ޓިއުރިން (ނޮވެމްބަރު 7) - އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާން 2-0 އިން ބަލިކޮށް ލީގުގައި ކުރިއަށްދާން ޔުވެންޓަސް އިން މުހިންމު މޮޅެއް ހޯދައިފި އެވެ.
މި ސީޒަނުގެ ގިނަ މެޗުތަކުގައި ރަނގަޅަށް ކުޅުނު ނަމަވެސް ނަތީޖާ ނެރުމަށް ގިނަ ގޮންޖެހުންތައް ކުރިމަތިވި ޔުވެންޓަސް އިން މި ވަނީ ލީގުގައި ޖެހިޖެހިގެން ހަތަރު ވަނަ މޮޅު ހޯދައިފަ އެވެ. ޔުވެންޓަސް އޮތީ 13 މެޗުން 25 ޕޮއިންޓް ހޯދައިގެން ލީގުގެ ފަސް ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ނަޕޯލީއާ ޔުވެންޓަސްގެ ފަރަގަކީ 10 ޕޮއިންޓެވެ.
ޔުވެންޓަސް ދަނޑުގައި ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ފުރުސަތުތައް ހޯދީ އިންޓަ އިންނެވެ. އޭރިއާތެރެއިން އިންޓަގެ އާޖެންޓީނާ ފޯވާޑް ލަޓާރޯ މާޓީނޭޒް ޖެހި ޝޮޓް ދިޔައީ އަރިމަތިން ބޭރުންނެެވެ. އޭގެ ފަހުން މެޗުގެ 25 ވަނަ މިނިޓްގައި ކޯނަރަކުން އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި އިންޓަގެ ބޮސްނިއާ ފޯވާޑް، އެޑިން ޖެކޯ ބޮލުން ޖެހި ބޯޅަ ވެސް ގޯލާ ސީދާނުވި އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ކައުންޓަ އެޓޭކެއްގައި ގޯލު ކުރިމަތިން ހުސްކޮށް، އިންޓަގެ ޑެންޒެލް ޑަމްފްރީސް އަށް ލިބުނު ފުރުސަތު ވެސް ދިޔައީ ބޭނުމެއް ނުހިފި އެވެ.
މެޗުގައި ޔުވެންޓަސް އަށް ލިބުނު ފުރަތަމަ އެ ޓީމުން ލީޑުނެގީ ދެ ވަނަ ހާފްގެ ކުުޅުން ފެށިގެން ހަ ވަނަ މިނިޓްގަ އެވެ. ކައުންޓަ އެޓޭކެއްގައި ޔުވެންޓަސްގެ ފިލިޕް ކޮސްޓިޗް އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ އޭޑްރިއަން ރަބިއޯ ވަނީ ހަމަޖެހިލާފައި ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.
ޔުވެންޓަސް އަށް ލީޑުފުޅާކޮށްދޭން މެޗުގެ 65 ވަަނަ މިނިޓްގައި ޑަނީލޯ ޖެހި ގޯލު ބަލައިނުގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ. އެއީ ޑަނީލޯ އަތުގައި ބޯޅަ ޖެހުމުންނެވެ. އިންޓަ އަށް އެއްވަރުކޮށްދޭން މާޓީނޭޒް ޖެހި ބޯޅަ ޔުވެންޓަސްގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ތިން ޕޮއިންޓް ޔުވެންޓަސް އަށް ޔަގީންކޮށްދިން ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި ނިކޯލޯ ފަޖިއޯލީ އެވެ. މެޗުގެ 84 ވަނަ މިނިޓްގައި ކޮސްޓިޗް ދިން ބޯޅަ ފަޖިއޯލީ ފޮނުވާލިއިރު، ބޯޅަ ގޯލަށް ވަނީ އިންޓަ ކުޅުންތެރިއަކު ގައިގައި ޖެހިފަ އެވެ. އޭގެ ކުރިން ކޮސްޓިޗް ފޮނުވާލި ބާރު ބޯޅައެއް އިންޓަ ކީޕަރު އަންދްރޭ އޮނާނާ އަތުގައި ޖެހިފައި ބޭރުވީ ދަނޑީގައި ވެސް ޖެހިފަ އެވެ.
އިޓާލިއަން ލީގުގައި ރޭ ކުޅުނު ރޯމް ޑާބީ މެޗުން، ލާޒިއޯ ވަނީ 1-0 އިން ރޯމާ ބަލިކޮށްފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު 29 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ފިލީޕޭ އެންޑަސަން އެވެ. ލާޒިއޯ ވަނީ މި މޮޅާ އެކު ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ.
ރޭ ބަލިވި ރޯމާ އޮތީ ލީގުގެ ހަ ވަނައިގަ އެވެ. އަދި އިންޓަ ވެސް ވަނީ ހަތް ވަނަ އަށް ވެއްޓިފަ އެވެ.












