ލަންޑަން (އޮކްޓޫބަރު 12) - ބަޔާން މިއުނިކުން ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް، ހެރީ ކޭން ގެންދަން ކުރާ މަސައްކަތްތަކާ ގުޅުވައިގެން އަމާޒުކުރާ ސުވާލުތަކަށް ސީދާ ޖަވާބެއް ދޭން ކޭން ދެކޮޅު ހަދައިފި އެވެ.
ނުވަ ވަރަކަށް އަހަރު، ބަޔާންގެ ފޯވާޑް ލައިން ބެލެހެއްޓި ރޮބަޓް ލެވަންޑޯސްކީ ވަނީ މި ފަަހަރުގެ ޓްރާންސްފާގައި ބާސެލޯނާ އަށް ސޮއިކޮށްފަ އެވެ.
ލެވަންޑޯސްކީ ނެތްތަނަށް ބަޔާންގެ މެނޭޖްްމަންޓުން ބޭނުންވަނީ ކޭން ގެންދާށެވެ. އެ ވާހަކަތައް ބަޔާންގެ މެނޭޖްމަންޓުން މީޑިއާގައި ގެނެސްދިން ގޮތުން، ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވެސް ވަނީ ފާޑުކިޔައިފަ އެވެ.
ބަޔާނާއި ކޭންއާ ގުޅުވައިގެން ކޮންމެ ފަހަރަކު ވެސް ވާހަކަތައް ދެކެވެނީ އޭނާ ޖަރުމަނުގެ ޓީމަކާ ކުޅެން ތައްޔާރުވާއިރު އެވެ. ޗެމްޕިއަންސް ލީގުގައި މިރޭ ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓާ ދެކޮޅަށް ޓޮޓެންހަމް ކުޅޭ މެޗުގެ ކުރިން ވެސް ކޭން އަށް އަމާޒުވީ ބަޔާންގެ ޓްރާންސްފާއާ ގުޅޭ ސުވާލުތަކެކެވެ. ކޭން ވަނީ އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ޓޮޓެންހަމްގެ ވާހަކަ ދައްކައިފަ އެވެ.
"އަހަރެންގެ ފޯކަސް މިހުރީ ޓޮޓެންހަމް އަށް. މިއީ ވެސް ވަރަށް ބޮޑު ކްލަބެއް. ތަކުރާރުކޮށް ވެސް ބުނަން އޮތީ އެއް ވާހަކަ. ޓޮޓެންހަމް މޮޅުކޮށްދޭން މި ވަގުތު އަހަރެންގެ ފޯކަސް ހުރީ،" ބަޔާނާ ގުޅޭގޮތުން އަމާޒުވި ދެ ވަނަ ސުވާލަށް ކޭން ބުންޏެވެ.
މިދިޔަ ސީޒަން ފެށުމުގެ ކުރިން މެންޗެސްޓާ ސިޓީން ކޭން ގަންނަން ގިނަ ބިޑްތަކެއް ކުރި ނަމަވެސް އޭރު ޓޮޓެންހަމްގެ ކޯޗަކަށް ހުރި ނޫނޯ އެސްޕިރީޓޯ ސަންޓޯ އެ ކްލަބްގެ މެނޭޖްމަންޓަށް އެންގީ ކިތަންމެ ބޮޑު ހުށަހެޅުމެއް ލިބުނަސް ކޭން ދޫނުކުރާށެވެ. ނަތީޖާތަށް ދަށްވެ، ނޫނޯ މަގާމުން ދުރުކޮށް ޓޮޓެންހަމްގެ ކޯޗަކަށް އެންޓޯނިއޯ ކޮންޓޭ އައި ފަހުން ކޭން އަންނަނީ ޓޮޓެންހަމްގައި މަޑުކުރުމުގެ ވާހަކަތައް ދައްކަމުންނެވެ.
ކޭން، 29، ޓޮޓެންހަމް ދޫކޮށްލަން އެންމެ ބޮޑަށް ބޭނުންވާ ސަބަބަކީ އޭނާގެ ސީނިއާ ކެރިއަރުގައި އަދި ޓްރޮފީއެއް ލިބިފައިނުވާތީ އެކަން ހާސިލްކުރެވޭނެ ފަދަ ބޮޑު ޓީމަކާ ގުޅުމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ލަނޑު ޖެހުމުގެ ގިނަ ރެކޯޑްތަކެއް އޮތް ކޭން ވަނީ ޓޮޓެންހަމަށް ކުޅެދިން 398 މެޗުން 256 ގޯލު ޖަހައިފަ އެވެ. މީގެ ތެރެއިން ސީޒަނުގެ ރެކޯޑަށް ބަލާއިރު، 12 މެޗުން ވަނީ އަށް ގޯލު ޖަހައިފަ އެވެ.












