މަޔާމީ (4 އޮކްޓޯބަރު) - މި ސީޒަނަށް ފަހު ކުޅުން ހުއްޓާލަން ނިންމާފައިވާކަން އެމެރިކާގެ މަޔާމީ އެފްސީ އަށް ކުޅެމުންދާ އާޖެންޓީނާގެ ފޯވަޑް ގޮންޒާލޯ ހިގުއައިން މިރޭ އިއުލާންކޮށްފި އެވެ.
ކުރިން އާޖެންޓީނާގެ ގައުމީ ޓީމަށް ވެސް ކުޅުނު ހިގުއައިން 34، މިހާރު ކުރިއަށްދާ މޭޖާ ލީގު ސޮކާ (އެމް.އެލް.އެސް)ގައި އިންޓަ މަޔާމީ އަށް ބާކީ އޮތް މެޗުތަކުގައި ކުޅޭނެ އެވެ. އެމް.އެލް.އެސްގެ ސީޒަން މިހާރު އޮތީ ޕްލޭ އޮފްއާ ގާތްވެފަ އެވެ.
ކުރިން ރެއާލް މެޑްރިޑާއި ނަޕޯލީ އާއި ޔުވެންޓަސް އާއި އޭސީ މިލާން އަދި ޗެލްސީ އަށް ކުޅުނު ހިގުއައިން ކުޅުން ހުއްޓާލަން ނިންމިއިރު، އޭނާ މި ސީޒަންގައި ހުރީ ރަނގަޅު ފޯމެއްގަ އެވެ. އިންޓަ މަޔާމީ އަށް އެންމެ ފަހުން ކުޅުނު 14 މެޗުގައި އޭނާ ވަނީ 12 ލަނޑު ޖަހައިފަ އެވެ.
ރަނގަޅު ފޯމެއްގައި ހުރި ނަމަވެސް، ހިގުއައިން ބުނީ މި ސީޒަންގެ ނިޔަލަށް ކޮންޓުރެކްޓް ހަމަވާއިރު މިއީ ކުޅުން ހުއްޓާލަން އެންމެ ރަނގަޅު ދަނޑިވަޅު ކަމަށެވެ.
"ފުޓްބޯޅަ އަށް އަލްވަދާއު ކިޔަންވީ ވަގުތު މި އޮތީ އައިސްޖެހިފައި،" ވަރަށް އަސަރާއެކު މީޑިއާއާ ވާހަކަދައްކަމުން ހިގުއައިން ބުންޏެވެ. "ކުޅުން ހުއްޓާލަން ނިންމީ މީގެ ދެ ތިން ހަތަރު މަސް ކުރިން. އަހަރެން އުންމީދު ވެސް ނުކުރާ ކާމިޔާބީތައް ކެރިއަރުގައި ލިބިއްޖެ."
ޕްލޭއޮފްގެ ޖާގައަކަށް އިންޓަ މަޔާމީ އިން ވާދަކުރާއިރު، ހިގުއައިން ބުނީ އޭނާގެ އުންމީދަކިީ އެމް.އެލް.އެސްގެ ތައްޓާއެކު ސީޒަން ނިންމާލުން ކަމަށެވެ.
އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުނު 75 މެޗުގައި 31 ލަނޑު ޖަހާފައިވާ ހިގުއައިން ވަނީ އާޖެންޓީނާއާއެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލާއި 2015 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލްގައި ކުޅެފަ އެވެ.
ހިގުއައިންގެ ގައުމީ ޓީމުގެ ކެރިއަރުގައި މަޑުޖެހުނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އިން އާޖެންޓީނާ ކެޓި ހިސާބުންނެވެ.
ހިގުއައިން ވަނީ ރެއާލަށް ކުޅުނު 190 މެޗުގައި 107 ލަނޑު ޖަހައިފަ އެވެ. އަދި އޭގެ ފަހުން ނަޕޯލީ އަށް ބަދަލުވެ 104 މެޗުން 71 ލަނޑު ޖެހި އެވެ.
އިޓަލީގެ ޔުވެންޓަސްގައި ހިގުއައިން ވަނީ 105 މެޗުން 48 ލަނޑު ޖަހައިފަ އެވެ. އިންޓަ މަޔާމީ އަށް 2020 ވަނަ އަހަރު ބަދަލުވުމުގެ ކުރިން އޭނާ ވަނީ ލޯނެއްގެ ގޮތުގައި އޭސީ މިލާނާއި ޗެލްސީ އަށް ކުޅެފަ އެވެ. -- އޭއެފްޕީ












