އަދުލުއިންސާފާއި އަދުލު އަދި އިންސާފު

އަދުލުއިންސާފާއި އަދުލު އަދި އިންސާފު

ސަލްޓަންޕާކްގެ ހިތްފަސޭހަ މައިޒާނުގެ މެދުގައި އެލުވާފައި އެހުރި ހަނދުފަޅީގައި އޮށޯވެލައިގެން އޮތީ އިދްރީސަކީ މާލޫޅާފަތި މީހަކަށް ވާތީއެއް ނޫނެވެ. މާލޭގެ އަޑުފަށްގަނޑު ގަދަކަމާއެކު ވެސް ދަންވަރަށް މިލިބޭ ހިމޭންކަމުގައި ގޮތެއް ހުރީތީ އެވެ. މާލޭގެ ހޫނުކަމާއެކުގައި ވެސް މެންދަމުގެ ފިނީގައި ހިސާބަކަށް އަދިވެސް ތެތް ކަމެއް ހުރީތީ އެވެ. އެގޮތާއި ތެތްކަމުގެ އިހުސާސް ލިބިގަންނަނީ ބިޔަ ގަސްތަކުގެ ސުވަރުގެއެއް ފަދަ ސަލްޓަންޕާކްގެ މެދުގައި އޮށޯވެލައިގެން އޮވެ ކަމަށްވާނަމަ ސިކުނޑިއަށް ހަމަ ހިތްގައިމެވެ. ރޭގަނޑުގެ އަނދިރީގައި ވިސްނާ މީހަކަށް ފުން ހިޔާލުތައް ދިއްލި ދިއްލި އެ ހުންނަނީ ބިރު ގަންނަ މީހަކަށް އަނދިރީގައި ދެޔޯތަކާ ހަތްބޯރާހީގެ ބާވާތްތަކުން ފެންނާނެހާ ގިނައިންނެވެ.

ކުއްލި އައްޔެކެވެ. ބޮޑު ގަހުގެ މަތީން ފާޅުވެލީ އަލި މޫނެކެވެ. ދަންނަ ފާޑުޖަހާ މޫނެކެވެ. އެކަމަކު އިންސާނެއްގެ ހަށިގަނޑެއް ނެތެވެ. އަލިންވާ މޫނެކެވެ. ދިހުންގަދައެވެ. އިދްރީސް ބިރެއްވެސް ނުގަތެވެ. ދުއްވައިގަންނަންޖެހޭ ކަމަކަށް ވެސް ނުދެކުނެވެ. އިތުރު އިޝާރާތަކާއެކު ކުޑަކުޑައިކޮށް އަރިޔަކަށް ބަލައިލިއިރު ހަމަ އެފަދަ އަނެއް މޫނެވެ. ހަމަ އައްޔެކެވެ. އަލިންވާ މޫނެކެވެ. އެ ދެ އައްޔަކީ ދެ އިންސާނުން ކަމަށް ބަލައިފި ނަމަ ދެ މީހެއްގެ ދެ މޫނޭ ބުނެވިދާނެ އެވެ.

އިދްރީސް ބަލާކަށް ނުހުރެ ސަލާން ގޮވާލައިފި އެވެ. ތިޔައީ ކޮން ދެ މީހުންނެއްތޯ އަހާލައިފި އެވެ. އެކަކު ބުނެފި އެވެ. މަށަށް ކިޔަނީ އަދުލެވެ. އަނެކަކު ބުނެފިއެވެ. މަގޭ ނަމަކީ އިންސާފެވެ. ނަންވެސް ރީއްޗެވެ. އިދްރީސަށް ކިހާ ފަރިތަ ދެނަމަށް ވާނެތާ އެވެ. އަދުލާއި އިންސާފުވިއްޔާ އެވެ.

ކުޑައިކޮށް އިސްއުފުލާ ބަލާލާފައި ޝައުގުވެރި ރާގެއްގައި އިދްރީސް ބުނެފި އެވެ. ތިޔަ ދެ މީހުންގެ ހަބަރުތަކުން ނިކަން ކިޔާލަދީބަލާށެވެ. އަހަންނަކީ ކަލޭމެން ދެ މީހުންގެ ނަމުގައި ނިކަން ގިނަ ކަންކަން ކޮށް އުޅޭ މީހަކީމެވެ.

