ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހާރިޖީ މަސްލަހަތު ހިމާޔަތް ކުރުމުގެ ބިލުން ހާސިލުކުރަން ބޭނުންވާ މަގުސަދު ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ފަހުމް ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
މި ބިލު މަޖިލީހަށް ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީން ދިރާސާކުރަމުން އަންނައިރު އެ ކޮމިޓީން ވަނީ ބިލަށް ފޮރިން މިނިސްޓްރީގެ ލަފަޔާއި ހިޔާލު ހޯދާފަ އެވެ.
މިކަމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް ސަފާތު އަހުމަދު ޒާހިރު ވިދާޅުވީ އެ ކަމާ ގުޅިގެން ބިލުގެ މަގުސަދު ހާސިލު ކުރުމަށް ޓަކައި ހަމަޖައްސަން ބޭނުންވާ ކަންކަން މި ބިލް ގައި ބަޔާން ކޮށްފައިވާ ގޮތުން ރަނގަޅަށް ފަހުމް ނުވާ ވާހަކަ މަޖިލީހުގެ އިދާރާގައި ބުނެފައިވާނެ ކަމަށެވެ.
އަދި، މިނިސްޓްރީން ބިލަށް ކޮމެންޓު ކުރާނީ އެ ކަންކަން ފަހުމް ވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހާރިޖީ މަސްލަހަތު ހިމާޔަތް ކުރުމުގެ ބިލު ފޮނުވުމުގައި ފޮރިން މިނިސްޓްރީގެ ހިޔާލު ހޯދާފައި ނުވާ ކަމުގެ ކަންބޮޑުވުން އެންމެ ފުރަތަމަ ފާޅުކުރައްވާފައިވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ އެވެ.

ބިލުގައި އޮތީ ކީކޭ؟
ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ. ނިހާދުގެ ހުށަހެޅުއްވި ބިލުގައި ވަނީ ރާއްޖެއިން ހާރިޖީ ގުޅުން ގާއިމުކޮށްފައިވާ ގައުމަކަށް ނުވަތަ އެ ގައުމެއްގެ ރައްޔިތުންނަށް ނިސްބަތްކޮށް، ހަތް ކަމެއް ކުރުމަކީ ކުށެއްގެ ގޮތުގައި ބަޔާންކޮށްފަ އެވެ.
އެ ބިލުގައި ކުށެއް ކަމަށް ކަނޑައަޅަން ހުށަހަޅާފައި އޮތީ:
- އެހެން ގައުމެއްގެ ދިދައަކަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލު ގެނައުން
- އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވާލުން
- އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން
- އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ، ދިވެހިރާއްޖެ ދޫކޮށްދިޔުމަށް ގޮވާލުން
- އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން ދީނީ ނުވަތަ ސަގާފީ ކަމަކާމެދު ނަފްރަތު އުފެއްދުން
- އެހެން ގައުމަކާމެދު ނުވަތަ އެ ގައުމެއްގެ ރައްޔިތުންނާ މެދު ނަފްރަތު އުފެދޭ ގޮތަށް ފޮޓޯއާއި ވީޑިއޯ ނުވަތަ އޯޑިއޯ އާންމު ކުރުން
- ބިލުގައި މަނާ ކަމަށް ބުނާ ކަމެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައި ބެހެއްޓުން
- ބިލުގައި ބަޔާންކޮށްފައިވާ ފޮޓޯ އާއި ވީޑިއޯ އާއި އޯޑިއޯ އާންމުކުރުމުގެ ތެރޭގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ފާޅުކުރާ ހިޔާލު ވެސް ހިމެނޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން، އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވާލައިފި ނަމަ ދެ އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ދެވޭނެ ފަދަ ކުށްތަކެކެވެ.
ބިލުގައި ދެން ކަނޑައަޅާފައިވާ ކުށްތަކަކީ އެއް އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލެވޭނެ ފަދަ ކުށްތަކެކެވެ.
މިއީ ސީދާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން އަމާޒުކޮށް ހުށަހެޅި ބިލެއް ކަމަށް ސަރުކާރުން ހާމަކޮށްފައި ނުވި ނަމަވެސް، އިދިކޮޅުގެ ކެމްޕޭން ހުއްޓުވުމަށް ދިމާވެފައިވާ ގާނޫނީ ހުރަސްތައް ނައްތާލުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، އެކަމަށް ދިމާވާ ގާނޫނީ ހުރަސްތައް ނައްތާލުމަށް ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ފާސްކޮށްފަ އެވެ.
ގިނަ ކަންބޮޑުވުންތަކެއް
މި ބިލާ ގުޅިގެން އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އިން ބުނި ގޮތުގައި ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ދެއްކުން އިތުރުވެފައިވީނަމަވެސް، "ސިޔާސީ މައްސަލައެއްގައި" އަސާސީ ހައްގެއް ހިފެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
"މިފަދަ މައްސަލަތަކަށް ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ ހިލާފުވާ ގޮތަށް، އޮޅުންބޮޅުން ބޮޑު މާއްދާތަކެއް އެކުލެވޭ ގާނޫނުތަކުން ހައްލު ނުކުރެވޭނެ،" ބިލާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުން އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.
ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ބައެއް މެންބަރުން ވެސް ވަނީ މި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"ގާނޫނުލްއުގޫބާތަށް މި ބަދަލު ގެނެސްފިއްޔާ އަޅުގަނޑުމެންނަށް ފެންނަ މަންޒަރުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެމްޑީޕީއަށް ގެއްލޭނެ، އެއްވެ އުޅުމުގެ މިނިވަންކަން އެމްޑީޕީގެ ބޭފުޅުންނަށް ގެއްލޭނެ، މިހެން ގޮސް އެމްޑީޕީގެ މުޅި ހަރަކާތް ހުއްޓާލެވޭ ފަދަ ގޮތަކަށް މިކަން ވެގެންދާނީ،" މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
އިބްތިދާއީ ބަހުސްގައި މަޖިލީހުގެ، ސަރުކާރާ އެއްކޮޅު ބައެއް މެމްބަރުން ވެސް ވަނީ ބިލަށް ފާޑުވިދާޅުވެފަ އެވެ.
މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އެ ބިލު މިހާރު އޮތް ގޮތުން އެހާ ހިތްހަމަ ޖެހޭ ކަންތައްްތަކެއް ނެތް ކަމަށެވެ. ބިލުގައި ޖިނާއީ ކުށަކަށް ހަދަން ހުށަހަޅާފައިވާ ބައެެއް ކަންތައްތަކަކީ ކުށްކުށަށް ހަދަން ކަމު ނުދާ ކަންތައްތައް ކަމަށާއި އަނެއްބައި ކަންތައްތަކަކީ މިހާރު ވެސް ކުށުގެ ގޮތުގައި ގާނޫނުތަކުގައި ހުރި ކަންތައްތައްް ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.












