މެޑްރިޑް (އޮކްޓޫބަރު 29) - އަންނަ މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރަން ސްޕެއިނުން ނެގި 55 ކުޅުންތެރިންގެ ޕްރޮވިޝަނަލް ސްކޮޑުން ވެސް މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަށް ޖާގައެއް ނެތް ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލުއިސް އެންރީކޭ ސްޕެއިން ގައުމީ ޓީމުގެ 55 ކުޅުންތެރިންގެ ޕްރޮވިޝަނަލް ލިސްޓެއް ރަޖިސްޓްރީ ކުރަން ފޮނުވިއިރު، ފަސް ގޯލްކީޕަރުން ވަނީ ހިމަނައިފަ އެވެ. އެއީ ފުރަތަމަ ތިން ކީޕަރުންގެ ގޮތުގައި އެތުލެޓިކް ބިލްބާއޯގެ އުނާއީ ސިމޯން، ބްރެންޓްފޯޑްގެ ޑޭވިޑް ރާޔާ އަދި ބްރައިޓްންގެ ޑޭވިޑް ސަންޗޭޒް އެވެ. ދެން، ރަޖިސްޓްރީކުރި ދެ ގޯލްކީޕަރުންނަކީ ޗެލްސީގެ ކެޕާ އަރިއްޒަބަލާގާ އާއި ގެޓަފޭގެ ޑޭވިޑް ސޮރީއާ އެެވެ.
މީގެ ތެރެއިން 26 ކުޅުންތެރިންނަށް ސްކޮޑު ފައިނަލްކުރާއިރު، އުނިކުރާނެ ދެ ކީޕަރުންގެ ގޮތުގައި ބެެލެވެނީ ކެޕާ އާއި ސޮރީއާ އެެވެ.
ޔުނައިޓެޑްގެ އެއް ވަނަ ގޯލްކީޕަރުގެ ގޮތުގައި ހުރި ޑެހެއާ، 31، އަށް ސްޕެއިނުގައި މަގާމު ދެމެހެއްޓުން ވަނީ އުނދަގޫ ކަމަކަށްވެފަ އެވެ. ޑެހެއާ އެންމެ ފަހުން ސްޕެއިނަށް މެޗެއް ކުޅެދިނީ މީގެ ދެ އަހަރު ކުރިން، 2020 ވަަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ.
އޭގެ ފަހުން، މިދިޔަ އަހަރު ނޮވެމްބަރު މަހު ޑެހެއާ ވަނީ ސްޕެއިން ސްކޮޑަށް ނަގައިފަ އެވެ. އެކަމަކު، ކުޅުމުގެ ފުރުސަތު ދީފައިނުވެ އެވެ.
އަންނަ ސީޒަނުގެ ނިޔަލަށް ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ޑެހެއާ ހުރިއިރު، އޭނާގެ ކޮންޓްރެކްޓް އާ ކުރަން ޔުނައިޓެޑުން އަދި މާ ބޮޑު މަޝްވަރާތަކެއް ނުކުރެ އެވެ. ޑެހެއާ ޔުނައިޓެޑާ އެކު 2019 ވަނަ އަހަރު ސޮއިކުރި ހަ އަހަރުގެ ކޮންޓްރެކްޓްގައިވާ ގޮތުން އޭނާ އަކީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ގޯލްކީޕަރެވެ. ޑެހެއާ އަށް އަހަރަކު 22 މިލިއަން ޑޮލަރުގެ މުސާރައެއް ލިބެ އެވެ.
ޔުނައިޓެޑުން އާ ކީޕަރެއް ހޯދުމަށް ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، އޭގެ ތެރޭގައި ސްޕެއިންގެ އެއް ވަނަ ކީޕަރު އުނާއި ސިމޯން ވެސް ހިމެނެ އެވެ. ދެން ޔުނައިޓެޑުން ފާރަލާ ކީޕަރަކީ ޕޯޓޯ އަށް ކުޅޭ ޕޯޗުގަލް ގައުމީ ޓީމުގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ އެވެ.












