ލިވަޕޫލް ބަލިކޮށް އާސެނަލް އެއް ވަނަ އަށް

Oct 9, 2022, 7:48 PM
ލަނޑު ޖެހުމަށް ފަހު އާސެނަލްގެ މާޓިނެލީ އާއި ސަކާ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު އާސެނަލްގެ މާޓިނެލީ އާއި ސަކާ އުފާފާޅުކުރަނީ.

ލަންޑަން (އޮކްޓޫބަރު 9) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލް 3-2 އިން ބަލިކޮށް އާސެނަލް ލީގުގެ އެއް ވަަނަ އަށް އަލުން ޖެހިލައިފި އެވެ.

އާސެނަލް އެއް ވަނަ އަށް އެރީ ނުވަ މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތީ ނުވަ މެޗުން 23 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް ވަނީ ނުވަ މެޗުން 20 ޕޮއިންޓް ލިބިފަ އެވެ. ޗެލްސީ ހަތަރެއްގައި އޮތީ އަށް މެޗުން 16 ޕޮއިންޓާ އެކު އެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 58 ވަނަ ސިކުންތުގައި އާސެނަލުން ލީޑުނެގީ ގަބްރިއެލް މާޓިނެލީ ޖެހި ގޯލުންނެވެ. މިއީ 2011 ވަނަ އަހަރަށް ފަހު އާސެނަލުން ލީގުގައި ޖެހި އެންމެ އަވަސް ގޯލެވެ. އޭރިއާތެރެއިން މާޓިނެލީ ޖެހި ބޯޅަ ގޯލަށް ވަނީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަތުގައި ޖެހިފަ އެވެ.

އާސެނަލްގެ މާޓިނެލީ (ވ) ލިވަޕޫލްގެ ސަލާހު ކައިރިން ބޯޅަ ހިފައިގެންދަނީ.

ލިވަޕޫލުން އެއްވަރުކުރީ މެޗުގެ 34 ވަނަ މިނިޓްގައި ޑާވިން ނޫނޭޒް ޖެހި ގޯލުންނެވެ. މިއީ އާސެނަލް ޑިފެންސް ފަހަތަށް ދިޔަ ބޯޅައެއް ހޯދައި ލުއިސް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތަކުން ނޫނޭޒް ޖެހި ގޯލެކެވެ. އޭގެ ފަހުން ޑިއާޒްގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ބަދަލުގައި ރޮބާޓޯ ފިރްމީނޯ ކުޅެން އެރި އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލުން ވަނީ ކައުންޓަ އެޓޭކުގައި ގޯލެއް ޖަހައި އަލުން ލީޑުނަގައިފަ އެެވެ. މި ގޯލު ޖެހީ މާޓިނެލީ ދިން ބޯޅައަކުން ބުކާޔޯ ސަކާ އެވެ. ފުރަތަމަ ހާފުގައި ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑާ އާނޯލްޑް ވަނީ ބަދަލުކޮށްފަ އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅުގައި އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑަށް ހުސްކޮށް ލިބުނު ފުރުސަތުން ޖެހި ބޯޅަ އަމާޒުވީ ލިވަޕޫލްގެ ކީޕަރު އެލިސަން އަތަށެވެ. ދެ ވަނަ ހާފުގައި ލިވަޕޫލުން ތަނަވަސްކުރި ފުރަތަމަ ފުރުސަތުގައި ވަނީ ގޯލު ޖަހައި، ދެ ވަަނަ ފަހަރަށް އެއްވަރުކޮށްފަ އެވެ. މެޗުގެ 53 ވަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ ދިން ބޯޅައަކުން އާސެނަލް އޭރިއާތެރެއިން މި ގޯލު ޖެހީ ފިރްމީނޯ އެވެ. މިއީ ފިރްމީނޯ ކެރިއަރުގައި އާސެނަލް ކޮޅަށް ޖެހި 10 ވަނަ ގޯލެވެ.

އާސެނަލްގެ ތިން ވަނަ ގޯލު ޖެހުމަށް ފަހު ސަކާ އުފާފާޅުކުރަނީ: ސަކާ އަކީ ނިކޮލަސް އަނެލްކާ އަށް ފަހު އާސެނަލަށް 20 ޕްރިމިއާ ލީގު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާ،.

އާސެނަލް މެޗުން މޮޅުވި ގޯލު ޖެހީ ޕެނަލްޓީ އަކުން ސަކާ އެވެ. މެޗުގެ 76 ވަނަ މިނިޓްގައި މި ޕެނަލްޓީ އާސެނަލަށް ދިނީ ލިވަޕޫލްގެ ތިއާގޯ އަލްކަންޓާރާ އެ ޓީމުގެ އޭރިއާތެރެއިން އާސެނަލްގެ ގަބްރިއެލް ޖީސޫސް އަށް ކުރި ފައުލަކަށެވެ.

މިއީ އެންމެ ފަހުން ލިވަޕޫލާ ދެކޮޅަށް ކުޅުނު 13 މެޗުގެ ތެރެއިން އާސެނަލް މޮޅުވި ދެ ވަނަ ފަހަރެވެ. އާސެނަލުން މި ވަނީ މި ފަހަރުގެ ސީޒަނުގައި ލީގުގައި ކުޅުނު ފުރަތަމަ ނުވަ މެޗުގެ ތެރެއިން އަށް މެޗުން މޮޅުވެފަ އެވެ. މިއީ އެ ޓީމުގެ ތާރީހުގައި މި ފަދަ ރެކޯޑަކާ އެކު ފުރަތަމަ ނުވަ މެޗު ނިންމާލި ހަތަރު ވަނަ ފަހަރެވެ.

މިރޭގެ މެޗުން ބަލިވެ، ލިވަޕޫލުން މި ފަަހަރުގެ ލީގުގައި ދެ ވަނަ ފަހަރަށް ބަލިވިއިރު، އެ ޓީމު އޮތީ އަށް މެޗުން 10 ޕޮއިންޓާ އެކު 10 ވަނައިގަ އެވެ. މިއީ 2012-2013 ވަނަ އަހަރުގެ ސީޒަނަށް ފަހު ލިވަޕޫލުން އެންމެ ދަށްކޮށް ލީގު ސީޒަން ފެށި ފަހަރެވެ. އެ ފަހަރު އެ ޓީމު ލީގު ނިންމާލީ ހަތް ވަނައިގަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް މިރޭގެ މެޗަށް ފަހު ބުނީ އެ ޓީމަކީ މި ފަހަރު ލީގުގެ ރޭހުގައި އޮތް ޓީމެއް ނޫން ކަމަށާއި ޓީމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަން ކުރަން ޖެހޭ މަސައްކަތް ބުރަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox