ދުނިޔޭގެ 28 ގައުމެއްގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންނާ އެކު ދުނިޔޭގެ ވޮލީބޯޅަ ފެޑެެރޭޝަން، އެފްއައިވީބީގެ ބީޗްވޮލީ ޓުއާގެ މޯލްޑިވްސް ޗެލެންޖު މިއަދު ސަން އައިލެންޑުގައި ފަށަން ތައްޔާރުވެއްޖެ އެވެ.
މި މަހު 13-16 އަށް ސަން އައިލެންޑް ރިސޯޓްގައި ކުރިއަށްގެންދާ ދުނިޔޭގެ ބީޗްވޮލީބޯޅައިގެ އެންމެ މަތީ ފަންތީގެ މުބާރާތުގައި ދުނިޔޭގެ ބީޗްވޮލީބޯޅައިގެ ފާހަގަކޮށްލެވޭ 86 ޕެއާ އެއް ވާދަކުރާނެ އެވެ.
އަންހެން އަދި ފިރިހެން ބައިވެސް ހިމެނޭ ގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖޭގެ ދެ ޕެއާ އެއްވެސް ވާދަކުރާނެ އެވެ. އެއީ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާގެ އިތުރުން އެންމެ ފަހުގެ ގައުމީ ބީޗްވޮލީ ޗެމްޕިއަން، އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާ އެވެ.
ކުޑަކާއްޓޭ އާއި އެޑަމް ވާދަކުރާނީ މެއިން ޑްރޯގަ އެވެ. ކޯކޭ އާއި ޑެންޒޯ ވާދަކުރާނީ މިއަދު ކުރިއަށްދާ ކޮލިފައިން ބުރުގަ އެވެ. މެއިން ޑްރޯ އިން ފުރުސަތު ދީފައިވަނީ 16 ޕެއާ އަކަށެވެ. ކޮލިފައިން ބުރުން ކުރި ހޯދާ 8 ޕެއާ އާއިއެކު މެއިން ޑްރޯގެ މެޗުތައް ކުރިއަށްދާނީ މާދަމާ އެވެ.
އެއް ލައްކަ ފަންސާސްހާސް ޑޮލަރުގެ އަގުހުރި އެފްއައިވީބީ ޗެލެންޖް މުބާރާތުގައި ދުނިޔޭގެ ރޭންކިންގައި ހިމެނޭ މަޝްހޫރު ގިނަ ޕެއާ ތަކެއް ވާދަކުރެ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރަށް ބަލާއިރު އެންމެ ގިނަ ދުވަހު ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ގަތަރުގެ ޗެރީފް ޔޫނުސީ އާއި އަހުމަދު ތިޖާންގެ ޕެއާ އާއި ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، ސްވިޑެންގެ ޑޭވިޑް އާހްމަން އާއި ޖޮނަތަން ހެޔްވިގްގެ ޕެއާ ހިމެނެ އެވެ.
މީގެ އިތުރުން ޖުލައި މަހު ކުރިއަށްދިޔަ ޗެލެންޖް މުބާރާތުން ލޯ މެޑަލް ހޯދި ސްވިޒަލެންޑްގެ މާކޯ ކްރަޓީގާ އާއި ފްލޯރިއަން ބްރީއާ އަށް ވެސް މޯލްޑިވްސް ޗެލެންޖުގައި ވާދަކުރާނެ އެވެ. ސްވިޒަލެންޑުގައި މިވަގުތު އޮތް އެންމެ އުއްމީދީ ޕެއާ ކަމަށްވާ ކުއެންޓީން މެޓްރަލް އާއި ޔްވެސް ހޯސެނިއާގެ ޕެއާވެސް މި މުބާރާތުގައި ރަނގަޅު ވާދައެއް ކުރާނެކަމަށް ބެލެވެ އެވެ.
އެފްއައިވީބީގެ ބީޗްވޮލީ ޓުއާގެ މޯލްޑިވްސް ޗެލެންްޖު ފުރަތަމަ ބާއްވަން އެންމެ ފުރަތަމަ މަސައްކަތްކުރީ ކްރޮސް ރޯޑްގަ އެވެ. ނަމަވެސް ބައެއް ސަބަބުތަކާ ހުރެ މި މުބާރާތް ފަހު ވަގުތު ސަން އައިލެންޑު ރިސޯޓުގައި ބާއްވަން ނިންމީ އެވެ.
މިއީ ރާއްޖޭގައި ދުނިޔޭގެ ލެވަލްގެ މި ފަދަ މުބާރާތެއް ބާއްވާ ތިން ވަނަ ފަހަރެވެ. މީގެ ކުރިން ވަނީ ކެރަމް ވޯލްޑް ކަޕާއި އައިބީސީގެ ބޮޑީބޯޑިން މުބާރާތެއް ރާއްޖޭގައި ހޯސްޓްކޮށްފަ އެވެ. ދުނިޔޭގެ އެންމެ މަތީ ލެވަލްގެ ބޮޑީބޯޑަރުން ބައިވެރިވި މުބާރާތް ހޯސްޓްކުރީ މިދިޔަ އޮގަސްޓް މަހު މާލޭ ރާޅުގަނޑު ސަރަހަައްދުގަ އެވެ.













