ނޭޕްލްސް (އޮކްޓޫބަރު 17) - އިޓާލިއަން ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ބޮލޯނިއާ އަތުން 3-2 އިން މޮޅުވެ، ނަޕޯލީ އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
މިރޭގެ މެޗަށް ނަޕޯލީ ނުކުތްއިރު އެއް ވަނައިގައި އޮތީ ރޭ މޮޅުވި އެޓަލަންޓާ އެެވެ. މިރޭ ބޮލޯނިއާ ބަލިކޮށް، ލީގުގައި ޖެެހިޖެހިގެން ހޯދި ފަސް ވަނަ މޮޅާ އެކު، ނަޕޯލީ އެއް ވަނަ އަށް އެރީ 10 މެޗުން 26 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެޓަލަންޓާ އަށް 10 މެޗުން ވަނީ 24 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން، އޭސީ މިލާން އޮތީ މިރޭ ހެލަސް ވެރޯނާ އަތުން 2-1 އިން ހޯދި މޮޅާ އެކު، 10 މެޗުން 23 ޕޮއިންޓާ ހޯދައިގެންނެވެ.
ހަތަރެއްގައި އޮތް ލާޒިއޯ ފަހެއްގައި އޮތް އުދިނޭޒީ އަށް ވަނީ 10 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ.
ނަޕޯލީ ދަނޑުގައި މިރޭ ލީޑުނެގީ ބޮލޯނިއާ އިންނެވެ. މެޗުގެ 41 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ބޯޅަ ޖޯޝުއާ ޒީރްޒޭ ވަނީ ތިރިތިރިން ގޯލަށް ފޮނުވާލައިފަ އެވެ. ފުރަތަމަ ހާފުގައި ނަޕޯލީން އެއްވަރުކުރީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި ކޯނަރެއްގައި ބޮލޯނިއާ ޑިފެންސް ތެރެއިން ލިބުނު ބޯޅައަކުން ނަޕޯލީގެ ޖުއާން ޖީސޫސް އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ހާވިން ލޮޒާނޯ އޭރިއާތެރެއިން ލިބުނު ރީބައުންސް ބޯޅައެއް ގޯލަށް ވައްދާލައި ނަޕޯލީ އަށް ލީޑުނަގައިދިނެވެ. ނަޕޯލީ އަށް ލީޑު ހިފަހައްޓައިލެވުނީ ދެ މިނިޓަށެވެ. މެޗުގެ 51 ވަނަ މިނިޓްގައި ބޮލޯނިއާގެ މޫސާ ބަރޯ އޭރިއާބޭރުން ޖެހި ބޯޅަ ފެނުގައި ޖެހިފައި، ނަޕޯލީ ކީޕަރު އަލެކްސް މެރެޓް އަތުގައި ޖެހިފައި ވަނީ ގޯލުގެ ދުރު ކަނަށެވެ.
ނަޕޯލީ މޮޅުކޮށްދިން ގޯލު ޖެހީ މެޗުގެ 69 ވަނަ މިނިޓްގައި ނައިޖީރިއާގެ ފޯވާޑް ވިކްޓާ އޮސީމެއިން އެވެ. މިއީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ނަޕޯލީ ޓީމަށް ކުޅޭ ޖޯޖިއާގެ ވިންގް، ކްވިޗާ ކްރަވަޝްކާލިއާ ދިން ބޯޅައަކުން އޭރިއާތެރެއިން އޮސީމެއިން ޖެހި ގޯލެކެވެ.
މި ސީޒަނުގައި ތަފާތު ފޯމެއްގައި ކުޅެމުން އަންނަ ނަޕޯލީ، އިޓާލިއަން ލީގު ތާވަލުގެ ކުރީގައި އޮތްއިރު، އެ ޓީމު ވަނީ މި ފަހަރު ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ.

ސެލަނިޓާނާގެ ބޮނަޒޯލީ (ކ) ކައިރިން ބޯޅަ ހިފައިގެންދާން އިންޓަގެ މާޓީނޭޒް މަސައްކަތް ކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް
އިންޓަ މިލާނުން މިރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ވަނީ ސެލަނިޓާނާ ބަލިކޮށްފަ އެވެ. މި މެޗުގެ 14 ވަނަ މިނިޓްގައި އިންޓަ އަށް ލީޑުނަގައިދިނީ އޭރިއާބޭރުން ލަޓާރޯ މާޓިނޭޒް ޖެހި ގޯލުންނެވެ. މާޓީނޭޒް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. ދެ ވަނަ ހާފުގައި ހަކަން ޗަނޮނޮގްލޫގެ ހިލޭ ޖެހުމަކުން މާޓީނޭޒް ބޮލުންޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މެޗުގައި އިންޓަ އިން ޖެހި ދެ ވަނަ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ޗަނޮނޮގްލޫ އެވެ. އޭނާ މަތިމަތިން އޭރިއާތެރެއަށް ޖެހި ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ނިކޯލޯ ބަރޭލާ ވަނީ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ.
މި މޮޅާ އެކު އިންޓަ އޮތީ ލީގުގެ ހަތް ވަނައިގައި 10 މެޗުން 18 ޕޮއިންޓާ އެކު އެވެ. އިންޓަ މޮޅުވުމުން ޔުވެންޓަސް އަށް ވަނަ އަށް ވެއްޓުނުއިރު، އެ ޓީމަށް 10 މެޗުން ލިބުނީ 16 ޕޮއިންޓެވެ. ރޯމާ ހަ ވަނައިގައި އޮތީ ނުވަ މެޗުން، 19 ޕޮއިންޓް ހޯދައިގެންނެވެ.
މިރޭ ހެލަސް ވެރޯނާ ދަނޑުގައި މިލާނުން ލީޑުނެގީ ނުވަ ވަނަ މިނިޓްގައި މިގޭލް ވެލޯސޯ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ހެލަސް އިން ވަނީ ކޯރޭ ގަންޓާ ޖެހި ގޯލުން މެޗުގެ 19 ވަނަ މިނިޓްގައި އެއްވަރުކޮށްފަ އެވެ. މިލާނުން ދެ ވަނަ ގޯލެއް ޖަހައި، މެޗުން މޮޅުވާން ކުރި މަސައްކަތް ކާމިޔާބުކުރީ މެޗު ނިމެން ނުވަ މިނިޓަށް ވެފައި ހުއްޓަ އެވެ. މެޗުގެ ތިން ޕޮއިންޓް މިލާނަށް ޔަގީންކޮށްދިން ގޯލު ޖެހީ އަންޓޭ ރެބިޗް ދިން ބޯޅައަކުން ސަންޑްރޯ ޓޮނާލީ އެވެ.