ދެ މީހުން އެކުގައި ވާހަކަ ފަށައިފި އެވެ. އިދްރީސަކަށް ކިޔާނުކިޔާއެއް ނޭނގެ އެވެ. ބަސްމަގު ރީތިވެފައި ރާގު ރީތިވެފައި ސާފު ދިވެހިބަހުންކަން އެނގެ އެވެ. އެކަމަކު ދެ މީހުން އެކުގައި ވާހަކަ ފެށުމުން ހަމަ އެކައްޗެއް ވެސް ސާފެއް ނުވެ އެވެ. އިދްރީސް ހަދާނެ ގޮތަކާމެދު ކުޑައިކޮށް ފިކުރެއްގައި ހުރެފައި، ނިކަން ކެރިގެން ބުނެލައިފި އެވެ. އަދި ތިޔަ ގޮތެއް ކަމަކު ނުދެ އެވެ. ފަހަރަކު މީހަކު ކުރިޔަށް ގެންދާށެވެ. އެހެންވީމާ ފުރަތަމަ ފުރުސަތު އަދުލަށެވެ. އަދުލުގެ ވާހަކަ ނިމުމުން އިންސާފު ކުރިޔަށް ގެންދާނީ އެވެ.

އަހަރެންގެ އެންމެ ބޮޑު ހާއްސަ ކަމަކީ އަހަރެންގެ އިހުސާސެއް ނުހުރެ އެވެ. އަހަރެން އުފަލެއް ވެސް ނުވެ އެވެ. ދެރައެއް ވެސް ނުވެ އެވެ. ހަމްދަރުދީއެއް ވެސް ނުވެ އެވެ. އަހަރެން ބަލާ އުޅެނީ ހަމަޔާއި ނަހަމައަށެވެ. ހަމަ ދެއްކުމުގައި މޮޅުވާ މީހާއާ އެއްކޮޅަށް އަހަރެން ބުރަވަމެވެ. ހަމަ ދެއްކުމުގައި ދެރަވާ މީހާ ހުރީ ނަހަމައިގައި ކަމުގައި އަހަރެން ނިންމަމެވެ. އަހަރެން ބަލަނީ މީހުންގެ އެތެރެފުށަކަށް ނޫނެވެ. ބޭރުފުށަށެވެ. އެއީ މީހުންގެ އެތެރެފުށަށް ނުބެލޭނެތީ އެވެ. މީސްމީހުންގެ އެތެރެފުށެއް އަހަރެންގެ ކުރިމައްޗަށް ހުށަހެޅިފައެއް ނުހުރެ އެވެ. އަހަންނާ ހަމައަށް އަންނަނީ މުޅީންވެސް ބޭރުފުށަށް ބެލޭނެ ކަހަލަ ނިޝާންތަކެކެވެ. ކިތަންމެ ބޮޑު ދޮގުވެރިއެއް ވިޔަސް އަހަރެން އޭނާއާ އެއްކޮޅަށް އެއްބަޔަށް ލޮއްސާލެވިދާނެ އެވެ. އެއީ އޭނާ ހަދަނީ ދޮގުކަން އަހަންނަށް އެނގުނަސް އެއީ ދޮގު ކަމަށް ބަލާނެ ބޭރުފުށުގެ ކަންތައްތަކެއް އަހަރެންގެ ކުރިމަތީގައި ނެތިއްޖެނަމަ އެވެ. މީހަކު އަގުބޮޑު ގަހަނާއެއް އަޅައިގެން ހުރެއްޖެއްޔާ އަހަރެން ބަލާނީ އެއީ އޭނާގެ އެއްޗެއްކަމަށެވެ. އެނޫން ގޮތަކަށް ބެލޭނީ އެނޫން ގޮތަކަށް ބެލުމަށް ބޭރުފުށަށް ފެންނާންހުރި ވަރުގަދަ ހަރުދަނާ ނިޝާންތަކެއް ފެނިގެންނެވެ. އެނޫން ގޮތަކަށް ބެލުމަށް ބޭރުފުށުގައި ސާފު ނިޝާންތަކެއް ހުރެއްޖެނަމަ ކުރިން ވިސްނި ވިސްނުން ބަދަލުކޮށްލުމަށް ހަމަ ކުޑައިކޮށް ވެސް ފަހަތަކަށް ނުޖެހޭނެއެވެ.

އަހަންނާ ހިލާފަށް މިހިރަ ފެންނަ އިންސާފަކީ މުޅީންވެސް ޖަޒުބާތަށް ކަންކަން ނިންމާ މީހެކެވެ. އޭނާއަކީ އިހުސާސްތަކުގެ އަޅެކެވެ. ދެރަވެ އެވެ. އުފާވެ އެވެ. ރުޅި އާދެ އެވެ. ބައެއް ފަހަރަށް ތިން އިހުސާސް އެކީ ބަންޑުންވެސްކޮށްލާފަ އެވެ. އޭނާ ބުނާ ގޮތުން އޭނާ ބަލަނީ ހައްގަށެވެ. ހައްގު އޮތް ކޮޅަކަށެވެ. ވަރަށް ބާރު އަޑުން ހެކި ދައްކާ ހަމައަޅުވާ މީހާއަކީ ހެކި ދެއްކުމުގައި މޮޅަސް ހައްގު ގޮތުގައި ހުރި މީހަކަށް ނުވެދާނެޔޯލަ އެވެ. ހަމަ ދައްކާ މީހާއަކީ ނަހަމައިގައި އަސްލު ހުރި މީހާ ކަމަށް ވެދާނެޔޯލަ އެވެ. އަމުދުން އެ މީހަކާ ބެހޭ ގޮތުން އެއީ ރަނގަޅު ނޫން މީހެއް ކަމަށް މުޖުތަމައުގެ އާންމު މީހުން ދެކޭނަމަ އޭނާގެ އިހްސާސް ވެސް ހުންނާނީ އެދިމާއަށް ދީލާލާފަ އެވެ. އޭނާ ދެކޭ ގޮތުގައި އިންސާފު އަރަންވާނީ މުޖުތަމައުގެ ގިނަ މީހުން ގަބޫލުކުރާ ކަމަށް މުޖުތަމައު ދައްކައިދޭ ކޮޅަކަށެވެ. މަސްލަހަތާއި ހަމަޖެހުން އެހެން ނޫނީ ވިހާލިވެގެން ހިނގައިދާނެ އެވެ. ނިކަމެތީންނަށްޓަކައި ދެރަވުމާއި ގިނަ މީހުންނަށްޓަކައި އުފާވުމާއި އަނިޔާލިބޭ މީހުންނަށްޓަކައި ބަދަލު ހިފުމަށް ރުޅިއައުމަކީ އޭނާ ގަބޫލުކުރާ އެންމެ ބޮޑެތި ޕްރިންސިޕަލްތަކެވެ. އުސޫލެއްގެ ގޮތުން އެކަންކަން މަވެސް ގަބޫލުކުރަމެވެ. އެއްބަސް ނުވެވެނީ އޭނާ އެކަންކަން ކަނޑައަޅާ އުޅޭ ގޮތުންނެވެ. އޭނާ އަނިޔާ ލިބޭ މީހުންނާއި ނިކަމެތީން ކަނޑައަޅަނީ މީސްމީހުންގެ އެތެރެފުށް އޮވެދާނެ ކަމަށް ގަބޫލުކުރެވޭ ވިސްނުން ތަކެއް ނެރެ ތަސައްވުރުކޮށްގެންނެވެ. ޔަގީން ނުކުރެވޭނެ ހީތަކެއްގެ މައްޗަށް ބަލައިގެންނެވެ. ބޭރުފުށުން ފެންނާން ހުރި ނިޝާންތަކަށްވުރެ މާދުރަށް މާއަޑިއަށް ގޮސްގެންނެވެ. މިކަމުގައި މީނާ ކަންކުރާ ގޮތާއި މުޖުތަމައުގެ ގިނަ މީހުން ކަންކުރާ ގޮތާ އެއްގޮތްކަން އަހަރެން ވެސް ގަބޫލުކުރަމެވެ. އެކަމާހުރެ މުޖުތަމައުގައި ބޮޑަށް މަގުބޫލު މީހަކީ އޭނާ އެވެ. އެކަމަކު ހަރުކުލައިގެ ގިނަ މީހުން އިހުތިރާމް ކުރަނީ މަށަށް ކަމަށް އޭނާ ވެސް ގަބޫލުކުރާނެއެވެ. އެކަން ފާޅުގައި ހާމަކުރުމަށް އޭނާގެ ޖަޒުބާތުތައް ހުރަސް އެޅިޔަސްވެހެވެ.

މަޑުކޮށްލާ! މަޑުކޮށްލާ! މިހާރު ބޮޑަށް ތިދައްކަނީ އިންސާފުގެ ވާހަކަ. އެވާހަކަ އަޑުއަހާން އަހަރެން ބޭނުންވަނީ އިންސާފުގެ ފުށުން. އެހެންވީމާ އިންސާފު ކުރިޔަށް ގެންދޭ! އިދްރީސް ބަލާލިއިރު ތިމަންނާއަކީ އިންސާފޭ ބުނި އަލިމޫނު މިހާރު ފެންނާކަށް ނެތެވެ.

ދެންނެވީމު ނޫންތޯ އިންސާފަކީ ޖަޒުބާތާއި އިހްސާސްތަކުން ފުރިގެންވާ މީހެއް ކަމަށް. އަޅުގަނޑު ހަމަތަކުގެ މަތީން ވާހަކަ ދައްކަން ފެށުމާއެކު އިންސާފު މިތަނުން ގޮސްފި. ފިލައިފި އިނގޭތޯ. އިދްރީސް ތިއިންނެވީ އިސްދަށަށް ޖައްސަވައިގެން. އެކަން ވެސް އިންސާފަށް ވާނީ މައްސަލައަކަށް. އޭނާ ގަބޫލުކުރާ ގޮތުން އަޑުއެހީކަމަށް ވާނީ މޫނާ މޫނު ދިމާ ކޮށްގެން އިނީވިއްޔާ. އެކަމަކު އަހަރެން ފަދަ ހަމަ ގަބޫލުކުރާ މީހަކަށް އިދްރީސް އަޑުއަހަނީކަން ވަރަށް ސާފު.

