ޕާތު، އޮސްޓްރޭލިއާ (އޮކްޓޫބަރު 31) - އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ދެ މެޗުގައި މޮޅު ކުޅުމެއް ދައްކައި ތާވަލްގެ ކުރީގައި އޮތް ވަރުގަދަ އިންޑިއާ ހަމަބިމަށް ތިރިކޮށް ދެކުނު އެފްރިކާ އިން ފެންވަރު ދައްކާލައިފި އެވެ.
ޓީ20 ކްރިކެޓް ވޯލްޑްކަޕްގެ ގަދަ 12ގެ ގްރޫޕް ބީގައި އިންޑިއާ އަތުން ދެކުނު އެފްރިކާ މޮޅުވުމުން އެ ޓީމު ވަނީ ގްރޫޕްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އިންޑިއާ އޮތީ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ލިބުނު ހަތަރު ޕޮއިންޓާ އެކުގަ އެވެ. ތިން ވަނައިގައި އޮތް ބަންގްލަދޭޝް އަށް ވެސް ހަތަރު ޕޮއިންޓް ލިިބިފައިވާއިރު، އެ ޓީމަށް ތިން ވަނަ ލިބެނީ ނެޓް ރަން ރޭޓްގެ ތަފާތުންނެވެ.
އިއްޔެ، އޮސްޓްރޭލިއާގެ ޕާތުގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން އިންޑިއާ އިން ނިންމީ ފުރަތަމަ ކުޅެން އަރާށެވެ. އެ ޓީމުން އަރައި 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 133 ލަނޑެވެ. މެޗުގެ ފުރަތަމަ އަށް އޯވަރުގެ ތެރޭގައި އިންޑިއާގެ މުހިންމު ފަސް ބެޓްސްމަނުން ނުބައިވި އެވެ. އެއްވެސް ކުޅުންތެރިއަކަށް 15 ލަނޑަށް ވުރެ ގިނަ ލަނޑެއް ނުހެދެ އެވެ.
އިންޑިއާ އަށް މި މެޗުން އުއްމީދެއް ހޯދައިދިނީ 40 ބޯޅައިން 68 ލަނޑު ހަދައިދިން ސޫރްޔަކުމާރު ޔާދަވް އެވެ. މި އިނިންގްސްގައި ދެކުނު އެފްރިކާގެ ލުންގީ އެންގިޑީ ހަތަރު އޯވަރުގައި 29 ބޯޅައަށް ހަތަރު ވިކެޓު ނެގި އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އެންގިޑީ އެވެ. ވޭން ޕަވަލް މެޗުގައި ހަތަރު އޯވަރުގައި 15 ލަނޑަށް ތިން ވިކެޓު ނެގި އެވެ.

ދެކުނު އެފްރިކާ ޓީމުގެ މިލާ ޝޮޓެއް ފޮނުވާލަނީ: މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި ބެޓްސްމަން އަކީ މިލާ.--- ފޮޓޯ: ގެޓީއިމޭޖަސް
ދެކުނު އެފްރިކާ އިން ކުޅެން އަރައި މެޗުން މޮޅުވީ 19.4 އޯވަރުގައި 137 ލަނޑު ހަދައިގެންނެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ، 46 ބޯޅައިން 59 ލަނޑު ހެދި ޑޭވިޑް މިލާ އާއި 41 ބޯޅައިން 52 ލަނޑު ހެދި އައިޑެން މަކްރަމް އެވެ.
ކޮންމެ ގްރޫޕަކުން ދެ ޓީމު ސެމީ ފައިނަލަށް ދާއިރު، އިންޑިއާ އާއި ދެކުނު އެފްރީކާ ހިމެނޭ ގްރޫޕުގައި އޮތް ޕާކިސްތާނުން ވެސް ވަނީ އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ. ފުރަތަމަ ދެ މެޗުގައި އިންޑިއާ އާއި ޒިމްބާބްވޭ އަތުން ބަލިވި ޕާކިސްތާން މޮޅުވީ ނެދަލޭންޑްސް އަތުން ހަ ވިކެޓުންނެވެ.
މެޗުގެ ފުރަތަމަ އިނިންގްސްގައި ކުޅެން ނުކުމެ 20 އޯވަރުގައި 9 ކުޅުންތެރިން ނުބައިވެގެން ނެދަލެންޑްސް އަށް ހެދުނީ 91 ލަނޑެވެ. ޕާކިސްތާން ބޯލަރުންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޝަދާބް ޚާން ހަތަރު އޯވަރުގައި 22 ލަނޑަށް ތިން ވިކެޓު ނެގި އެވެ.
ޕާކިސްތާން މެޗު ކާމިޔާބުކުރީ 13.5 އޯވަރުގައި ހަތަރު ކުޅުންތެރިން ނުބައިވިއިރު 95 ލަނޑު ހަދައިގެންނެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 39 ބޯޅައިން 49 ލަނޑު ހެދި މުހައްމަދު ރިޒްވާން އެވެ.
މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ވާދަކުރާނީ ގްރޫޕް އޭގެ އޮސްޓްރޭލިއާ އާއި އަޔަލެންޑެވެ.












