ފުވައްމުލަކުގައި މިހާރު ކުރިއަށްދާ ފުވައްމުލައް ޓީ20 ޕްރިމިއާ ކްރިކެޓު ލީގުގައި ކުޅެމުން އަންނަ އެ ރަށު ކްރިކެޓު އެކަޑެމީގެ ޓީމުން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް އުއްމީދީ ކުޅުމުއް ދައްކައިފި އެވެ.
ފުވައްމުލައް ޓީ20 ޕްރިމިއާ ކްރިކެޓު ލީގަކީ ފުވައްމުލަކުގައި ކްރިކެޓު ދިރުވައި އާލާކޮށް އެރަށުގައި ތިބި ޒުވާން ކުޅުންތެރިންނަށް ރަނގަޅު ފެންވަރެއްގެ މެޗުތަކެއް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ލީގެކެވެ. މިދިޔަ މަހު ފެށި މި ލީގުގައި ވާދަކުރަނީ ފުވައްމުލައް ކްރިކެޓު އެކަޑެމީގެ ޓީމުގެ އިތުރުން ފުވައްމުލަކުގައި ދިރިއުޅޭ ސްރީ ލަންކާ ކުޅުންތެރިންގެ ޓީމަކާއި ބަންގްލަދޭޝް ކުޅުންތެރިންގެ ޓީމެކެވެ.
މުބާރާތުގައި ފުވައްމުލައް އެކަޑެމީގެ ޓީމުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްފައިވަނީ ސްރީ ލަންކާ ކުޅުންތެރިންގެ ޓީމާ ދެކޮޅަށެވެ. ބަލިވީ ބަންގްލަދޭޝް ޓީމާ ދެކޮޅަށް ކުޅުނު ފުރަތަމަ ބުރުގެ މެޗުގަ އެވެ.
ލީގު އުސޫލުން ދެ ބުރު ކުޅޭ މުބާރާތުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗު ކުޅުނީ މިދިޔަ ހުކުރު ދުވަހުގަ އެވެ. މި މެޗު ލަންކާ ޓީމާއި ވާދަކޮށް ފުވައްމުލައް އެކަޑެމީ އިން ކާމިޔާބުކުރީ 52 ލަނޑުންނެވެ.
މެޗުގައި ފުރަތަމަ ކުޅެން ނުކުތީ ފުވައްމުލައް އެކަޑެމީގެ ޓީމެވެ. އެ ޓީމުން ކުޅެން އަރާ 20 އޯވަރުގައި ފަސް ކުޅުންތެރިން ނުބައިވެގެން 177 ލަނޑު ހެދި އެވެ. މި އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅުނީ 42 ބޯޅައިން 43 ލަނޑު ހެދި ނަސީމް އަލީ އާއި 41 ބޯޅައިން 39 ލަނޑު ހެދި ކެޕްޓަން އަޒިން ރަފީގު އެވެ.
ޖަވާބުގައި ސްރީ ލަންކާ ފުވައްމުލައް ޓީމުން ކުޅެން އަރައި 20 އޯވަރުގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 125 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 23 ލަނޑު ހެދި ނަމަލް ބަންޑާރަ އެވެ.
މުބާރާތުގެ ފުރަތަމަ ބުރުގައި ސްރީ ލަންކާ ފުވައްމުލައް އަތުން ފުވައްމުލައް އެކަޑެމީ މޮޅުވީ އަށް ލަނޑުގެ ހަނި ތަފާތަކުންނެވެ.
މިހާތަނަށް ދިވެހި ކުޅުންތެރިން މި މުބާރާތުގައި ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު، އެރަށުގައި ކްރިކެޓު ކުރިއެރުވުމަށް ކްރިކެޓު ބޯޑުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ލިބޭކަމަށް އެ އެސޯސިއޭޝަނުން ހާމަ ކުރެ އެވެ.
ކުރިއަށް އޮތްތަނުގައި މި ކުޅުންތެރިންނަށް ގިނަ ފުރުސަތުތައް ހޯދައިދިނުމަށް އިތުރު މުބާރާތްތައް ރޭވުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް އިން މައުލޫމާތު ދެ އެވެ.
މުބާރާތުގައި އަންނަ ހުކުރު ދުވަހު ކުޅޭ މެޗުގައި ވާދަކުރާނީ ފުވައްމުލައް އެކަޑެމީ އާއި ބަންގްލާ ޓައިގާސް އެވެ.













