްކާ ވެސް ތަށި ހޯދަން މިއީ ރަނގަޅު ފުރުސަތެއް އޮތް ފަަހަރެކެވެ.
މި ފަަހަރުގެ ވޯލްޑް ކަަޕަކީ ސީޒަނެއްގެ މެދުތެރެއިން ބާއްވާ މުބާރާތެއް ކަމަށްވާތީވެ، މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގައި ތިބި ކުޅުންތެރިން ފެންނާނީ ވަރަށް ރަނގަޅު ލެވަލެއްގައި ކަމަށް ނޭމާ ވަނީ ބުނެފަ އެވެ.
ނޭމާ ބުނީ ޓީމުތަކުގެ ފެންވަރަށް ބަލާއިރު، ފޭވަރިޓުންގެ ގޮތުގައި ނަގާނެ ގައުމުތަކެއް އެބައޮތް ކަމަށެވެ.
"ފްރާންސް، އާޖެންޓީނާ، ޖަރުމަނު، އިންގްލެންޑް، ދެން ބެލްޖިއަމް ވެސް މި އޮތީ ބްރެޒިލާ އެއްވަރަށް ހަމަ ވަރުގަދަކޮށް، މިއީ ވަރަށް ވަރުގަދަވާނެ ކަމަށް ބެލެވޭ ވޯލްޑް ކަޕެއް ޓީމުތައް ފެންނަނީ ވަރަށް ވާދަވެރި ރޫހެއްގައި ތައްޔާރުވާތަން،" ނޭމާ ބުންޏެވެ.

ޕީއެސްޖީގެ މެޗެއްގެ ތެރެއިން ނޭމާ.
ނޭމާ ބުނީ ގިނަ ބަޔެއްގެ ނަޒަރުގައި މި ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރާނެ ޓީމަކަށް ބްރެޒިލް ވުމަކީ އެ ޓީމުން އެކަމަށް މާ ބޮޑަށް ވިސްނާނެ ކަމެއް ނޫން ކަމަށެވެ. އަދި ބްރެޒިލްގައި މިހާރު އޮތް ޓީމަކީ ވޯލްޑް ކަޕެއް ކާމިޔާބު ކުރެވޭނެ ފެންވަރު ހުރި ޓީމެއް ކަމަށް ނޭމާ ވެސް ވަނީ ބުނެފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު، ނޭމާ ހުރީ މި ސީޒަނުގައި ޕީއެސްޖީއާ އެކު ވަރަށް ރަނގަޅު ފޯމެއްގަ އެވެ. މި ސީޒަނުގައި މިހާތަނަށް ހުރިހާ މުބާރާތެއްގައި ޕީއެސްޖީ ކުޅުނު 19 މެޗުން ނޭމާ ވަނީ 15 ގޯލު ޖަހައި، 12 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ނޭމާ އެންމެ ރަނގަޅު ފޯމުގައި ހުރި ވޯލްޑް ކަޕަކީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތުގަ އެވެ. އެކަމަކު، އެ ފަހަރު ކުއާޓާ ފައިނަލުގައި ކޮލަމްބިއާ އަތުން ބްރެޒިލް މޮޅުވި މެޗުގައި ނޭމާގެ ބުރަކަށްޓަށް އަނިޔާވެގެން، އޭނާ އަށް މުބާރާތް ނިމުނީ އެވެ. އެ ފަހަރު ބްރެޒިލް ކެޓީ ސެމީ ފައިނަލުގައި ޖަރުމަނު އަތުން 7-1 އިން ބަލިވެގެންނެވެ.
އޭގެ ފަހުން، 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުން ބްރެޒިލް ކެޓީ ކުއާޓާ ފައިނަލުގައި ބެލްޖިއަމް އަތުންނެވެ.
މިދިޔަ ދެ ވޯލްޑް ކަޕްގައި ބްރެޒިލަށް އެންމެ ރަނގަޅު ނަތީޖާ ނެރެން އުނދަގޫވީ އެއް ސަބަބަކީ މާ ބޮޑަށް ނޭމާ އަށް ބަރޯސާވެގެން ޓީމު ތައްޔާރުވުމުންކަން ފާހަގަކޮށް، ބްރެޒިލްގެ ލެޖެންޑަރީ ޑިފެންޑަރު، ކަފޫ ބުނީ މިހާރު އޮތް ބްރެޒިލް ޓީމު ތަފާތު ކަމަށެވެ. އެ ގޮތުން ކަަފޫ ބުނީ ވަކި ހާއްސަ ކުޅުންތެރިއަކަށް ބަލައިގެން ޓީމު ރޭވުމަށް ވުރެން މި ފަހަރު ބްރެޒިލް ޓީމު އޮތީ ޓީމެއްގެ ގޮތުގައި ވަރުގަދަ ކޮށް ކަމަށެެވެ.












