ޓިއުރިން (އޮކްޓޫބަރު 31) - ތިން ހަފްތާއެއްހާ ދުވަސްތެރޭ ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގައި އަނިޔާގެ ސަބަބުން ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ނުކުޅޭނެކަން ޔަގީންވެއްޖެ އެވެ.
ފްރާންސުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުގައި މުހިންމު ރޯލެއް ކުޅުނު ޕޮގްބާ، 29،ގެ ކަކުލުގެ މެނިސްކަސް އިރައިގެން ދިޔައީ، މިދިޔަ ޖުލައި މަހު ޔުވެންޓަސްގެ ޓްރެއިނިން ސެޝަނެއްގެ ތެރެއިންނެވެ. ފުރަތަމަ ޓެސްޓްތަކުން ދެއްކީ އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށެވެ.
އެކަމަކު، ކަކުލުގެ ދުޅަ ތިރިވުމުން، ކުރި ޓެސްޓްތަކުން އެނގުނީ ކުރިން ހީކުރި ވަރަށް ވުރެ އަނިޔާ ސީރިއަސް ނޫން ކަމެވެ. އެ ވަގުތަށް ބަލާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހޭތީ، ޕޮގްބާ، އަށް ލަސްވެގެން ފަސް ހަފްތާ ތެރޭގައި ކުޅުމަށް އެނބުރި އާދެވޭނެ ކަމަށް އޭރު ބެލެވުނެވެ. އެހެން ނަމަވެސް ފަހުން އިތުރު ޓެސްޓްތަކެއް ހަދައި، ސެޕްޓެމްބަރު މަހުގެ ތެރޭގައި އޮޕަރޭޝަނެއް ކުރަން ޕޮގްބާ ނިންމީ އެވެ.
އޭރު ކުރި އޮޕަރޭޝަނަށް ފަހު، ރިކަވަރީގެ ފުރަތަމަ މަރުހަލާތައް ނިންމައި، މީގެ 10 ދުވަސް ކުރިން ޕޮގްބާ ވަނީ ޔުވެންޓަސްގެ ފަރިތަކުރުންތަކަށް ނުކުމެފަ އެެެވެ. އެކަމަކު، މިހާތަނަށް ކުރިއަށް ދިޔަ ޓްރެއިނިން ސެޝަންތަކަށް ބަލާއިރު، ޕޮގްބާގެ ފިޓްނަސް އަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބޭތީ، ޔުވެންޓަސްގެ މެޗުތަކުގައި އޭނާ އަށް ވޯލްޑް ކަޕްގެ ކުރިން ބައިވެެރިނުވެވޭނެކަން ވަނީ ޔަގީންވެފަ އެވެ.
އެ ގޮތުން، ޕޮގްބާ ކުޅުމަށް އެނބުރި އަންނަން ނަގާ މުއްދަތު އިތުރުވެފައިވާތީ، އޭނާ އަށް ވޯލްޑް ކަޕްގައި ވެސް ނުކުޅެވޭނެކަން ޕޮގްބާގެ އޭޖެންޓް ރަފައެލާ ޕިމެންޓާ ވަނީ މިރޭ އާންމުކުރި ބަޔާނެއްގައި ޔަގީންކޮށްދީފަ އެވެ.
ޕޮގްބާ އަށް ނުކުޅެވޭނެކަން ޔަގީންވުމާ އެކު، ފްރާންސް އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ނުކުންނާނީ ތަށި ހޯދި ޓީމުގެ މެދުތެރޭގައި ކުޅުނު ދެ މިޑްފީލްޑަރު ނެތި އެވެ. ޕޮގްބާގެ އިތުރުން އެންގޯލޯ ކާންޓޭ އަށް ވެސް އަނިޔާގެ ސަބަބުން މި ފަހަރުގެ ވޯލްޑް ކަޕް ވަނީ ގެއްލިފަ އެވެ.
މެންޗެސްޓާ ޔުނައިޓަޑްގައި ހަ އަހަރު ހޭދަކުރުމަށް ފަހު، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕޮގްބާ އަލުން ޔުވެންޓަސް އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ޕޮގްބާ އަށް ޔުވެންޓަސްގެ ރަސްމީ މެޗެއްގައި ކުޅެވޭނީ ވޯލްޑް ކަޕްގެ ބްރޭކަށް ފަހު އަންނަ އަހަރު ކަމަށް ބެލެވެ އެވެ.












