އޮސްޓްރޭލިއާގެ ވިކްޓޯރިއާގެ ކުލަބެއް ކަމަށްވާ ފްރެންކްސްތަން ޕެނިންސޫލާ ކްރިކެޓު ކުލަބަށް ކުޅުމުގެ ފުރުސަތު ރާއްޖޭގެ ގައުމީ ކްރިކެޓު ޓީމުގެ ކެޕްޓަން ޔޫސުފް އަޒްޔާން އަށް ލިބިއްޖެ އެވެ.
އަޒްޔާން، 22، އަށް އޮސްޓްރޭލިއާގެ ކުލަބަށް ކުޅެން މި ލިބުނީ އޭނާ އަށް އިރުޝާދުދިން އޮސްޓްރޭލިއާގެ ކޯޗު ޑީން ވުޑްފޯޑް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އަޒްޔާން ވަނީ މީގެ ކުރިން ކޯޗު ޑީންއާ އެކު ވިކްޓޯރިއާގެ ގްރީންވޭލް ކެންގަރޫސް ކްރިކެޓު ކުލަބަށް ވެސް ކުޅެފަ އެވެ.
އެ ގޮތުން، 2018 އާއި 2019 ގައި ގްރީންވޭލް ކެންގަރޫސް އަށް ކުޅުމަށްފަހު މި އަހަރު ވެސް އެ ކުލަބުން އޭނާ އަށް ހުށަހެޅުން ލިބުނެވެ. އެހެން ނަމަވެސް އަޒްޔާން ނިންމީ އާ ޗެލެންޖެއް ނެގުމުގެ ގޮތުން ފްރެންކްސްތަން ޕެނިންސޫލާ ކްރިކެޓު ކުލަބަށް ކުޅުމަށެވެ.
"ކޯޗު ޑީން ހޯދައިދިން އޮޕޮޗުނިޓީ (ފުރުސަތެއް) އެއް މިއީ. ކުރީގެ ކުލަބުން ވެސް ބޭނުންވި ގެންދަން. އެހެން ދެ ކުލަބުން ދެން ލިބުނީ ޗާންސް. މި ފަހަރު ހިތަށް އެރި އާ ޗެލެންޖެއް ނަގާނީ އޭ. އެހެންވެ އާ ކުލަބަކަށް މި ޖޮއިން ކުރީ" މިލާން ކްރިކެޓް އެކަޑެމީގެ ކެޕްޓަން އަޒްޔާން، "އަދަދު" އަށް ބުންޏެވެ.
ފްރެންކްސްތަން ޕެނިންސޫލާ ކްރިކެޓު ކުލަބާ އެކު ވިކްޓޯރިއަން ޕްރިމިއާ ލީގުގައި އަޒްޔާން ވާދަކުރާނެ އެވެ. މިދިޔަ ހަފްތާގައި ފަށަން ކުރިން ނިންމާފައި އޮތް ލީގު ވިއްސާރަވުމުގެ ސަބަބުން ވަނީ މިހާރު ފަސްކޮށްފަ އެވެ.
ލީގުގެ މެޗުތައް އަންނަ ހަފްތާގައި ފެށޭތޯ މަސައްކަތް ކުރަމުން އަންނައިރު އާ ކުލަބާ ގުޅުމަށް އަޒްޔާން މިރޭ އޮސްޓްރޭލިއާ އަށް ފުރާނެ އެވެ.
މި ލިބުނު ފުރުސަތާއި ގުޅޭގޮތުން އަޒްޔާން ބުނީ މިއީ އަނެއްކާ ވެސް އިތުރު ހަރުފަތަކަށް ކުރިއަށް ޖެހިލަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ކުރިން ކުޅެން ލިބުނު ދެ ފަހަރު ވެސް ގިނަ އާ ކަންތައްތަކެއް ދަސްވި ކަމަށާއި މި ފަހަރު ވެސް އާ ތަޖުރިބާތަކެއް ހާސިލްކުރެވޭނެ ކަމަށެވެ.
"ރަނގަޅުވާނެ ކަމަށް މި ބަލަނީ. އަނެއްކާ ވެސް ކުރިއަށް ޖެހިލަން ބަލާއިރު، ގިނަ ކަންތައްތަކެއް ދަސްކޮށް ކުރިއަށްދާން ލިބުނު ހިތްވަރެއް މި ފުރުސަތަކީ." އަޒްޔާން ބުންޏެވެ.
މީގެ ކުރިން އޮސްޓްރޭލިއާގައި ކުޅުނު ދެ އަހަރު އެގައުމުގެ ސްޓޭޓް ލެވެލް އާއި ގައުމީ ލެވެލްގެ ގިނަ ކުޅުންތެރިންތަކަކާ އެކު ކުޅުމުގެ ފުރުސަތު އަޒްޔާން އަށް ލިބުނެވެ.
ފްރެންކްސްތަން ޕެނިންސޫލާ ކްރިކެޓު ކުލަބާ އެކު އަޒްޔާން ވާދަކުރާ ވިކްޓޯރިއަން ޕްރިމިއާ ލީގުގައި ވެސް އެގައުމުގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން ކުޅެ އެވެ.













