ލަންޑަން (އޮކްޓޫބަރު 23) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސައުތެމްޓަންއާ 1-1 އިން އެއްވަރުވެ، ލީގުގެ އެއް ވަނައިގައި އޮތް އާސެނަލް އަތުން ޕޮއިންޓް ގެއްލުނުއިރު، ނިއުކާސަލް ޔުނައިޓެޑުން ޓޮޓެންހަމް ހޮޓްސްޕާސް 2-1 އިން ބަލިކޮށް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.
އާސެނަލް މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ 11 މެޗުން 28 ޕޮއިންޓާ އެކު އެވެ. މެންޗެސްޓާ ސިޓީ ދެ ވަނައިގައި އޮތީ 11 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމް ތިން ވަނައިގައި އޮތީ 12 މެޗުން 23 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނަ އަށް ޖެހިލި ނިއުކާސަލް އާއި ފަސް ވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. ނިއުކާސަލް އިން 12 މެޗު ކުޅެފައިވާއިރު، ޗެލްސީން ކުޅުނީ 11 މެޗެވެ.
ސައުތެމްޓަން ދަނޑުގައި މިރޭ އާސެނަލުން 11 ވަނަ މިނިޓްގައި ލީޑުނެގީ ގްރޭނިޓް ޝަކާ ޖެހި ގޯލުންނެވެ. ބެން ވައިޓް ނެގި ހުރަހަކަށް އަރަައި، އޭރިއާތެރެއިން ޝަކާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. ދެ ވަނަ ހާފްގެ ކުރީކޮޅުގައި އާސެނަލްގެ ލީޑުފުޅާކޮށްދޭން ގަބްރިއެލް ޖީސޫސް އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ސައުތެމްޓަންގެ ފުލްބެކް، މުހައްމަދު އަލްޔޫނެސީ ވަނީ ބްލޮކްކޮށްފަ އެވެ.
މި މެޗުގައި ސައުތެމްޓަން އިިން އެއްވަރުކުރި ގޯލު ޖެހީ 65 ވަނަ މިނިޓްގައި އެލްޔޫނެސީ ދިން ބޯޅަ އަކުން ސްޓުއާޓް އާމްސްޓްރޯންގް އެވެ. އޭނާ ވަނީ ލިބުނު ފުރުސަތުގައި ހަމަޖެހިލާފައި ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މެޗުން މޮޅުވެވޭ ވަރަށް އޭނާގެ ޓީމުން ފުރުސަތު ހޯދި ކަމަށެވެ. އެކަމަކު، މޮޅެއް ނުލިބި ޕޮއިންޓަކުން ފުއްދާލަން ޖެހުނުއިރު، މިއީ އާސެނަލުން ދާން ބޭނުންވާ މިސްރާބަށް ބަލާއިރު މިއީ އާސެނަލުން ފިލާވަޅު ނަގަން ޖެހޭ މެޗެއް ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

ނިއުކާސަލްގެ އަލްމިރޯން އާއި ވިލްސަން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
ޓޮޓެންހަމް ދަނޑުގައި މިރޭ ނިއުކާސަލް އިން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއްނަގައިފަ އެވެ. މެޗުގެ 31 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް އަށް ހެދުނު ގޯހެއްގެ ފައިދާނަަގައި ކަލުމް ވިލްސަން ވަނީ ގޯލެއް ޖަހައި އެ ޓީމަށް ލީޑެއް ނަގައިދީފަ އެވެ. އޭގެ ނުވަ މިނިޓް ފަހުން، ޓޮޓެންހަމް އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި މިގޭލް އަލްމިރޯން ވަނީ ނިއުކާސަލްގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ މި ސީޒަނުގައި އަލްމިރޯން ޖެހި ހަ ވަނަ ގޯލެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ނުވަ މިިނިޓް ތެރޭ ޓޮޓެންހަމްގެ ހެރީ ކޭން ބޮލުން ގޯލެއް ޖަހައި އުންމީދެއް ހޯދައިދިން ނަމަވެސް މެޗުގެ ބާކީ ބައިގައި ރަނގަޅަށް ޑިފެންސްކޮށް ނިއުކާސަލް އިން ތިން ޕޮއިންޓް ހޯދި އެވެ.
ޓޮޓެންހަމުން މި ފަހަރުގެ ލީގު ސީޒަން ރަނގަޅު ރެކޯޑަކާ އެކު ފެށި ނަމަވެސް އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެ، އެ ޓީމުގެ ފޯމަށް މި ވަނީ އަސަރުކޮށްފަ އެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ފުލަމް އިން ވަނީ ފަހަތުން އަރައި 3-2 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށް ލީގުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ. ސްޓީވެން ޖެރާޑް ކޯޗުކަމުން ވަކިކުރި ފަހުން އެސްޓަން ވިލާ ކުޅުނު ފުރަތަމަ މެޗުގައި ބްރެންޓްފޯޑް އަތުން މޮޅުވީ 4-0 އިންނެވެ. އަދި ވުލްވްސް ދަނޑުގައި 4-0 އިން މޮޅުވެ، ލެސްޓާ ސިޓީ ވަނީ ލީގުގެ 16 ވަނަ އަށް ޖެހިލައިފަ އެވެ.












