ޓިއުރިން (އޮކްޓޫބަރު 22) - އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އިން އަމިއްލަ ދަނޑުގައި 4-0 އިން އެމްޕޮލީ ބަލިކޮށް، މި ފަހަރުގެ ލީގުގައި ފުރަތަމަ ފަހަަރަށް ޖެހިޖެހިގެން ދެ މެޗުން މޮޅުވެއްޖެ އެވެ.
މެސިމޯ އަލެގްރީގެ ކޯޗުކަމުގައި ކުޅޭ ޔުވެންޓަސް އަށް ނަތީޖާ ނެރުމުގައި ގިނަ މައްސަލަތަކެއް ދިމާވެފައިވާ މި ސީޒަނުގައި އެ ޓީމު ރޭ ހޯދި މޮޅާ އެކު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. އެއީ 11 މެޗުން 19 ޕޮއިންޓާ އެކު އެވެ. ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ހަތް ޕޮއިންޓް ފަހަތުގަ އެވެ.
ރޭގެ މެޗު ފަށައިގެން އަށް ވަނަ މިނިޓްގައި މޮއިސް ކީން ވަނީ ޔުވެންޓަސްގެ ފުރަތަމަ ގޯލު ޖަހައިފަ އެވެ. މިއީ ފިލިޕް ކޮސްޓިޗް އޭރިއާތެރެއަށް ނެގި ހުރަހަކަށް އަރައި، ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ކީން ޖެހި ގޯލެކެވެ. އޭގެ ފަހުން، ވެސްޓަން މެކްކެނީ ނެގި ހުރަހަކުން ކީން ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
އެމޮޕޮލީ އަށް އެއްވަރުކޮށްދޭން އޭރިއާތެރެއިން މަޓިއާ ޑެސްޓްރޯ ޖެހި ޝޮޓް ޔުވެންޓަސްގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 11 މިނިޓް ތެރޭ ޔުވެންޓަސް އިން ވަނީ ލީޑުފުޅާކޮށްފަ އެވެ. މި ގޯލު ޖެހީ ހުއާން ކުއަޑްރާޑޯ ނެގި ކޯނަރަކުން މެކްކެނީ ބޮލުންނެވެ. މިއީ މި ސީޒަނުގައި އޭނާގެ ފުރަތަމަ ގޯލެވެ.
މެޗުގެ 82 ވަނަ މިނިޓްގައި ޔުވެންޓަސްގެ ތިން ވަނަ ގޯލު ޖެހީ އޭޑްރިއަން ރަބިއޯ އެވެ. ކުއަޑްރާޑޯ ނެގި ކޯނަރަކުން ރަބިއޯ ބޮލުން ޖެހި ބޯޅަ އެމްޕޮލީގެ ކީޕަރު ގުގްލިއެލްމޯ ވިކާރިއޯ އަށް ސަލާމަތްކުރެވުނީ ގޯލުގެ ރޮނގު ހުރަސްކުރި ފަހުންނެވެ. މެޗުގެ އިތުރު ވަގުުތުގައި ޔުވެންޓަސްގެ ހަަތަރު ވަނަ ގޯލު ޖެހީ ވެސް ރަބިއޯ އެވެ. ރަބިއޯގެ މި ގޯލަކީ އޭރިއާތެރެއިން މުޅިން ހުސްކޮށްލާފައި ޑަނީލޯ ނަގައިދިން ހުރަހަކުން ޖެހި ގޯލެކެވެ.
އެމްޕޮލީ އަތުން މޮޅުވުމަކީ ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި ބެންފީކާއާ ދެކޮޅަށް ކުޅޭ މުހިންމު މެޗުގެ ކުރިން ޔުވެންޓަސް އަށް ހަމަޖެހިލެވޭނެ ނަތީޖާ އެކެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޖާގައެއް ހޯދުމުގެ އަމިއްލަ ބާރު ޔުވެންޓަސް އަށް ނެތެވެ.












