ރޯމް (އޮކްޓޫބަރު 13) - އޭއެސް ރޯމާ އަށް ކުޅެމުންދާ އާޖެންޓީނާގެ މިޑްފީލްޑަރު ޕައުލޯ ޑިބާލާ އަނިޔާގެ މައްސަލައެއް ކުރިމަތިވިޔަސް، އޭނާ އަށް ވޯލްޑް ކަޕް ކުޅުމުގެ ފުުރުސަތު ނުގެއްލޭނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.
ޑިބާލާ ،28، އަށް އަނިޔާވީ އިޓާލިއަން ލީގުގައި އާދިއްތަ ދުވަހުގެ ރޭ ލެއްޗޭ އަތުން ރޯމާ 2-1 މޮޅުވި މެޗުގަ އެވެ. ޑިބާލާ އަށް އަނިޔާވީ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ރޯމާ އަށް ޕެނަލްޓީއެއް ފޮނުވާލިއިރު އެވެ. ރޯމާ މެޗުން މޮޅުވި ލަނޑު ޕެނަލްޓީއަކުން ކާމިޔާބުކުރި ނަމަވެސް، ޕެނަލްޓީ ޖެހުމުގެ ތެރޭގައި ޑިބާލާގެ ވާތު ފައިގެ ފަަލަމަސްގަނޑަށް ވަނީ ތަދުވެފަ އެވެ.
އެ މެޗަށް ފަހު ރޯމާގެ ކޯޗު ޖޯސޭ މޮރީނިއޯ ބުނީ އަނިޔާއާ ގުޅިގެން މި އަހަރުގެ ތެރޭގައި ޑިބާލާ އަށް ކުޅެވުމަކީ "ނާދިރު ކަމެއް" ކަމަށެވެ.
އިޓާލީގެ މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ޑިބާލާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ގުޅޭ އިތުރު ސްކޭންތަކެއް ބުދަ ދުވަހު ހެދިއިރު، އަނިޔާގެ ސަބަބުން އޭނާ ކުޅުމާ ދުރުގައި ހުންނަޖެހޭނީ ގާތްގަނޑަށް އެއް މަސް ދުވަހުގެ މުއްދަތަކަށްކަން އެނގިފައިވާ ކަމަށެވެ.
ރިޕޯޓްތަކުން ބުނާގޮތުގައި އަނިޔާގެ ސަބަބުން ޑިބާލާ ކުޅުމާ ދުރުގައި ހުންނަންޖެހޭ މުއްދަތަށް ބަލާއިރު، ވޯލްޑް ކަޕްގައި އޭނާ އަށް ކުޅުމުގެ ފުރުސަތު އެބައޮތެވެ.
އާޖެންޓީނާގެ ގައުމީ ޓީމަށް 34 މެޗު ކުޅެފައިވާ ޑިބާލާ އަށް އަނިޔާވިއިރު، އޭނާ ހުރީ ރަނގަޅު ފޯމެއްގަ އެވެ. ރޯމާ އަށް މިހާތަނަށް ކުޅުނު 11 މެޗުގައި އޭނާ ވަނީ ހަތް ލަނޑު ޖަހައިފަ އެވެ.












