ދަރިވަރުން ގައިގައި އަށަގަންނުވަން ބޭނުންވާ ސިފަތަކުން މުދައްރިސުން ނަމޫނާ ދެއްކެވުމަށް ތައުލީމާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު އަލީ އިލްތިމާސް ކުރައްވައިފި އެވެ.
މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހުގެ މުނާސަބާގައި ދެއްވި ހިތޯބުގައި މިނިސްޓަރު ވިދާޅުވީ ދަރިވަރުން އުނގެނޭ ތަކެތި ބިނާވަނީ ހަމައެކަނި މުދައްރިސުން ނަގައިދެއްވާ ފިލާވަޅުތަކަށް ނޫން ކަމަށެވެ. އަދި ކޫލާއި، ދަރިވަރުންނާއި، މުޖުތަމައާއެކު މުދައްރިސުން އުފައްދާ ގުޅުންތަކާއި، މީހުންނާ މުއާމަލާތްކުރާ ގޮތްތަކުން ވެސް ދަރިވަރުން ނަމޫނާ ނަގާ ކަމަށެވެ.
ދަރިވަރުންގެ ދިރިއުޅުމުގައި އެކުދިންނަށް އެންމެ ނުފޫޒު ފޯރާ އުމުރުފުރާގައި އެކުދިންނާ ބައްދަލުވާ މުދައްރިސުންނަކީ އެކުދިންގެ އުޅުންތަކަށާއި، ގުޅުންތައް ބައްޓަންކުރާ ފަރާތްކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ ދަރިވަރުން ގައިގައި އަށަގަންނުވަން ބޭނުންވާ ރިވެތި ސިފަތަކުން މުދައްރިސުން ނަމޫނާ ދެއްކެވުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ތިޔަ މުދައްރިސުން ދެއްކި ނަމޫނާ ނޫން އެހެން އުޅުމެއް އެކުދީންގެ ފަރާތުން، ފަހަކުން ނުފެންނާނެ. އިންދި އޮށުގެ ބާވަތަކުން ނޫނީ ގޮވާމެއް ނުކެނޑޭނެ
މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ދީނާއި ގައުމުދެކެ ލޯބިވާ، އެކަކު އަނެކަކަށް އަޅާލާ، އިލްތިރާމުކުރުމާއެކު އިގްތިސޯދުކުރުންފަދަ މަކާރިމުލްއަހްލާގު (ރިވެތި އަހްލާގު)ގެ އުޅުންތަކުން ފޭރާންލާ ބަޔަކަށް މުދައްރިސުން ވާން ޖެހޭ ކަމަށެވެ.
"ގައުމު ގެންދަން ބޭނުންވާ މިސްރާބު، ހަގީގަތުގައި އަމާޒުކުރާ ފަރާތަކީ މުދައްރިސުން. އަތޮޅުވެރީންނަށް ހިއްޕެވޭނީ ވަލުގައޭ، ބާރުލާނީ ރައްޔިތުންނޭ ބުނާ ބީދާއިން." ތައުލީމީ ދާއިރާއަށް އަންނަ ކޮންމެ މާނަވީ ބަދަލެއް ތަންފީޒުކުރާ ބަޔަކީ މުދައްރިސުން ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރުގެ ޓީޗަރުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ތައުލީމުގެ ގޮތްތަކާއި ސިފަ ބަދަލުކުރަން ފަށަނީ މުދައްރިސުންނާ ހަމައިން" މިއެވެ. އެ ޝިއާރު ހިޔާރުކުރީ ކޮވިޑުގެ ދަތި ހާލަތުގައި މުދައްރިސުންވީ ގުރުބާނީގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. އަދި ދިރިއުޅުމާ ދަރިވަރުން ކުރިމަތިލުމަށް ބޭނުންވާނެ އުކުޅުތަކާއި ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް މުދައްރިސުންނަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނުތައް ހޯދައިިދިނުމަށް އެހީތެރިވުމަށެވެ.
ހިތޯބުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ މުދައްރިސުންނަކީ އިލްމު އުފައްދައި، ކިޔަވައިދެވޭ ތަކެއްޗާމެދު ފިކުރުހިންގާ، ރިވެލިކޮށް، އަހަރުން އަހަރަށް ފިާވަޅުތައް ކުރިއަރުވައި، ދަރިވަރުންނާ ގުޅޭ ސިޔާސަތުތައް ބައްޓަންކުރުމުގައި ބައިވެރިވެވޭ ފަދަ އިލްމާއި ހުނަރު ލިބިފައިވާ ބަޔަކަށްވުން ބޭނުންތެރި ކަމަށެވެ.













