ލަންޑަން (އޮކްޓޫބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަން އަތުން 2-0 އިން މޮޅުވެ، ޓޮޓެންހަމް ހޮޓްސްޕާސް އިން ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފި އެވެ.
މިއީ ޓޮޓެންހަމްގެ ތަރި ހެރީ ކޭން އަށް ހާއްސަ މެޗެކެވެ. މިއީ އޭނާ ޓޮޓެންހަމް ޖޯޒީގައި ކުޅުނު 400 ވަނަ މެޗެވެ. މި މެޗުގައި ޓޮޓެންހަމަށް ގޯލު ހުޅުވައިދިނީ ކޭން އެވެ. ލީގުގައި އެންމެ ފަހުން ޓޮޓެންހަމް ކުޅުނު ފަސް މެޗުގައި ވެސް ކޭން ވަނީ ގޯލު ޖަހައިފަ އެވެ. މިއީ ލީގު ކެރިއަރުގައި ޖެހިޖެހިގެން ފަސް މެޗުގައި ކޭން ގޯލު ޖެހި ފުރަތަމަ ފަހަރެވެ.
ލީގުގެ އެއް ވަނައިގައި އޮތް އާސެނަލަށް ނުވަ މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމް ތިން ވަނައިގައި އޮތީ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ އެއްވަރަށް 23 ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލާއި ސިޓީން ނުވަ މެޗު ކުޅުނުއިރު، ޓޮޓެންހަމް މި ވަނީ 10 މެޗު ކުޅެފަ އެވެ.
ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހި ދިޔަ ނަމަވެސް ޓޮޓެންހަމުން ވަނީ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 15 މިނިޓް ތެރޭ ލީޑުނަގައިފަ އެވެ. ޕެނަލްޓީ އަކުން މެޗުގެ 59 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ފުރަތަމަ ގޯލު ޖޭން ޖެހިއިރު، މިއީ އޭނާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އޭރިއާތެރެއިން ކޭން އަށް ހުރަސް އެޅީ އެވަޓަންގެ އިނގިރޭސި ކީޕަރު ޖޯޑަން ޕިކްފޯޑް އެވެ.
އެވަޓަންގެ ޑެމަރާއި ގްރޭ އާއި އަމަދޫ އޮނާނާ އަށް ގޯލެއް ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ. ޓޮޓެންހަމްގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ހުއްޓައި، ޕިއޭ އެމީލް ހޮއިބިއާ ޖެހި ގޯލުންނެވެ. ހޮއިބިއާ ޖެހި ޝޮޓް ގޯލަށް ވަނީ އެވަޓަންގެ އަލެކްސް އިވޯބީ ގައިގައި ޖެހިފަ އެވެ.
މި މޮޅާ އެކު ޓޮޓެންހަމުން މި ވަނީ ކޯޗު އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ބޮޑު ކުރިއެރުމެއް ހާސިލްކޮށްފަ އެވެ. މިއީ ލީގު ސީޒަނެއްގެ މިހާތަނަށް ޕޮއިންޓުގެ ޖުމްލަ އަދަދަށް ބަލާއިރު، ޓޮޓެންހަމުން މިދިޔަ 59 ވަރަކަށް އަހަރު ތެރޭ އެންމެ ރަނގަޅަށް ފެށި ފަހަރެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ ވަނީ ކްރިސްޓަލް ޕެލަސްއާ 0-0 އިން އެއްވަރުވެފަ އެވެ. ރުބެން ނެވޭސްގެ ޕެނަލްޓީން ވުލްވްސް ވަނީ 1-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފަ އެވެ. އަދި ބޯންމައުތާއި ފުލަމް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.












