މިއުނިކް (އޮކްޓޫބަރު 3) - ހަމުގެ ކެންސަރަށް ފަރުވާ ހޯދަން ބަޔާން މިއުނިކް އަށް ކުޅޭ ޖަރުމަނުގެ ގޯލްކީޕަރު މެނުއަލް ނޯޔާ، ތިން އޮޕަރޭޝަނެއް ކުރި ކަމަށް ބުނެފި އެވެ.
ކޮނޑު ހުޅަށް ލިބިފައިވާ އަނިޔާއެއްގެ ސަަބަބުން މި ވަގުތު ކުޅުމާ ދުރުގައި ހުރި ނޯޔާ، 36، ދާދި ފަހުން ވަނީ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ، އެންޖެލިކާ ކާބާއާ ގުޅިގެން ސްކިންކެއާ ލައިން އެއްގެ މަސައްކަތް ފައްޓައިފަ އެވެ.
އޭގެ ޕްރޮމޯޝަން ވީޑިއޯއެއްގައި ވާހަކަ ދައްކަމުން ނޯޔާ ބުނީ ހަމުގެ ކެންސަރަކީ އޭނާ އަށް ކުރިމަތިވި ކަމެއް ކަމަށާއި އޭގެ ފަރުވާ އަށް ތިން އޮޕަރޭޝަނެއް ކުރަން ޖެހި އުނދަގޫ ދުވަސްތަކެއް ގުނަން ޖެހުނު ކަމަށެެވެ. އެ ވީޑިއޯގައި ދެއްކި ވާހަކައިގައި އޮޕަރޭޝަންތައް ކޮށްފައިވާ ދުވަސްވަރެއް ހާމަކޮށްފައިނުވާ ނަމަވެސް މިދިޔަ އަހަރު ނޯޔާ ވަނީ ނޭފަތް ކައިރީގައި ގާޑެއް އަޅައިގެން މެޗުތަކެއް ކުޅެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ނޯޔާ އެ ފަހަރު ޕްލާސްޓަރެއް އަޅަން ޖެހުނީ އޮޕަރޭޝަން ކުރިއިރު، ނޭފަތް ކައިރި އިންފެކްޓް ވެގެން ކަމަށެވެ.
ޖަރުމަނަށް 2014 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިދޭން އެހީތެރިވި ނޯޔާގެ ކެންސަރު ވާހަކަތަކާ ބެހޭގޮތުން ބަޔާނުން ވާހަަކަ ދައްކަން ބޭނުމެއް ނުވި އެވެ. ބަޔާނުން އުންމީދު ކޮށްގެން ހުރީ އަންނަ ހޮނިހިރު ދުވަހު ޖަރުމަނު ލީގުގައި ހާތާ ބާލިންއާ ދެކޮޅަށް ކުޅޭ މެޗަށް ނޯޔާ އެނބުރި ޓީމާ ގުޅުމަށެވެ.
ޖަރުމަނުގެ ކޯޗު ހަންސީ ފްލިކް މި ފަހަރުގެ ވޯލްޑް ކަޕްގައި ލީޑަރުންގެ ގޮތުގައި ބަރޯސާވާނެ އެއް ކުޅުންތެރިއަކީ، ނޯޔާ އެވެ. ނޯޔާ ވަނީ ޖަރުމަނު ގައުމީ ޓީމަށް 113 މެޗު ކުޅެދީފަ އެވެ. ޖަރުމަނުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި މި މަހު 23 ވަނަ ދުވަހު ބައްދަލުކުރާނީ ޖަޕާނާ އެވެ. އެ ގްރޫޕްގައި ދެން އޮތީ ކޮސްޓަ ރިކާ އަދި ސްޕެއިން އެވެ.












