ލަންޑަން (އޮކްޓޫބަރު 16) - ޗެލްސީ އަށް ކުޅޭ އިނގިރޭސި ފުލްބެކް، ރީސް ޖޭމްސް އަށް އަންނަ މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގައި އަނިޔާގެ ސަބަބުން ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.
ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުގައި ޖޭމްސް، 22، ކަކުލަށް އަނިޔާވެގެން ޖެހުނީ ބަދަލުކުރާށެވެ. ޖޭމްސްގެ އަނިޔާގެ ތަފްސީލް ދެނެގަންނަން ފުރަތަމަ ހެދި ޓެސްޓްތަކުން ނަތީޖާ ފެނުނު ގޮތުގައި ދޮޅު މަހަށް ވުރެ ގިނަ ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވުނެވެ.
އެހެންވެ، ޗެލްސީގެ މެޑިކަލް ޓީމުން ނިންމީ ޖޭމްސް އަށް ލިބިފައިވާ އަނިޔާގެ ފުރިހަމަ މައުލޫމާތު ހޯދަން އޭނާ ސްޕެޝަލިސްޓަކަށް ދެއްކުމަށެވެ. ސްޕެޝަލިސްޓަކަށް ދައްކައި ހެދި ޓެސްޓްތަކަށް ފަހު ޗެލްސީން ރޭ ބުނެފައިވަނީ ޖޭމްސް އަށް އެނބުރި ކުޅުމަށް އެނބުރި އާދެވޭނީ އަށް ވަރަކަށް ހަފްތާ ފަހުން ކަމަށެވެ. މާނަ އަކީ ގަތަރު ވޯލްޑް ކަޕް ފެށެން ވާއިރަށް ޖޭމްސް އަށް ފިޓްނުވެވޭނެ ކަމެވެ.
ޖޭމްސް އަކީ އިނގިރޭސި ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ފަހަކަށް އައިސް އެންމެ އިތުބާރުކޮށް ބަރާބަރަށް ޓީމުގެ ފުރަތަމަ އެގާރައިގައި ބޭނުންކުރަމުން އަންނަ ކުޅުންތެރިޔާ އެވެ.
އިންގްލެންޑް ޓީމުން އެންމެ ޖާގަ ފުލްކޮށް އޮތް އެއް މަގާމަކީ ޖޭމްސް ކުޅެމުން އައި ކަނާތު ބެކްގެ ޖާގަ އެވެ. އެ މަގާމަށް ކުޅޭ ތިން ކުޅުންތެރިއަކު މި ވަގުތު ތިބީ އަނިޔާގަ އެވެ.
އިންގްލެންޑަށް ކުޅެމުން އަންނަ މެންޗެސްޓާ ސިޓީގެ ކައިލް ވޯކާ ވަނީ ދާދި ފަހުން އުކުޅުވަޅުގެ އޮޕަޜޭޝަނެއް ކޮށްފަ އެވެ. ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑާ އާނޯލްޑް ހުރީ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ހެދި ކުޅުމާ ދުރުގަ އެވެ. އޭނާ ދެ ހަފްތާއެއްހާ ދުވަސްތެރޭ ކުޅުމަށް އެނބުރި އަންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޖޭމްސް އަށް ނުކުޅެވޭނެކަން ޔަގީންވެފައިވާއިރު، ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވޯކާ ވަނީ އޭނާ ވޯލްޑް ކަޕް ފެށެންވާއިރަށް ފިޓްކޮށް އެނބުރި އަންނާނެ ކަމަށް ބުނެފަ އެވެ.












