ލަންޑަން (ނޮވެމްބަރު 2) - އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން އާސެނަލް ކުުޅުނު މެޗުގައި އެ ޓީމުގެ ވިންގް، ބުކާޔޯ ސަކާ އަށް އަނިޔާގެ ސަބަބުން މި މަހު 20 ވަނަ ދުވަހު ފަށާ ފީފާ ވޯލްްޑް ކަޕް ފުޓްބޯޅަ މުބާރާތް ގެއްލިދާނެ ކަމަށް ދެކެވޭ ވާހަކަ އާސެނަލްގެ އޮފިޝަލަކު ދޮގުކޮށްފި އެވެ.
ސަކާ، 21، ގެ ފައިގެ ކުޑަހުޅަށް އަނިޔާވީ މިދިޔަ އާދިއްތަ ދުވަހުގެރޭ ނޮޓިންހަމް ފޮރެސްޓް އަތުން އާސެނަލް 5-0 އިން މޮޅުވި މެޗުގަ އެވެ. އެ މެޗުގެ 27 ވަަނަ މިނިޓްގައި ސަކާ ބަދަލުކުރަން ޖެހުނީ ނޮޓިންހަމް ފޮރެސްޓްގެ ރެނަން ލޯޑީ ކުރި ގިނަ ޗެލެންޖްތަކެއްގެ ސަބަބުން ސަކާ އަށް ލިބިފައިވާ އަނިޔާ އިތުރަށް ގޯސްވެދާނެތީ ކަމަށް ބަލަ އެވެ.
އެ މެޗަށް ފަހު ހެދި ސަކާގެ ފުރަތަމަ ޓެސްޓްތަކުން އެންމެ ފުރިހަމަ މައުލޫމާތު ނަގަން އުނދަގޫވުމުން އިތުރު ޓެސްޓްތަކެއް ހަދަން އާސެނަލުން ނިންމި އެވެ. އޭރު އިނގިރޭސި މީޑިއާގައި ދެކެވުނީ ސަކާ އަށް އަނިޔާއާ ހެދި މި ފަހަރުގެ ވޯލްޑް ކަޕް ގެއްލިދާނެ ކަމުގެ ވާހަކަ އެވެ.
އިތުރު ޓެސްޓްތަކެއް ހެދުމަށް ފަހު، އާސެނަލްގެ އޮފިޝަލަކު އިނގިރޭސި މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ސަކާ އަށް ވޯލްޑް ކަޕް ގެއްލިއްޖެ ކަމަށް ބުނެ ދެކެވެނީ ހަގީގަތެއް ނެތް ވާހަަކަތަކެއް ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ސަކާ އަށް އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގައި ޗެލްސީއާ ދެކޮޅަށް އާސެނަލް ކުޅޭ މެޗުގައި ވެސް ކުޅެވިދާނެ އެވެ. އެކަމަކު، ވޯލްޑް ކަޕް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ޓީމެއްގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިއަކު، އެއްކޮށް ފިޓްނުވަނިސް ބޭނުންކުރުމަކީ ގައުމީ ޓީމުތަކުން ރުހޭ ކަމެއް ނޫނެވެ.
މީގެ ދެ އަހަރު ކުރިން، އިންގްލެންޑް ސީނިއާ ޓީމުން ފުރަތަމަ ފަހަރަށް ޖާގަ ހޯދި ސަކާ އަކީ މިދިޔަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އިންގްލެންޑް ދަތުރުކުރިއިރު، ރަނގަޅު ކުޅުމެއް ދެއްކި ކުުޅުންތެރިއެކެވެ.
އިނގިރޭސި އުމުރުފުރާ ގައުމީ ޓީމުތަކުން ވިދާލި ސަކާ ވަނީ މިހާތަނަށް އިންގްލެންޑްގެ ސީނިއާ ޓީމަށް 20 މެޗުން ހަތަރު ގޯލު ޖަހައިފަ އެވެ.
މިއީ އާސެނަލްގައި ސަކާ އެންމެ ފޯމުގައި ސީޒަން ފެށި ފަހަރެވެ. އޭނާ ވަނީ މި ފަހަރުގެ ސީޒަނުގައި އާސެނަލަށް ކުޅެދިން 17 މެޗުން ފަސް ގޯލު ޖެހުމުގެ އިތުުރުން ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ފޯމަށް ބަލާއިރު، މި ފަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ސަކާގެ ބޭނުން ވަރަށް ބޮޑަށް ހިފާނެ ކަމަށް ބެލެވެ އެވެ.












