މިލާން (އޮކްޓޫބަރު 8) - އިޓާލިއަން ލީގުގައި މިރޭ ޔުވެންޓަސް އަތުން 2-0 އިން މޮޅުވެ، ތާވަލްގެ އެއް ވަނައިގައި އޮތް ނަޕޯލީއާ ޕޮއިންޓްގެ ގޮތުން އޭސީ މިލާން އެއްވަރުކޮށްފި އެވެ.
މިދިޔަ ހަފުތާގައި ކުޅުނު ޗެމްޕިއަންސް ލީގުގެ މެޗުގައި ޗެލްސީ އަތުން 3-0 އިން ބަލިވުމުން ލިބުނު ނުތަނަވަސްކަން މިލާން ފިލުވާލީ ވާދަވެރި ޔުވެންޓަސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މިލާންގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ފަށައިގެން އެ ޓީމުގެ ރަފައެލް ލެއާއޯ ޖެހި ބޯޅަތައް ޔުވެންޓަސްގެ ގޯލުގައި ހުރި ވޮޒްޝިއޭ ޝެޒްނީ ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހާފު ނިމެނިކޮށް މިލާނަށް ލީޑު ހޯދައިދިނީ ޑިފެންޑަރު ފިކާޔޯ ޓޮމޯރީ އެވެ. މިއީ ކޯނަރަކުން ތެއޯ ހެނާންޑޭޒް ނެގި ބޯޅައެއް އޭރިއާތެރެއިން އޮލިވިއޭ ޖިރޫޑް ފޮނުވާލި ހަމަލާއެއްގައި ޓޮމޯރީ އަށް ލިބުނު ފުރުސަތަކުން ޖެހި ގޯލެކެވެ.
މެޗުގެ 54 ވަނަ މިނިޓުގައި މިލާންގެ ދެ ވަނަ ލަނޑު ޖެހީ ސްޕެއިންގެ މިޑްފީލްޑަރު ބްރަހީމް ޑިއާޒް އެވެ. ހާފުގެ މެދެއްހާ ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން ޑިއާޒް ޔުވެންޓަސްގެ އޭރިއާތެރެއަށް ވަނީ އެ ޓީމުގެ ދެ ޑިފެންޑަރުން ކައިރިން ނައްޓައިފަ އެވެ. ޑިއާޒް ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ޝެޒްނީ އަތުގައި ޖެހިފަ އެވެ.
މި މެޗުން މޮޅުވެ، ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މިލާން ތިން ވަނައިގައި އޮތް ނަމަވެސް، އެ ޓީމުން ވަނީ ތާވަލްގެ އެއް ވަނަގައި އޮތް ނަޕޯލީއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފަ އެވެ. ނަޕޯލީ އާއި މިލާންގެ އިތުރުން ދެ ވަނައިގައި އޮތް އެޓަލާންޓާ ވެސް ވަނީ 20 ޕޮއިންޓް ހަމަކޮށްފަ އެވެ.

ލަނޑު ޖެހުމަށް ފަހު ޑިއާޒް (ކ) އާއި ތެއޯ ހެނާންޑޭޒް އުފާފާޅުކުރަނީ.
މި ހަފުތާ ބަންދުގައި ނަޕޯލީ އާއި އެޓަލާންޓާ ލީގުގައި ކުޅެންޖެހޭ މެޗުތައް އޮތީ މާދަމާ ރޭ އެވެ.
މިއީ މި ސީޒަންގެ އިޓާލިއަން ލީގުގައި ޔުވެންޓަސް ބަލިވި ދެ ވަނަ މެޗެވެ. މި މެޗުން ބަލިވެ، ޔުވެންޓަސް އޮތީ ތާވަލްގެ އަށް ވަނައިގަ އެވެ.
އިޓާލިއަން ލީގުގައި މިރޭ ސަސުއޯލޯ އަތުން އިންޓަ މިލާން މޮޅުވީ 2-1 އިންނެވެ. ސަސުއޯލޯ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އިންޓާގެ ދެ ލަނޑު ވެސް ޖަހައިދިނީ ބޮސްނިއާގެ ފޯވަޑް އެޑިން ޖެކޯ އެވެ. ސަސުއޯލޯ އަށް މެޗުގެ 60 ވަނަ މިނިޓުގައި ލަނޑު ޖަހައިދިނީ ޑަވީޑް ފްރަޓޭސީ އެވެ.
މި މެޗުގައި ޖެހި ދެ ލަނޑާ އެކު، އިޓާލިއަން ލީގުގައި ޖެކޯ ވަނީ މިހާރު 101 ލަނޑު ހަމަކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގައި ކުޅުނު މެޗުގައި ބާސެލޯނާ އަތުން މޮޅުވި އިންޓަ، އިޓާލިއަން ލީގުގެ ތާވަލްގެ ހަތް ވަނައިގައި އޮތީ 15 ޕޮއިންޓާއެކު އެވެ.












