ޕެރިސް (އޮކްޓޫބަރު 30) - ފްރާންސް ލީގުގައި ރޭ ފަހަތުން އަރައި ޓްރޯއިސް 4-3 އިން ބަލިކޮށް، ތާވަލްގެ އެއް ވަނައިގައި އޮތް ޕީއެސްޖީން ލީޑު ދަމަހަައްޓައިފި އެވެ.
މި މެޗުގައި ޕީއެސްޖީގެ ލިއޮނެލް މެސީ އާއި ކިލިއަން އެމްބާޕޭ އަދި ނޭމާ ވެސް ވަނީ ލަނޑު ޖަހައިފަ އެވެ. ލަނޑު ޖެހުމުގެ އިތުރުން މެސީގެ ފަރާތުން ރޭގެ މެޗުގައި މޮޅު ކުޅުމެއް ވަނީ ފެނިފަ އެވެ. މި ސީޒަނުގައި ޕީއެސްޖީގެ އެޓޭކްގައި އެންމެ ނުފޫޒު ގަދަ ކުޅުންތެރިއެއްގެ ގޮތުގައި ފެންނަ މެސީ ވަނީ މިހާތަނަށް 17 މެޗުން 12 ގޯލު ޖަހައި، 13 ގޯލު ޖަހަން ފުުރުސަތު ތަނަވަސްކޮށްދީފަ އެވެ.
މި ސީޒަންގައި ނޭމާ އާއި މެސީ އަދި އެމްބާޕޭގެ ވަނީ މިހާތަނަށް ޖުމްލަ 43 ލަނޑު ޖަހައިފަ އެވެ.
އަމިއްލަ ދަނޑުގައި ރޭ ޓްރޯއިސް އަތުން މޮޅުވެ، ފްރާންސް ލީގުގެ ތާވަލްގެ އެއް ވަނައިގައި ޕީއެސްޖީން ވަނީ ފަސް ޕޮއިންޓްގެ ލީޑު ދަމަހައްޓައިފަ އެވެ.
މި މެޗުން ޕީއެސްޖީ މޮޅުވީ ދެ ފަހަރެއްގައި މަތިން ފަހަތުން އަރައި ލީޑު ހޯދައިގެނެވެ. މި މެޗުގައި ޕީއެސްޖީ އަށް ދެން ލަނޑު ޖަހައިދިނީ ކާލޮސް ސޮލާ އެވެ. ރޭގެ މެޗުގައ ޓްރޯއިސްގެ މާމާ ބޯލްޑޭ ރޭގެ މެޗުގައި ދެ ލަނޑުޖެހިއިރު، އަންޓޭ ޕަލަވަރްސާ ވެސް ވަނީ ލަނޑު ޖަހައިފަ އެވެ.
މި މެޗަށް ފަހު ޕީއެސްޖީން ދެން ނުކުންނާނީ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗަށެވެ. ގުރޫޕް އެއް ވަނަ ޕީއެސްޖީ އަށް ކަށަވަރުވާނީ މި މެޗުން މޮޅުވެވެގެނެވެ.
ޕީއެސްޖީގެ ކޯޗު ގްރިސްޓޯފް ގަލްޓިއޭ ބުނީ ރޭގެ މެޗުގައި ކުޅުނު ގޮތަށް ކުޅެގެން ޔުވެންޓަސް ބަލިކުރަން އުނދަގޫވާނެ ކަމަށެވެ.
"މިހާ ފަރުވާ ކުޑަވެގެން އަހަރަމެންނަށް ޔުވެންޓަސް ބަލިނުކުރެވޭނެ. ވަރަށް ގިނަ ކަންތައްތައް ރަނގަޅުކުރަންޖެހޭ. ޗެމްޕިއަންސް ލީގުގެ ޓީމަކާ ދެކޮޅަށް ތިން ލަނޑު ކޮޅަށް ވަދެއްޖެނަމަ، އަހަރަމެން ސަލާމަތެއްނުވާނެ،" ގަލްޓިއޭ ބުންޏެވެ.












