އެމްބާޕޭ ހިތްހަމަނުޖެހިގެން މި އުޅޭނީ ކޮންކަމަކާ؟

Oct 14, 2022, 4:02 AM
އެމްބާޕޭ ހިތްހަމަނުޖެހިގެން މި އުޅޭނީ ކޮންކަމަކާ؟

މިދިޔަ ސީޒަނަށް ފަހު، ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ، ޕީއެސްޖީގެ ކޮންޓުރެކްޓް އާކުރީ ދުނިޔޭގެ އެންމެ ބޮޑު މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެމްބާޕޭ، ކޮންޓުރެކްޓް އާކުރީ، ރެއާލް މެޑްރިޑްގެ ދޮރު އޭނާ އަށް ހުޅުވިފައިވަނިކޮށެވެ. އެކަމަކު، ރެއާލަށް "ދޯކާ" ދީ، ޕީއެސްޖީގެ ކޮންޓުރެކްޓް އާކުރީ ބޮޑު މުސާރައަކާއި، ޓީމުގެ ތެރޭގައި އެމްބާޕޭގެ ނުފޫޒު ގަދަވާނެ ކަންތައްތަކަކަށް ކްލަބުން އެއްބަސްވެގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެކަމަކު، ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. މިހާރު ފެތުރެމުންދާ އަޑަކީ ޕީއެސްޖީއާ މައްސަލަތަކެއް ޖެހި، އެމްބާޕޭ ޕީއެސްޖީ ދޫކޮށްލަން ބޭނުންވާ ހަބަރެވެ. ޕީއެސްޖީން ވެސް އެކަށީގެންވާ އަގެއް ލިބިއްޖެނަމަ އެމްބާޕޭ ވިއްކާލުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހިތްހަމަނުޖެހުންތައް ގިނަވެ، މައްސަލަތައް ކޮޅުންލުން

އެމްބާޕޭ، ޕީއެސްޖީ ދޫކޮށްލަން ބޭނުންވާ ހަބަރު ފްރާންސާއި ސްޕެއިންގެ މީޑިއާތަކުގައި ފެތުރުނީ އަންގާރަ ދުވަހުން ފެށިގެންނެވެ. ފްރާންސްގެ މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި އެމްބާޕޭ ހިތްހަމަނުޖެހުނީ ކްލަބުން ކޮންޓުރެކްޓް އާކުރިއިރު އޭނާ އަށް ވައުދުވި ގޮތަށް ބައެއް ކަންތައްތައް ނުކުރާތީ އެވެ.

ހާއްސަކޮށް، މި ސީޒަންގެ ޓްރާންސްފާ ބާޒާރުގައި ޕީއެސްޖީން ގެނައި ކުޅުންތެރިންނާ މެދު އެމްބާޕޭ ހިތްހަމައެއްނުޖެހެ އެވެ. އެހެންވެ، ނުސީދާ ގޮތަަކަށް ޕީއެސްޖީގެ އާ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ އަށް ސޯޝަލް މީޑިއާގައި އެމްބާޕޭގެ ނުރުހުން އަމާޒުވި ބައެއް ކަންކަން މީޑިއާ އަށް ތިލަވެފައިވެ އެވެ.

ޕީއެސްޖީގެ މެޗެއްގެ ތެރެއިން އެމްބާޕޭ: ފޯބްސް އިން ހޮވި މިދިޔަ އަހަރުގެ އެންމެ ބޮޑު އާްމްދަނީ އެއް ލިބުނު ފުޓްބޯޅަ ކުޅުންތެރިއަކީ އެމްބާޕޭ.

ޓްރާންސްފާ ބާޒަރުގައި ޕީއެސްޖީން ބޭނުންވި ހުރިހާ ކުޅުންތެރިން ނުގެނެވުނެވެ. ހާއްސަކޮށް ސެންޓްރަލް ޑިފެންޑަރެއް ގެންނަން ކުރި މަސައްކަތްތައް ކާމިޔާބެއްނުވި އެވެ. އެކަމަކު ރިޕޯޓްތަކުން ބުނާ ގޮތުގައި ޕީއެސްޖީން އިތުރު ސެންޓްރަލް ފޯވަޑެއް ނުގެންނާތީ އެމްބާޕޭ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.

ޕީއެސްޖީން ޕޮލެންޑްގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީ އާއި އިޓަލީގެ ފޯވަޑް ޖިއަންލޫކާ ސްކަމާކާ ގެންނަން މަސައްކަތްކުރި އެވެ. އެކަމަކު، ލެވަންޑޯސްކީ ދިޔައީ ބާސާއަށެވެ. އަދި ސްކަމާކާ އެންމެ ފަހުން ދިޔައީ ވެސްޓް ހޭމް ޔުނައިޓެޑް އަށެވެ.

