ކޯޓުތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމުގެ ހައްގުގެ ވާހަކަ އެންމެ ފުރަތަމަ ލިޔެވުނީ ދިވެހިރާއްޖޭގެ ހަތަރު ވަނަ ގާނޫނު އަސާސީގަ އެވެ. އެއީ މާޗް 7، 1954 ގައި ތަސްދީގުކުރި ގާނޫނު އަސާސީ އެވެ. އެ ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައި އޮތީ 'މަހުކަމަތުއްޝަރުއިއްޔާއިން ނިންމާ އެކިއެކި ގަޒިއްޔާތައް، ގާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތުގެމަތީން އިސްތިއުނާފު ކުޅައުމުގެ ހައްގު ރައްޔިތުންނަށް ލިބިގެންވޭ' މިހެންނެވެ.
ގާނޫނު އަސާސީގައި އެ މާއްދާ އެހެން ލިޔެވިފައި އޮތް ނަމަވެސް، އިސްތިއުނާފުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ގާނޫނެއް ވުޖޫދަށް އައީ ޖުލައި 2، 1962 ގަ އެވެ. 'އިސްތުނާފުގެ ގާނޫނު' ގެ ނަމުގައި އެކުލަވާލި ގާނޫނުން އުފެއްދީ އަދި ހައިކޯޓެއް ނޫނެވެ. ހައިކޯޓުގެ ސިފަ ލިބިގެންވާ، އިސްތިއުނާފު ކޮމިޓީއެކެވެ. ކޮމިޓީ އެކުލެވިގެން ވަނީ ތިން މެންބަރުންގެ މައްޗަށެވެ. އެއީ 'ގާނޫނު އަސާސީގެ 72 ވަނަ މާއްދާއިން ބާރުލިބިފައިވާ ފަނޑިޔާރު ބޭކަލަކާއި، އެ ފަނޑިޔާރު ބޭކަލު އައްޔަނުކުރާ އިތުރު ދެ މެންބަރެކެވެ.' އިސްތިއުނާފު ކޮމިޓީގެ ރައީސަކީ ފަނޑިޔާރެއްގެ ހައިސިއްޔަތުން އެ ކޮމިޓީގެ މެންބަރަކަށް ވާ މީހާ އެވެ. އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތަކުގައި ނިޔާ ކަނޑައަޅާނީ ކޮމިޓީގެ ރައީސެވެ. އޭނާ ނިންމާ ގޮތެއް ނިންމުމުގެ ކުރިން އަނެއް ދެ މެންބަރުންނާ މަޝްވަރާކުރުން ގާނޫނުން ލާޒިމުކުރެ އެވެ. މި ކޮމިޓީ ހިނގަމުން ދިޔައީ މަހުކަމަތުއްޝަރުއިއްޔާގެ ސީދާ ބެލުމުގެ ދަށުންނެވެ.
މިހެން ހިނގަމުން ދަނިކޮށް، އައްޝައިހު މުހައްމަދު ޖަމީލުދީދީގެ އުއްތަމަ ފަނޑިޔާރުކަމުގައި، 1966 ވަނަ އަހަރު މަހުކަމަތުއްޝަރުއިއްޔާގެ އެކި މަސައްކަތްތައް އެކި ބައިބަޔަށް ބައްސަވައި، (ހ) އިން (ޅ) އާ ހަމައަށް އެކި ބަހާތައް އުފެއްދެވި އެވެ. ފަނޑިޔާރުންނާއި ޝަރީއަތާ ބެހޭ ބަޔަކީ (ހ) އެވެ. އޭގެ ފަހުން، (ހ) ގެ ދަށުން ހިންގަމުންއައި، ޝަރީއަތާ ބެހޭ ބައިތައް، މައްސަލަތަކުގެ ބާވަތުން ވަކިކުރައްވައި، ކޮންމެ ބަޔަކަށް ފަނޑިޔާރަކު ލެއްވި އެވެ. މިގޮތަށް ބެއްސެވިއިރު، އުއްތަމަ ފަނޑިޔާރުގެ ބަހާގައި ހިމެނޭ ކަންތަކުގެ ތެރޭގައި އިސްތިއުނާފުގެ ބައި ހިމެނެ އެވެ.
އަދުލުއިންސާފުގެ ދާއިރާގައި، އޭރުވެސް ދުނިޔޭގެ ތަހުޒީބު ގައުމުތަކާ އަޅާބަލާއިރު ރާއްޖެ އޮތީ ވަރަށް ފަހަތުގަ އެވެ. އާންމު ހޭލުންތެރިކަން ކުޑަކަމާއި، ތައުލީމު ލިބިފައި ތިބި މީހުންގެ އަދަދު މަދުކަމުން ވީ ގޮތެކެވެ. ބަދަލުތައް އަންނަމުން ދިޔައީ ވަރަށް ވެސް ލަސްލަހުންނެވެ.
އުއްތަމަފަނޑިޔާރު މުހައްމަދު ޖަމީލުދީދީ ޝަރުއީ ދާއިރާއަށް ގެންނަވަން އަމާޒު ހިއްޕެވި ބަދަލުތަކުގެ ތެރޭގައި މަހުކަމަތުއްޝަރުއިއްޔާގެ އެކި މަސައްކަތްތައް އެކި ބައިބަޔަށް ބެއްސެވުމަކީ، ސަރުކާރުގެ ބާރުން ޝަރުއީ ދާއިރާ ވަކިކުރެއްވުމަށް އެޅުއްވި ހިކުމަތްތެރި ފިޔަވަޅެކެވެ. ޝަރީއަތަށް ހުށަހެޅާ މައްސަލަތައް، އެ މައްސަލަތަކުގެ ބާވަތުން އެކި ބަހާތަކަށް ބައްސަވައި، ކޮންމެ ބަހާއަކަށް ފަނޑިޔާރަކު ލެއްވުމަށްފަހު އެންގެވީ، އެ ފަނޑިޔާރެއްގެ ބަހާގައި ހިމެނޭ މައްސަލަތަކުގައި ނިޔާ ކަނޑައަޅާނީ އުއްތަމަ ފަނޑިޔާރާ މަޝްވަރާނުކޮށް ކަމަށެވެ. މިއީ ޝަރުއީ ދާއިރާގެ މިނިވަންކަމަށްޓަކައި، ވަރަށް މަޑުމަޑުން އެޅުއްވި ވަރުގަދަ ފިޔަވަޅެކެވެ.
ގާނޫނުގައި އޮންނަ ގޮތުން އޭރުވެސް ޝަރީއަތް ހިންގުމުގެ ފުރިހަމަ މިނިވަންކަން ފަނޑިޔާރުންނަށް އޮވެ އެވެ. އެހެންނަމަވެސް، އެއީ ހަމައެކަނި ގާނޫނުގައި ލިޔެފައި އޮންނަ ގޮތެވެ. ކަން ހިނގާ ގޮތެއް ނޫނެވެ. މުހައްމަދު ޖަމީލުދީދީ ފަނޑިޔާރު ގެއަށް ގެންނަވަމުން ގެންދެވި ބަދަލުތަކަކީ ސަރުކާރުގެ ސިޔާސީ މަސްލަހަތުގައި މަގުބޫލު ބަދަލުތަކެއް ނޫނެވެ. އެ ނުތަނަވަސްކަމުގައި ސަރުކާރާއި ފަނޑިޔާރުގެއާ ދެމެދު ހިނގަމުން ގެންދިޔައީ ފިނި ހަނގުރާމައެކެވެ. އެ ކޯޅުމުގެ ތެރޭގައި، އޭރުގެ ހަރު ބޭފުޅުންގެ އިރުޝާދާއެކު އައްޝައިހު މުހައްމަދު ޖަމީލުދީދީ ޖޫން 3، 1971 ގައި އުއްތަމަފަނޑިޔާރުކަމުން އިސްތިއުފާދެއްވި އެވެ.
ހައިކޯޓު އުފެދުނު ގޮތުގެ ވާހަކަ ދައްކަން އުޅެ، އުއްތަމަފަނޑިޔާރު އިސްތިއުފާ ދިން ސަބަބުގެ ވާހަކައަށް މި ދެވުނީ އެ ދެ ވާހަކައިގެ ގުޅުން ބޮޑުކަމުންނެވެ. އިސްތިއުނާފުގެ ގާނޫނު އުފެދުމާއި، މަހުކަމަތުއްޝަރުއިއްޔާގެ މަސައްކަތްތައް ބައިބަޔަށް ބެހި، އިސްތިއުނާފީ މައްސަލަތައް ވަކިކުރެވި، އުއްތަމަފަނޑިޔާރުގެ ބަހާއަށް އެ މައްސަލަތައް އައުމަކީ ވަކި އަމާޒަކަށް ވާސިލުވުމަށް ހިކުމަތްތެރި ތަރުތީބަކުން ކުރެވުނު ދަތުރެކެވެ.
ހައިކޯޓު އުފެދުނު ކަމަށް ހައިކޯޓުގެ ވެބްސައިޓުގައި ބުނެފައި އޮތް ތާރީހަކީ އޮކްޓޯބަރު 5، 1980 އެވެ. އެހެންނަމަވެސް އެއީ ހައިކޯޓުގެ މަސައްކަތްތައް ރަސްމީކޮށް ފެށި ތާރީހެވެ. 'ހައިކޯޓު' ގެ ނަމުގައި އިސްތިއުނާފީ ކޯޓު އުފެދުނީ ސެޕްޓެމްބަރު 21، 1980 ގަ އެވެ. މިކަން '20 ވަނަ ގަރުނުގެ ތެރޭގައި ދިވެހިރާއްޖެ' މިފޮތުން އެނގެން އެބައޮތެވެ. ހައިކޯޓު އުފެއްދެވުމަށްފަހު ފުރަތަމަ އުއްތަމަ ފަނޑިޔާރަކަށް އައްޔަނުކުރީ އަލްއުސްތާޒު މޫސާ ފަތުހީ އެވެ.
މިހާރު އަމަލުކުރަމުން ގެންދާ ގާނޫނު އަސާސީގެ 282 ދެވަނަ މާއްދާގެ ދަށުން، ސެޕްޓެމްބަރު 18، 2008 ގައި އިންތިގާލީ ސުޕްރީމް ކޯޓު އުފެދެންދެން، އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ އިސް ކޯޓެއްގެ ގޮތުގައި އޮތީ ދިވެހިރާއްޖޭގެ ހައިކޯޓެވެ. އެހެންނަމަވެސް، އަދުލުއިންސާފު ގާއިމުކުރުމުގެ ބާރުގެ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. ހައިކޯޓުގެ ނިންމުންތައް ބަލައި، އެ ނިންމުންތަކަށް ބަދަލު ގެނައުމުގެ ބާރު އޭރުގެ ގާނޫނީ ނިޒާމު އޮތްގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައި އޮތެވެ.
ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކޮށް ހުށަހެޅޭ ވަރަށް ގިނަ މައްސަލަތަކުގައި، ހައިކޯޓުގެ ނިންމުން ބަދަލުކުރައްވާފައި އެބަހުއްޓެވެ. އެކަމަށްޓަކައި އެންމެ ފުރަތަމަ އިރުޝާދުތަކާއެކު ފޮނުއްވަނީ އަލުން ހައިކޯޓަށެވެ. އެހެންނަމަވެސް، ހައިކޯޓުން އެ ކޯޓުގެ ވިސްނުން ބަދަލު ކުރައްވާފައި ހުރީތީ ފެންނަނީ ވަރަށް މަދުންނެވެ. އަލުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަތަކުގެ ތެރެއިން ވަރަށް ގިނަ މައްސަލަތަކުގައި ހައިކޯޓުން ނިންމަވާފައި ހުންނަނީ ހައިކޯޓުން ގާނޫނީ ގޮތުން ނިންމާފައިވާ ނިންމުން ރަނގަޅުކަމަށާއި، ބަދަލެއް ގެންނަންޖެހޭނޭ ސަބަބެއް ނެތްކަމަށެވެ. މީގެ އެއް މިސާލަކީ ފެންފުށީ، އަސުރުމާގޭ މައްސަލަ އެވެ. އެ މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހިގެން ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރެއްވުމުން، ރައީސުލްޖުމްހޫރިއްޔާ ހައިކޯޓަށް އިރުޝާދު ދެއްވީ، އެ ނިންމުން ބަދަލުކުރަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް އެ ނިންމުމުގައި ގާނޫނީ ގޮތުން މައްސަލައެއް ނެތްކަމަށް ވިދާޅުވެ، ހައިކޯޓުން އެ ކޯޓުގެ ނިންމުން ދެމެހެއްޓި އެވެ.
މިއަދަކީ ހައިކޯޓުގެ މަސައްކަތް ރަސްމީކޮށް ފެށުނުތާ 42 އަހަރު ފުރޭ ދުވަހެވެ. މި ވޭތުވެދިޔަ 42 އަހަރުތެރޭގައި ހައިކޯޓުގައި މިހާރު ތިއްބެވި 11 ފަނޑިޔާރުން ހިމެނޭ ގޮތުން 36 ބޭފުޅަކު ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރައްވައިފި އެވެ. އޭގެ ތެރެއިން ހަތް ބޭފުޅަކު އިސްފަނޑިޔާރުކަން ކުރެއްވި އެވެ. ނިންމެވި މައްސަލަތަކުގެ ގޮތުގައި އާކައިވްއިން ފެންނަން އޮތީ 5647 މައްސަލަ އެވެ. އެއީ އާންމުކޮށް ހުޅުވާނުލައި އަޑުއެހުން ބޭއްވި މައްސަލަތައް ނުހިމަނަ އެވެ.
ރާއްޖޭގެ ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ގާތްގަނޑަކަށް 60 ޕަސެންޓު މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފުކުރެވެ އެވެ. އޭގެ ތެރޭގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުން ގާނޫނުން ލާޒިމުކުރާ މައްސަލަތައް ވެސް ހިމެނެ އެވެ. އެ މައްސަލަތަކާއި، ހައިކޯޓަށް ހުށަހެޅޭ އެނޫން އެންމެހައި މައްސަލަތައް ވެސް ބަލައި ގޮތް ނިންމަން ހައިކޯޓުގައި މިވަގުތު 11 ފަނޑިޔާރުން ތިއްބަވަ އެވެ.
ނިޒާމެއް އެކަށައެޅި، ތަރައްގީވެ ފައްކާވެގެން ދިއުމަށް ސާޅީސް ދެ އަހަރަކީ ކުރު މުއްދަތެއް ނޫނެވެ. މި ބަޔާޅީސް އަހަރުގެ ތެރޭގައި ހައިކޯޓަށް އައިސްފައިވާ ބަދަލުތަކާއި، ހޯދިފައިވާ ކުރިއެރުންތަކާއި، މަސައްކަތުގައި ކުރިމަތިވެފައި ހުރި ގޮންޖެހުންތަކާއި، އެ ހުރަސްތައް ނައްތާލުމަށް ކުރެވިފައި ހުރީ ކޮން މަސައްކަތްތަކެއްތޯ ކަމާބެހޭ މުއައްސަސާތަކުން ވިސްނާލަންޖެހެ އެވެ. އަދުލުއިންސާފުގެ ދާއިރާގައި ހައިކޯޓު އަދާކުރަނީ މުހިންމު ދައުރެކެވެ. އެ މަސައްކަތުގެ ފެންވަރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު ވިސްނާލުމަށް މިއަދަކީ ހަމަ އެންމެ ރަނގަޅު ދުވަހެވެ.