ރަނގަޅު. އަހަރެން މިއިނީ ކަލޭގެ ވާހަކަ އަޑުއަހައިގެން. އެކަމަކު އިންސާފު މިތަނުން ދިޔައީ ޖަޒުބާތުގައި ޖެހިގެން ކަމަށް ތިޔަ ބުނަނީ ބޭރުފުށުގެ ކޮން ނިޝާންތަކެއް ކަލޭގެ ކުރިމަތީގައި ހުރީމާތޯ؟ އަހަރެންގެ ކުރިމައްޗަށް އެފަދަ އެއްވެސް ނިޝާނެއް ހުށަހެޅިފައެއް ނެތް. ހަމައެކަނި އޮތީ ކަލޭ ބުނާ ބުނުން. އެވެސް އޭނާ އެއިން އެއްވެސް ވާހަކައަކާ މެދު ދެކޭގޮތެއް ބުނާ އެއްޗެއް އެނގޭނެ އެއްވެސް ގޮތެއް ނެތި.

ނޫން ނޫން ބައްލަވާ އިދްރީސް. އޭނާ ދިޔައީ ޖަޒުބާތުގައި ޖެހިގެން. އިދްރީސް ތީ ކޮން ކަހަލަ މީހެއް؟ އޭނާއަކީ ޖަޒުބާތުގެ އަޅެއް ކަމަށް އަހަރެން ދައުވާކޮށްފައި އޮއްވައި، އޭނާގެ ކަމުނުދާ ވާހަކަ ދެއްކުމުން އޭނާ މިތަނުން ދިޔަ ދިޔުން އެކަމަށް ފުދޭވަރަށް ހެކިވެރިކަން ނުދޭތަ؟

އިދްރީސް އިސް އުފުލާ ބަލާލި އެވެ. އަދުލުގެ އަލިމޫނުން ފެނުނީ ރުޅިވެރިކަން އެކަންޏެއް ވެސް ނޫނެވެ. ހިނދެމުން ދިޔަ ރުޅިވެރިކަމެއްގެ ތެރެއިން ހިތާމަވެރި މާޔޫސް ކަމެއް ވެސްމެ އެވެ. އަދި ފެންކަޅިވެފައިވާ ދެލޯވެސްމެ އެވެ. އިހުސާސާއި ޖަޒުބާތު ނެތް އަދުލަށް މިވީ ކިހިނަކުން ބާވަ އެވެ.

އިދްރީސް އިސްދަށަށް ޖަހާލި ވަގުތު އަޑު އައީ އެހެން ދިމާއަކުން ހެންވެސް ހީވި އެވެ. މަތި ބަލާލިއިރު އިތުރު އައްޔެއް ފެންނާކަށް ނެތެވެ. ކުރިންވެސް ފެނުނު އައްޔެވެ. އެ އަލި މޫނުގައި އެކަމަކު ތަފާތެއް އެބަހުއްޓެވެ. ރާގާއި އަޑުވެސް ކުޑަކޮށް ތަފާތުވެއްޖެ އެވެ. ވެގެން އުޅޭ ގޮތް އިދްރީސަށް ވިސްނިއްޖެ އެވެ. އިންސާފު ދިޔައީ މި ތަނުން ދުރަކަށް ނޫނެވެ. އަދުލާއި އިންސާފު ވަކިވެފައިވާ ހިނދުކޮޅެއް އިދްރީސަށް އައީ އެވެ. މިހާރު އަނެއްކާވެސް ކުރިއެކޭ އެއްފަދައިން އެކުވީ އެވެ. ހިނދުކޮޅުގެ ތެރޭގައި އެއީ އަދުލު އަދި އިންސާފުގެ ނަމުގައި ވަކީން ފާހަގަވީ ދެމީހެކެވެ. އެކަމަކު އެހިނދުކޮޅު ފިލައިދިއުމަށްފަހު މިހާރު ފެންނާން އެހުރީ އެކެއްގެ ގޮތުގައި އަދުލުއިންސާފެވެ. ނޫނެކެވެ. ހިނދުކޮޅުގެ ތެރޭގައި އަދުލު ދެއްކި ވާހަކަތަކަށް ފުރިހަމައަށް ރިއާޔަތްކުރާނަމަ އިންސާފު އެކަންޏެވެ. އަދުލުގެ މައްޗަށް ގަދަވެގަނެފައިވާ އިންސާފުގެ އިސްތިއުމާރީ ބާރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox