މެލްބާން، އޮސްޓްރޭލިއާ (އޮކްޓޫބަރު 23) - އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕްގައި މިއަދު ކުޅުނު މެޗުން އިންޑިއާ އިން ހަތަރު ވިކެޓުން ޕާކިސްތާން ބަލިކުރިއިރު، އިންޑިއާގެ ތަރި، ވިރާތު ކޯލީ ތަފާތު ދައްކައިފި އެވެ.
މެލްބާން ކްރިކެޓް ގްރައުންޑްގައި މިއަދު ކުޅުނު މެޗުގައި ޓޮސް ދިމާވުމުން އިންޑިއާ އިން ނިންމީ ފީލްޑް ކުރުމަށެވެ.
ޕާކިސްތާނުން ކުޅެން އަރައި، އެ ޓީމު ބޭނުންވާ މިސްރާބަށް މެޗު ގެންދަން އެންމެ ބޮޑު ހުރަހަކަށް ދިމާވީ އެ ޓީމުގެ އޯޕަނިން ބެޓްސްމަނުން މާ އަވަހަށް ނުބައިވުމުންނެވެ. އެ ގޮތުން ޕާކިސްތާންގެ ކެޕްޓަން ބާބަރު އާޒަމް އާއި މުހައްމަދު ރިޒްވާން ވަނީ ރަނގަޅަށް ކުޅެން ނުފެށެނިސް ނުބައިވެެފަ އެވެ. ބާބަރު ނުބައިވީ ފުރަތަމަ ބޯޅައިގަ އެވެ. އަދި ރިޒްވާން ނުބައިވިއިރު، 12 ބޯޅައިން އެއްކުރެވުނީ ހަތަރު ލަނޑެވެ.
ޕާކިސްތާނަށް އުންމީދެއް ލިބުނީ ޝާން މައްސޫދާއި އިފްތިކާރު އަހުމަދު ދެއްކި ކުޅުމުންނެވެ. މައްސޫދު ވަނީ ނުބައިނުވެ 42 ބޯޅައިން 52 ލަނޑު އެއްކޮށްފަ އެވެ. އަދި އިފްތިކާރު ވަނީ 34 ބޯޅައިން 51 ލަނޑު ހަދައިފަ އެވެ. އިންޑިއާގެ އޯލްރައުންޑަރު ހާޑިކް ޕާންޑްޔާ ވަނީ ތިން ވިކެޓް ނަގައިފަ އެވެ.

މިއަދުގެ މެޗުގެ ތެރެއިން އިންޑިއާގެ ހާޑިކް ޕާންޑްޔާ ވިކެޓެއް ނަގަނީ.
ވިހި އޯވަރު ހަމަވިއިރު، ޕާކިސްތާނަށް އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 159 ލަނޑެވެ. ޖަވާބުގައި ކުޅެން އަރައި، އިންޑިއާ އިން ވަނީ 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވިއިރު، 160 ލަނޑު ހަދައިފަ އެވެ.
އިންޑިއާ އަށް ވެސް ކުޅެން އަރައި ޓާގެޓަށް ވާސިލްވުން ވީ އުނދަގޫ ކަމަކަށެވެ. އެ ގޮތުން އިންޑިއާގެ ކެޕްޓަން ރޯހިތު ޝަރްމާ އާއި ކޭއެލް ރާހުލް ވަނީ ކޮންމެ ކުޅުންތެރިއަކަށް ހަތަރު ލަނޑު އެއްކުރެވުނު ތަނުން ނުބައިވެފަ އެވެ. އިންޑިއާ އަށް ދިރުމެއް ލިބުނީ ވިރާތު ކުޅެން އެރިފަހުންނެވެ. ވިރާތު ވަނީ މި މެޗުގައި ނުބައިނުވެ 53 ބޯޅައިން 82 ލަނޑު އެއްކޮށްފަ އެެވެ.
ވިރާތާ އެކު ޕާޓްނަޝިޕެއް ފަށައި ރަނގަޅު ކުޅުމެއް ދެއްކޭތޯ، ސޫރްޔަކުމާރް ޔާދަވް ވެސް މަސައްކަތް ކުރި އެވެ. އެކަމަކު، 10 ބޯޅައިން 15 ލަނޑު އެއްކުރިތަނާ އޭނާ ނުބައިވީ އެވެ.
މެޗުގައި ބޭނުންވާ ހިސާބަށް ދިއުމަށް ވިރާތު އަށް ބައިވެރިއަކު ލިބުނީ ހާޑިކް ކުޅެން އެރި ހިސާބުންނެވެ. ހާޑިކް ނުބައިވީ 37 ބޯޅައިން 40 ލަނޑު އެއްކުރި ފަހުންނެވެ. އެންމެ ފަހު އޯވަރުގައި ވެސް އިންޑިއާ އަށް މި މެޗުގެ ނަތީޖާ އަނބުރާލުމުގައި ވިރާތުގެ ތަޖުރިބާގެ ބޭނުން ރަނގަޅަށް ކުރި އެވެ.
ވިރާތު އާއި ހާޑިކް މި މެޗުގައި ދެއްކި ކުޅުމަށް އިންޑިއާގެ ކެޕްޓަން ރޯހިތު ވަނީ ތައުރީފުކޮށްފަ އެވެ. ޕްރެޝަރުގައި ކުޅެލައި، އިންޑިއާ މެޗުގައި ދެމި އޮތުމުގައި ވިރާތު އިސް ދައުރެއް އަދާކުރި ކަމަށް ޕާކިސްތާންގެ ކެޕްޓަން ބާބަރު ވެސް ވަނީ ބުނެފަ އެވެ.

ޕާކިސްތާނާ ދެކޮޅަށް ވިރާތު ވަނީ މީގެ ކުރިން ވެސް ވަނީ ހާފް ސެންޗަރީ އެއް ހަދާފައި: މިއީ ޓީ20 ވޯލްޑް ކަޕެއްގެ ފުރަތަަމަ މެޗުގައި ވިރާތުގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނުނު ފަހަރު
އިންޑިއާ އިން ނުވަދިހައިގެ އަހަރުތަކާއި ދެހާހުގެ ކުރީކޮޅުގައި ޕާކިސްތާން އަތުން ގިނަ ފަހަރުތަކެއް މަތިން މޮޅުވި އެވެ. އެކަމަކު، މިއަދުގެ މެޗުގެ ކުރިން އިންޑިއާ އެންމެ ފަހުން ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުތަކުން ވަނީ ޓީ20 ވޯލްޑް ކަޕާއި އޭޝިއާ ކަޕްގައި ބަލިވެފަ އެވެ. ޕާކިސްތާނުން މިދިޔަ އަހަރުގެ ޓީ20 ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންޑިއާ ބަލިކުރީ 10 ވިކެޓުންނެވެ.
ޓީ20 ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގެ ގްރޫޕް އޭގައި މިހާތަނަށް ވަނީ ތިން މެޗެއް ކުޅެފަ އެވެ. ނިއު ޒީލެންޑުން 89 ލަނޑުން އޮސްޓްރޭލިއާ ބަލިކުރިއިރު، އަފްގާނިސްތާން އަތުން އިންގްލެންޑް މޮޅުވީ ފަސް ވިކެޓުންނެވެ. އަދި އެ ގްރޫޕްގައި މިއަދު ކުޅުނު މެޗުން އަޔަލެންޑް އަތުން ސްރީ ލަންކާ މޮޅުވީ ނުވަ ވިކެޓުންނެވެ.
ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުން އިންޑިއާ މި ވަނީ ޕާކިސްތާން ބަލިކޮށްފަ އެެެވެ. މި ގްރޫޕްގައި މާދަމާ ކުޅޭނީ ނެދަލެންޑްސް އާއި ބަންގްލަދޭޝް އެވެ.