މިހާރު ޕީއެސްޖީގެ ފޯވަޑްލައިންގައި އެމްބާޕޭއާ އެކު ކުޅެނީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އާއި ބްރެޒިލްގެ ނޭމާ އެވެ. މި ތިން ތަރިން ހިމެނޭ ފޯވަޑް ލައިންގައި, ސެންޓްރަލް ފޯވަޑްގެ މަގާމު އަަދާކުރަންޖެހެނީ އެމްބާޕޭ އަށެވެ. އެކަމަކު، ރިޕޯޓްތަކުން ބުނާގޮތުގައި، މި މަގާމަށް ކުޅެން އެމްބާޕޭ ބޭނުމެއް ނުވެ އެވެ. ސެންޓަ ފޯވަޑަށް ކުޅޭނަމަ، އޭނާ ބޭނުންވަނީ ދެ ފޯވަޑުން ކުޅޭ ފޯމޭޝަނަކަށް ކުޅޭށެވެ. އެކަަމަކު، އެމްބާޕޭ ބޮޑަށް ޝައުގުވެރިވަނީ ކަނާތު ފަޅިން ކުޅޭށެވެ.

"ގައުމީ ޓީމުގައި އަހަރެން މި ކުޅެނީ މުޅިން ތަފާތު ގޮތަކަށް. ކްލަބުގައި ކުޅެންޖެހޭ ގޮތާ ހިލާފަށް، ގައުމީ ޓީމުގައި އަހަންނަށް މާ މިނިވަންކަން ބޮޑު،" އޮސްޓްރިއާއާ ދެކޮޅަށް މިިދިޔަ މަހު ފްރާންސް ކުޅުނު މެޗަށް ފަހު އެމްބާޕޭ ބުންޏެވެ.

ކްލަބުގައި އެމްބާޕޭ ކުޅެން ބޭނުންވާ މަގާމަށް ކުޅެން ނުލިބުމަކީ، ޕީއެސްޖީއާ މެދު އޭނާ ހިތްހަމަނުޖެހޭ އެއް އެއް ސަބަބެވެ.

ޕީއެސްޖީން ބުނަނީ ކީކޭ؟

އެމްބާޕޭ، ކޮންޓްރެކްޓް އާކުރިތާ މާ ގިނަ ދުވަހެއް ނުވެ ޕީއެސްޖީން އެޑްވައިޒަރެއް މަގާމަށް ހަމަޖެއްސި ލުއިސް ކަމްޕޯސް ފްރާންސްގެ މީޑިއާއާގައި ބުނީ ޖެނުއަރީގެ ޓްރާންސްފާގައި ކްލަބު ދޫކޮށްލަން ބޭނުންވާ ކަހަލަ ވާހަކައެއް އޭނާ ގާތު އެމްބާޕޭ ނުދައްކާ ކަމަށެވެ.

ޕީއެސްޖީގެ ކޯޗު ގަލްޓިއޭގެ ވާހަކަ ވެސް ހުރީ މިފަދަ ރާގަކަށެވެ. ގަލްޓިއޭ ވެސް ބުނީ އެމްބާޕޭ ކްލަބު ދޫކޮށްލަން ބޭނުންވެގެން އުޅޭކަން އޭނާ އަށް ނޭނގޭ ކަމަށެވެ.

"އަހަންނަކަށް ނޭނގޭ އެއްވެސް ކަމެއް. އަޑުތަކެއް ފެތެރިގެން އުޅޭކަން އަޑުއެހިން،" އެމްބާޕޭ ބުންޏެވެ.

އެހެން ނަމަވެސް، އިތުބާރު ހިފޭ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްތަކުން ބުނާގޮތުގައި އެމްބާޕޭ ކްލަބު ދޫކޮށްލަން ބޭނުންވާ ވާހަކަ ފަތުރަން ފެށީ ޕީއެސްޖީގެ ޓީމުގައި އެމްބާޕޭގެ ގާތް ކުޅުންތެރިންނެވެ. މިއީ ޕީއެސްޖީގެ ކޯޗު ގަލްޓިއޭ އަށް ޕްރެޝަރު ކުރުމަށް، އެމްބާޕޭ ވެސް ބޭނުންވެގެން މި ކުޅުންތެރިން ފަތުރަމުންދާ ވާހަކަތަކެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕީއެސްޖީގެ ކުޅުންތެރިއަކާ ހަވާލާދީ ފްރާންސްގެ ލަ ޕެރީސިއަން ނޫހުން މީގެ ކުރިން ޝާއިއުކޮށްފައިވާ ހަބަރެއްގައިވާގޮތުން އެމްބާޕޭ އާއި ޕީއެސްޖީގެ ކުޅުންތެރިންގެ މެދުގައި އޮތް ކުޅުން ރަނގަޅެއް ނޫނެވެ. މީގެ ކުރިން ޕީއެސްޖީގައި އެމްބާޕޭ އާއި އެންމެ ގާތްކޮށް އުޅުނީ މޮރޮކޯގެ ފުލްބެކް، އަޝްރަފް ހަކީމީ އެވެ. އެކަމަކު، ހަކީމީ އާއި އެމްބާޕޭގެ ގުޅުން ގޯސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ބާރުލިބުނީ ދާދި ފަހުން ޕީއެސްޖީ މެޗެއްގެ ދެ ވަނަ ހާފަށް ނުކުތުމުގެ ކުރިން އެމްބާޕޭ އަޑުގަދަކޮށް ހަކީމީއާ ވާހަކަ ދައްކާތަނުގެ ވީޑިއޯއެއް އާންމުވުމުންނެވެ.

އެމްބާޕޭގެ ރޭހުގައި ފެންނަން އޮތީ ލިވަޕޫލް އެކަނި

ކިތަންމެ ހާލަތު ގޯސްވިޔަސް، ޖެނުއަރީގައި ޕީއެސްޖީން އެމްބާޕޭ ނުވިއްކާނެކަން ކަށަވަރެވެ. ރެއާލްގެ ހުށަހަހެޅުމަށް ފުރަގަސްދީ، ޕީއެސްޖީގެ ކޮންޓުރެކްޓް އެމްބާޕޭ އާކުރިތާ އަދި މިވީ ފަސް މަހެވެ. އެމްބާޕޭ ކޮންޓުރެކްޓް އާކުރުމަކީ ވަރަށް ކުލަގަދަކޮށް ޕީއެސްޖީން ފާހަގަކުރި ކަމެެކެވެ.

އެމްބާޕޭ (ކ) ޕީއެސްޖީ އަށް ސޮއިކުރުމަށް ފަހު އެ ޓީމުގެ ރައީސް ނާސިރު އަލް ހެއްލާފީއާ އެކު.

އެހެން ނަމަވެސް، އެމްބާޕޭ ޓީމު ދޫކޮށްލަން ބޭނުންވާ އަޑުތައް މި ސީޒަން ނިމޭއިރު ވެސް މަޑުނުވެ، ޗެމްޕިއަންސް ލީގު ހޯދުމުގައި ޕީއެސްޖީން ކުރާ މަސައްކަތް މި ސީޒަންގައި ވެސް ނާކާމިޔާބުވެއްޖެނަމަ، ޕީއެސްޖީގެ ހިޔާލު ބަދަލުވެދާނެ އެވެ. އެއީ ކްލަބަށް ކުޅެން ބޭނުންނުވާ ކުޅުންތެރިއެއް ބެހެއްޓުމަށް ވުރެން ދޫކޮށްލުން އެ ކްލަބަށް ފައިދާ ބޮޑުވާނެތީ އެވެ.

އެމްބާޕޭ އަކީ ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަށްވާއިރު، މިވަރުގެ މުސާރައެއް އެނާ އަށް ހުށަހަޅާނެ މާ ގިނަ ކްލަބުތަކެއް ނެތެވެ. ރެއާލް އިން އެމްބާޕޭ ގެންދަން ކުރި މަސައްކަތް މި އަހަރު ކާމިޔާބުނުވި ނަމަވެސް، އެމްބާޕޭ ގެންދަން އެ ކްލަބުން އަލުން މަސައްކަތް ކޮށްފާނެ އެވެ.

ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގެ ތެރެއިން، ދެން އެމްބާޕޭ ގެންދިއުމުގެ ފުރުސަތު އެންމެ ބޮޑީ ލިވަޕޫލަށް ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

މީގެ ކުރިން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ވަނީ އޭނާގެ މަންމަ އަކީ ލިވަޕޫލަށް "މަރުދޭ ސަޕޯޓަރެއް" ކަމަށް ބުނެފަ އެވެ. ލިވަޕޫލުން އެމްބާޕޭގެ ރޭހުގައި ވާދަކުރަން ބޭނުންވާނަމަ ޕީއެސްޖީގެ ހުށަހެޅުމެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް ފްރާންސްގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެއީ އެމްބާޕޭ އާއި ލިވަޕޫލްގެ މުހައްމަދު ސަލާހު ބަދަލުކުރާ ގޮތަށް ހިނގާ ޑީލެއްގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox