ސަލާހުގެ ގޯލުން ލިވަޕޫލުން ސިޓީ ބަލިކޮށްފި، އާސެނަލަށް އެއް ވަނައިގައި ލީޑެއް

Oct 16, 2022, 7:40 PM
ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ސަލާހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ސަލާހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް (އޮކްޓޫބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މުހައްމަދު ސަލާހުގެ ގޯލުން ލިވަޕޫލުން 1-0 އިން މެންޗެސްޓާ ސިޓީ ބަލިކުރިއިރު، ލީޑްސް ޔުނައިޓެޑް ދަނޑުގައި 1-0 އިން މޮޅުވި އާސެނަލަށް ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އާސެނަލް އެއް ވަނައިގައި އޮތީ 10 މެޗުން 27 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިން ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް 10 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ. މިރޭ އެސްޓަން ވިލާ ދަނޑުގައި 2-0 އިން މޮޅުވި ޗެލްސީ ތިން ވަނައިގައި އޮތީ ނުވަ މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ.

ލީޑްސްގެ އެލަން ރޯޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން 23 ސިކުންތު ތެރޭގައި ޖެހުނީ މެޗު ހުއްޓާލާށެވެ. އެއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އާއި ގޯލް ލައިން ޓެކްނޮލޮޖީގެ ބޭނުންނުކުރެވޭތީ އެކަން ކަން ރަނގަޅު ކުރުމަށެވެ. ބައިގަނޑިއިރެއްހާއިރު ފަހުން މެޗު އަލުން ފެށިއިރު، އާސެނަލުން ވަނީ ފުރަތަމަ ހާފުގައި ގޯލު ޖަހައިފަ އެވެ. މެޗުގެ 35 ވަނަ މިނިޓްގައި މާޓިން އޮޑެގާޑް ދިން ބޯޅައެއް އޭރިއާތެރެއިން ހޯދައި، ބުކާޔޯ ސަކާ ވަނީ ހަނި އޭންގަލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެެވެ.

ދެ ވަނަ ހާފުގައި ބަދަލަކަށް އަރައި، ލީޑްސްގެ ޕެޓްރިކް ބެމްފޯޑް ގޯލެއް ޖެހި އެވެ. އެކަމަކު، ރެފްރީ ކްރިސް ކަވަނާ ނިންމީ މިއީ ފައުލެއް ކޮށްފައި ބެމްފޯޑް ޖެހި ގޯލެއް ކަމަށްވާތީ ބަލައިނުގަންނާށެވެ. މި ހާފުގައި ލީޑްސް އަށް ލިބުނު ޕެނަލްޓީއެއް ވެސް ބެމްފޯޑް އަތުން ނާކާމިޔާބުވި އެވެ.

އާސެނަލްގެ ބުކާޔޯ ސަކާ ލީޑްސް ޔުނައިޓެޑްގެ ގޯލަށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ

މެޗުގެ އިތުރު ވަގުތުގައި އާސެނަލްގެ ގަބްރިއެލް މަގާޅައެސް އޭރިއާތެރެއިން ލީޑްސްގެ ބެމްފޯޑަށް ފައުލެއް ކުރި ކަމަށް ބަލައި ރަތް ކާޑެއް ދެއްްކި ނަމަވެސް ފަހުން އެ ނިންމުން ބަދަލުކުރަން ނިންމީ ވީއޭއާރް އިން ބަލައިފަ އެވެ.

ލިވަޕޫލް ދަނޑުގައި މިރޭ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ ޖެހި ބޯޅައެއް ސިޓީގެ ކީޕަރު އެޑަސަން މޮރާއޭސް އަތަށް އަމާޒުވިއިރު، ސިޓީގެ އާލިން ބްރައުޓް ހާލަންޑް ބޮލުން ފޮނުވާލި ބޯޅަ ލިވަޕޫލް ކީޕަރު އެލިސަން ބެކާ ވަނީ އަތަށް ނަގައިފަ އެވެ.

މި މެޗުގެ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މާގިނައިރެއް ނުވެ، ލިވަޕޫލްގެ ސަލާހަށް މުޅުން ހުސްކޮށް ލިބުނު ފުރުސަތެއްގައި އޭނާ ޖެހި ބޯޅަ ކީޕަރު އެޑަސަން ވަނީ މަތަކޮށްފަ އެވެ. ސަލާހަށް އެ ބޯޅަ ޖޮޓާ އަށް ދީގެން ޖެހެން އޮތް ނަމަވެސް ނިންމީ އަމިއްލަ އަށް ޖެހުމަށެވެ.

ސިޓީން ވަނީ މެޗުގެ 53 ވަނަ މިނިޓްގައި ގޯލެއް ޖަހައިފަ އެވެ. ފިލް ފޯޑެން ޖެހި މި ގޯލު ބަަލައިނުގަންނަން ނިންމީ ވީއޭއާރް އިން ބަލައިފަ އެވެ. އެއީ އެ އެޓޭކް ފެށިއިރު، ސިޓީގެ ހާލަންޑް ލިވަޕޫލްގެ ފަބީނިއޯގެ ޖޯޒީގައި ހިފަހައްޓާފައިވާތީ އެވެ. އެ ނިންމުމާ މެދު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ލިވަޕޫލުން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ 76 ވަނަ މިނިޓްގައި ސަލާހު އެވެ. ކީޕަރު އެލިސަން ޖެހި ބޯޅައެއް ސިޓީގެ ޔާއޯ ކަންސޭލޯ އަތުން ހޯދައިގެން، ސަލާހު މި ގޯލު ޖެހީ ހަމަޖެހިލައިފަ އެެވެ. މިއީ މި ފަހަރު ލީގުގައި ސަލާހު ޖެހި ތިން ވަނަ ގޯލެވެ.

މިއީ މި ފަހަރު ލީގުގައި ސިޓީ ބަލިވި ފުރަތަމަ މެޗެވެ. އަދި ޕްރިމިއާ ލީގުގައި އެންމެ ފަހުން ރަށުންބޭރުގައި ކުޅުނު 22 މެޗުން ބަލިނުވެ، ސިޓީން ދެމެހެއްޓި ރެކޯޑަށް މި ވަނީ ނިމުން އަތުވެފަ އެވެ.

ލިވަޕޫލް މި މޮޅާ އެކު ލީގުގެ އަށް ވަނައިގައި އޮތީ ނުވަ މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. މިރޭގެ މެޗުގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެެވެ. އެއީ ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހުން ފާޅުކުރިއިރު، ލައިންސްމަނާ ދިމާކޮށްލުމުންނެވެ. ކްލޮޕް އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ ސަލާހަށް ސިޓީގެ ބެނާޑޯ ސިލްވާ ކުރި ފައުލަށް ހިލޭ ޖެހުން ނުދިނުމުންނެވެ.

އެސްޓަން ވިލާ ދަނޑުގައި މިރޭ ޗެލްސީގެ ދެ ގޯލު ވެސް ޖެހީ މޭސަން މައުންޓް އެވެ. ފުރަތަމަ ހާފުގައި މައުންޓް، ޗެލްސީ އަށް ލީޑުނަގައިދިނީ އެސްޓަން ވިލާގެ ޓައިރަން މިންގްސް ހެދި ގޯހެއްގެ ފައިދާނަގައިގެންނެވެ. ދެ ވަނަ ހާފުގައި މައުންޓް ޗެލްސީގެ ދެ ވަނަ ގޯލު ޖެހީ ހިލޭ ޖެހުމަކުންނެވެ.

މިރޭގެ މެޗުން ޗެލްސީ މޮޅުވުމުގެ ކްރެޑިޓް ހައްގުވާ އެއް ކުޅުންތެރިއަކީ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ އެެވެ. އެސްޓަން ވިލާ އިން ފޮނުވާލި ގިނަ ބޯޅަތަކެއް ހުއްޓުވުމުގައި ކެޕާގެ ހުށިޔާރުކަން ފެނިގެންދިޔަ އެވެ.

އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެންޗެސްޓާ ޔުނައިޓެޑް ވަނީ ލަނޑެއް ނުޖެހި ނިއުކާސަލް ޔުނައިޓެޑާ 0-0 އިން އެއްވަރުވެފަ އެވެ. ނުވަ މެޗުން 16 ޕޮއިންޓާ އެކު މެންޗެސްޓާ ޔުނައިޓެޑް އޮތީ ލީގުގެ ފަސް ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox