ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޖުޑީޝަލް އެކަޑަމީން ކުރިއަށް ގެންދާ "ކޯޓު ރޫމްގައިވާ ކުއްޖާ ދެނެގަތުން" ޓްރެއިނިން އޮފް ޓްރޭނާސް (ޓީއޯޓީ) ތަމްރީން ޕްރޮގްރާމް މިއަދު ފަށައިފި އެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ފަސް ދުވަހުގެ މުއްދަތަށް މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ޖޭއެސްސީން ބުނީ އެ ތަމްރީން ޕްރޮގްރާމްގައި ފެމިލީ ކޯޓު، ޖުވެނައިލް ކޯޓު، ޑްރަގް ކޯޓު އަދި މެޖިސްޓްރޭޓް ކޯޓުތައް ހިމެނޭހެން ޖުމްލަ 18 ކޯޓަކުން ބައިވެރިވާ ކަމަށެވެ. އޭގެ ތެރޭގައި 12 ފަނޑިޔާރުންނާއި ހަ ލީގަލް އޮފިސަރުން ހިމެނެ އެވެ. މި ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެނީ ޔުނިސެފްގެ ލީގަލް އަދި ސައިކޮލޮޖީ އެކްސްޕާޓުންނެވެ.
އެ ޕްރޮގްރާމަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނު 2019 އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު 2019 ގެ އިތުރުން މިކަމާގުޅޭ ގަވާއިދުތަކުގައި ކުޑަކުދިންނާގުޅޭ މައްސަލަތައް ބެލުމަށްޓަކައި ހާއްސަ ތަމްރީނު ލިބިދޭންވާނެ ކަމަށް ބަޔާންކޮށްފައިވުމާއެކު، މި މަގުސަދު ހާސިލްކުރުމަށް އެ ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުރާ ކަމެކެވެ.
އެ ތަމްރީނުގެ މަގްސަދަކީ، ޖިނާއީ ނިޒާމުގެ ތެރޭގައިވާ ކުޑަކުދިންގެ ހާލަތާއި އަހްލާގާގުޅޭ ކަންކަން އިތުރަށް ދަސްކޮށްދިނުމެވެ.

އެ ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ، ކުޑަކުދިންނަށް ކުރާ އަނިޔާ، ކުޑަކުދިން ހެދިބޮޑުވުމުގެ އަސާސީ ތައާރަފް، ކުޑަކުދިންނާ މުއާމަލާތުކުރުން، ޑިސްކްލޯޒަގެ ޕްރޮސެސް، ކުޑަކުދިންނާ ދެކޮޅަށް ކުރާ އަނިޔާގެ އަސަރުތަކާއި ހެކިބަސް ދިނުމުން ކުރާ އަސަރުތަކުގެ އިތުރުން ކުޑަކުދިންނާ ރައްޓެހި އުސޫލުތައް ހިންގުމާއި ކޯޓުތަކުގައި ޝަރުއީ ގޮތުން ކުޑަކުދިން ބެލެހެއްޓުމާ ގުޅޭ ގޮތުންނެވެ.













