މިލާން (އޮކްޓޫބަރު 8) - ވިހި އަހަރު ޕްރޮފެޝަނަލް ލެވަލްގައި ފުޓްބޯޅަ ކުޅުމަށް ފަހު ފްރާންސްގެ ތަރި، ފްރޭންކް ރިބެރީ ރިޓަޔާކުރަން ނިންމާފައިވާ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރިބެރީ، 39، މިހާރު ކުޅެމުން އަންނަނީ އިޓަލީގެ ސެލަނިޓާނާ އަށެވެ. މި ފަހަރުގެ އިޓާލިއަން ލީގުގެ ފުރަތަމަ މެޗުގައި ރޯމާ އަތުން ސެލަނިޓާނާ ބަލިވި މެޗުގައި ކުޅުނު ރިބެރީ، އެ ޓީމާ ގުޅުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ފިއޮރެންޓީނާ ދޫކޮށްލުމަށް ފަހު އެވެ. ރިބެރީ ވަނީ މި ސީޒަނުގައި ސެލަނިޓާނާ އިން އިޓާލިއަން ކަޕްގައި ޕާމާއާ ދެކޮޅަށް ކުޅުނު މެޗުގައި ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.
ފްރާންސްގެ މަޝްހޫރު ނޫސް ލެކިއުޕޭ އިން ރިޕޯޓްކުރާގޮތުގައި މިދިޔަ އޮގަސްޓް މަހުގެ ދެ ވަނަ ހަފްތާ އިން ފެށިގެން ކަކުލަށް ލިބިފައިވާ އަނިޔާ އަކުން ފަރުވާ ހޯދަން މަސައްކަތް ކުރަމުން އަންނަ ރިބެރީ މިހާރު ވިސްނަމުން އަންނަނީ ފުޓްބޯޅަ ކުޅުން ހުއްޓާލުމަށެވެ.
މީގެ ކުރިން އިޓަލީގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ރިބެރީ ވަނީ އުމުރުން 40 އަހަރު ވުމުން ވެސް ފުޓްބޯޅަ ކުޅޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު، މިހާރު ދިމާވަމުން އަންނަ އަނިޔާގެ މައްސަލަތަކާ ހެދި އޭނާ އަށް ވަނީ ކުޅުން ހުއްޓާލަން ޖެހިފަ އެވެ.

ސެލަނިޓާނާ މެޗެއްގެ ތެރެއިން ރިބެރީ: ޕްރޮފެޝަނަލް ފުޓްބޯޅައިން ދެން ރިބެރީ ނުފެނުމުގެ ފުރުސަތު އެބައޮތް.
ފްރާންސްގެ ބޮލޯން އިން 2000 ވަނަ އަހަރު ކެރިއަރު ފެށި ރިބެރީ ބޮޑަށް ފާހަގަވާން ފެށީ 2005 ވަނަ އަހަރު މާސޭ އަށް ބަދަލުވި ހިސާބުންނެވެ. މާސޭއާ އެ ފަހަރު ގުޅުުގެ ކުރިން އޭނާ ވަނީ ފްރާންސްގެ އަލޭސް، ބްރެސްޓް، މެޓްޒް އަދި ތުރުކީގެ ގަލަސަތަރާއި އަށް ކުޅެފަ އެވެ.
މާސޭގައި ރިބެރީ ދެއްކި މޮޅު ކުޅުމުގެ ސަަަބަބުން ޖަރުމަނުގެ ޗެމްޕިއަން، ބަޔާން މިއުނިކުން 2007 ވަނަ އަހަރު ރިބެރީގެ ސޮއި ހޯދީ 28 މިލިއަން ޑޮލަރު ދީފަ އެވެ. ރިބެރީގެ ކެރިއަރުގެ އެންމެ ކާމިޔާބު އަހަރުތައް ހޭދަކުރީ ބަޔާނުގަ އެވެ. އެ ޓީމަށް ކުޅެދިން 12 އަހަރު ރިބެރީ ވަނީ 23 ޓްރޮފީ އުފުލާލައިފަ އެވެ.
ޗައިނާ އާއި އެމެރިކާގެ ލީގުގެ ކްލަބްތަކުން ބޮޑު މުސާރަ ލިބޭ ކޮންޓްރެކްޓެއް ދީފައި އޮއްވައި، ރިބެރީ 2019 ވަނަ އަހަރު ފިއޮރެންޓީނާ އަށް ބަދަލުވީ މަތީ ފަންތީގެ ލީގެއްގައި ކުޅުމުގެ ޗެލެންޖެއް ނެގުމަށެވެ. ދެ އަހަރަށް ފަހު ފިއޮރެންޓީނާ ދޫކޮށް ރިބެރީ ދެން ވެސް ގުޅުނީ އިޓަލީގެ ކްލަބަކާ އެވެ. އެ ގޮތުން މިދިޔަ ސީޒަނުގައި ސެލަނިޓާނާގައި ރިބެރީ ވަނީ 23 މެޗު ކުޅެފަ އެވެ.
ފްރާންސްގެ 19 އަހަރާއި 21 އަހަރުން ދަށުގެ ޓީމާއި ސީނިއާ ގައުމީ ޓީމަށް ރިބެރީ ވަނީ ޖުމްލަ އެކު 100 ވަރަކަށް މެޗުގައި ކުޅެފަ އެވެ. އޭނާ ވަނީ ދެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ދެ ވޯލްޑް ކަޕްގައި ފްރާންސް ޓީމަށް ކުޅެފަ އެވެ. ފްރާންސް އިން 2006 ވަނަ އަހަރު ޖަރުމަނު ވޯލްޑް ކަޕްގައި ކުޅުނުއިރު، ރިބެރީ މޮޅު ކުޅުމެއް ދެއްކި އެވެ.












