އިބާދުﷲ: ކެރުމާއި ހިތްވަރުން މުސްތަގުބަލެއް ހޯދި އެތުލީޓު

އިބާދުﷲ އާދަމް: ޖެމެއިކާގެ ޓްރެއިނިން އަށް ފަހު ރާއްޖެ އަށް ރަން ވަނަތަކެއް ހޯދައިދިނުމަށް އުންމީދުތަކެއް ކުރޭ.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

އިބާދުﷲ އާދަމް: ޖެމެއިކާގެ ޓްރެއިނިން އަށް ފަހު ރާއްޖެ އަށް ރަން ވަނަތަކެއް ހޯދައިދިނުމަށް އުންމީދުތަކެއް ކުރޭ.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

މީގެ ހަތް ވަރަކަށް އަހަރު ކުރިން ގދ. ތިނަދޫ އިބާދުﷲ އާދަމް، ޓްރެކަށް އެރީ އޭނާ އަށް ވުރެން އުމުރުން ދޮށީ ކުދިންނާ އެކު ސްކޫލްގެ އިންޓަ ހައުސް ރޭހަށެވެ. އޭރު އޭނާގެ ޝައުގުވެރިކަން ހުރީ ޓްރެކްގެ ނިންމާ ރޮނގާ ހަމައިން ރޭސް ނިންމާލުމަށް އެކަންޏެވެ. އޭރަކު، މުސްތަގުބަލަށް މާ ބޮޑު އުންމީދުތަކެއް ނެތެވެ.

އެކަމަކު، ރޭ ދެ އަހަރުގެ ތަމްރީން ޕްރޮގްރާމެއްގެ ދަށުން ޖެމެއިކާ އަށް ފުރިއިރު، އިބާދުﷲ އަކީ ރާއްޖޭގެ އެތުލެޓިކްސްގެ މުސްތަގުބަލު ގުޅިފައި އޮތް އެއް އެތުލީޓެވެ. އޭނާއާ މެދު ގިނަ ބަޔެއްގެ އުންމީދުތަކެއް ހުރިއިރު، އޭނާ އަމިއްލަ ނަފްސަށް ޓަކައި ބޮޑެތި ހުވަފެންތަކެއް ވެސް ދެކެ އެވެ.

"ދުވުމުގެ ތެރެއަށް އައީ 2015 ވަަނަ އަހަރު. އިންޓަ ހައުސް މުބާރާތެއްގައި ރަށު ސްކޫލުގައި އުޅެމުން. ސްކޫލުގައި އަސްލު މުބާރާތް އިންނަނީ 15 އަހަރުން ދަށާއި 17 އަހަރުން ދަށަށް، 13 އަހަރުން ދަށަކަށް މުބާރާތެއް ނީނދޭ. އެކަމަކު، ބޮޑުކޮށް ސްކޫލަށް ވައްދާފައި ހުރީމަ، ބޮޑު މީހުންނާ އެކީ ދުއްވީ ވެސް،" ދުވުމުގެ ތެރެއަށް ނުކުތް ގޮތް، އުމުރުން 20 އަހަރުގެ، އިބާދުﷲ "އަދަދު" އަށް ހިއްސާކުރި އެވެ.

އިބާދުﷲ ރޭހެއްގެ ތެރެއިން ދުވަނީ.---

ޓްރެކަށް ނުކުތް ފުރަތަމަ ރޭހުގައި ވެސް އިބާދުﷲގެ ކިބައިގައި އެކަމުން ކުރިއަށްދާން ބޭނުންވާ ހުނަރުހުރިކަން ފާހަގަވީ އޭނާގެ ބޭބެ އަދި ފުރަތަމަ ކޯޗު، ރައުހަތު ގުދުރަތުﷲ އަށެވެ. ފުރަތަމަ ދުވަހުން ފެށިގެން އިބާދުﷲ އަތުގައި ހިފައިގެން ރައުހަތު ބޭނުންވީ ލިބިފައި ހުރި ހުނަރާ އެއްވަރަށް ރަނގަޅު އެތުލީޓެއް ޑިވެލޮޕްކުރާށެވެ.

އިބާދުﷲ، ގައުމީ ލެވަލްގައި ފުރަތަމަ ދުވުނީ މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕް އެވެ. އިބާދުﷲ، ގައުމީ ލެވަލްގެ އަލަތު މުބާރާތް ހަނދާން ކުރަނީ ވެސް ތަފާތު ގޮތަކަށެވެ.

"ބޮޑެތި މީހުންނާ އެކު ރަށުގައި ދުވުނަސް، ފުރަތަމަ މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕް ފަށަން ވެގެން، ލިސްޓުތައް ހަދަމުން އެސޯސިއޭޝަނުން ބުނަނީ ތީ ކުޑަކުއްޖެއް ނޫން ހެއްޔޭ. ތިރީ އުމުރުފުރާ އަށް ލާށޭ. އޭގެ، 13 އަހަރުން ބައިވެރިވެގެން ފުރަތަމަ 100 މީޓަރު ދުވަން ފެށީ. އެ ފަހަރު ވެސް ނެގިން ގޯލްޑް،" އިބާދުﷲ ބުންޏެވެ.

"(ޓްރެކަށް އެރި) ފުރަތަމަ ދުވަހު އަސްލު އެ ފީލިން އެއް ނެތް (އެތުލެޓިކްސް އިން ކުރިއަށްދާން)، އެކަަމަކު، 2015 ވަނަ އަހަރު (13 އަހަރުން ދަށުގެ) އެންމެ މޮޅު އެތުލީޓުގެ މަގާމު ލިބުނީމަ ދެން މިކަން ވަރަށް ކުރާހިތްވީ،"

ޝައުގުވެރިކަމާ އެކު މަސައްކަތް ފެށި ފަހުން، މެޑަލް ޕޯޑިއަމުން އަބަދު ވެސް އިބާދުﷲ ފެނެ އެވެ. ކެރިއަރެއް ބިނާކުރަން އިބާދުﷲ ފެށި މަސައްކަތުގައި 2017 ވަނަ އަހަރު އޭނާ އަށް ވަނީ އިންޓަ ސްކޫލްގައި 100، 200، 400 މީޓަރު ދުވުމާއި ދެ ރިލޭ އިން ރަން މެޑަލް ލިބިފަ އެވެ. އޭނާ އަކީ އެ ފަހަރު ސްކޫލްގެ އެ އުމުރުފުރާގެ މުބާރާތުގެ އެންމެ މޮޅު އެތުލީޓެވެ.

ގައުމީ މުބާރާތުގެ އިވެންޓެއްގެ ތެރެއިން އިބާދުﷲ: އޭނާ އަންނަނީ ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

"އޭރު ދޭނެ ކަލާސް އެވޯޑްގެ ސްކޮލަޝިޕް، ސްކޮލަޝިޕްގެ ފުރުސަތެއްގައި މާލެ އައީ. 2018 ގައި މާލެ ބަދަލުވީ. އައިސްފައި ގައުމީ ޓީމަށް ޖޮއިން ކުރީ. އެ ފަހަރު ވެސް ގައުމީ މުބާރާތުގައި އެހާ ރަނގަޅަކަށް ނޫން ދިޔައީ އެއީ އަސްލު އާވީމަ،" މާލެ ބަދަލުވެ، ފުރަތަމަ ފަހަރަށް ގައުމީ މުބާރާތުގައި ވާދަކޮށްލަން ލިބުނު ފަހަރު ކަންތައްތައް ހިނގާދިޔަ ގޮތަށް އިޝާރާތްކޮށް އިބާދުﷲ ބުންޏެވެ.

ރައުހަތުގެ ބެލުމުގެ ދަށުން ހެދި ތަމްރީންތައް މާލެ ބަދަލުވުމާ އެކު ނިމުން އައީ އެވެ. އެކަމަކު، އެ ހިސާބުން ވެސް ރައުހަތު ބޭނުންވީ އިބާދުﷲގެ އެހީތެރިއަކަށް ހުންނާށެވެ. އެ ގޮތުން ގައުމީ އެތުލެޓިކްސް ދެ ކޯޗުން ކަމަށްވާ އަހުމަދު ފާއިލް އާއި ހުސެއިން ހަލީމް އަށް އިބާދުﷲ، ތައާރަފް ކޮށްދީ އެހީތެރިވެވޭނެ ހުރިހާ ކަމެއްގައި ވެސް ރައުހަތު ބައިވެރިވި އެވެ.

"ޗެލެންޖަށް ރެޑީ (ތައްޔާރު) ވެގެން އެތުލީޓަކަށް ވެވޭނީ. ރަނގަޅަށް ޕްރެކްޓިސް ކުރާ މީހަކަށް މޮޅު އެތުލީޓަކަށް ވާން އުނދަގުލެއް ނުވާނެ،" އިބާދުﷲ

ގައުމީ އެތުލެޓިކްސް ޓީމާ ގުޅުނު ފަހުން އިބާދުﷲ ވަނީ މިހާތަނަށް ބައިނަލްއަގުވާމީ ގިނަ މުބާރާތެއްގައި ވާދަކޮށްފަ އެވެ. ފުރަތަމަ އަހަރު ވެސް އިބާދުﷲ ވަނީ ޖޫނިއާ އޮލިމްޕިކްސްގައި ވާދަކޮށްފަ އެވެ.

އަހަރަށް ފަހު އަހަރެއް ކުރިއެރުން ހޯދަމުން އައި އިބާދުﷲގެ ކެރިއަރުގެ ދުވެއްޔަށް ހުއްޓުމެއް އައީ ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި ކުޅިވަރު ހަރަކާތްތައް ހުއްޓާލަން ޖެހުމެވެ.

"ވަރަށް ރަނގަޅު ފޯމެއްގައި ކުރިއަށްދަނިކޮށް ހަގީގަތުގައި ކޮވިޑާ ހެދި ހުއްޓާލަން ޖެހުނީ. ހަ މަސް ނޫނީ ހަތް މަސް ވަރު އަނެއްހެން ފީލްޑް ޕްރެކްޓިހެއް ނުޖަހައި ދިޔަ، އެކަމަކު، ކޯޗު ޝެޑިއުލެއް ފޮނުވާނެ. ގޭގައި ހުރެ ކަސްރަތު ކުރަން. އެެހެން ދެން އައިސްފައި. ކޮވިޑްގެ ބްރޭކަށް ފަހު އަލުން، އެނބުރި އައިތާ ދެ މަސް ތެރޭ ނެޝަނަލް ޖޫނިއާ ރެކޯޑް ހެދީ،" 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު، 100 މީޓަރުގެ ޖޫނިއާ ރެކޯޑް މުގުރާލި ކާމިޔާބީ ކިޔައިދެމުން އިބާދުﷲ ބުންޏެވެ.

"ޗެލެންޖަށް ރެޑީ (ތައްޔާރު) ވެގެން އެތުލީޓަކަށް ވެވޭނީ. ރަނގަޅަށް ޕްރެކްޓިސް ކުރާ މީހަކަށް މޮޅު އެތުލީޓަކަށް ވާން އުނދަގުލެއް ނުވާނެ،"

އޭގެ ފަހުން، އައި ކޮވިޑް-19ގެ ލޮކްޑައުންތަކަށް ފަހު ވެސް އިބާދުﷲ ރަނގަޅަށް ފޯކަސް ގެއްލުވައިނުލައި ކުރި މަސައްކަތުގެ ނަތީޖާ އަކީ ގައުމީ މުބާރާތުގެ 100 މީޓަރާއި 200 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ފަހަތުން ދެ ވަނަ ހޯދުމެވެ.

ހުވަފެނެއް ހަގީގަތަށް ވުމާއި ބޮޑު ޓާގެޓަކާ ދިމާލަށް މިސްރާބު ޖެހުން

އިބާދުﷲ، އޭނާގެ ދުވުމުގެ ފުރަތަމަ ރޭހަށް ނުކުތް އަހަރު، 2015 އަކީ ރާއްޖޭގެ އެތުލެޓިކްސް ތާރީހުގައި ވެސް ހާއްސަ އަހަރެކެވެ. ރީޔޫނިއަންގައި 2015 ވަނަ އަހަރު ބޭއްވި، އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް (އައިއޯއައިޖީ) ސާއިދު ވަނީ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި، ރާއްޖޭގެ ކުޅިވަރު ތާރީހުގައި ގޭމްސް އަކުން ހޯދި ފުރަތަމަ ރަން މެޑަލް ހާސިލްކޮށްފަ އެވެ.

"އަސްލު ހިތްހަމަޖެހޭ، (އަހަރެން) ކެރިއަރު 2015 ގައި ފެށިއިރު، ސާއިދު އޭރު އައިއޯއައިޖީގައި މެޑަލް ނެގީ، އެއީ ޖެމެއިކާގައި ހުރެފައި އައިސް. އެހެންވެ، އަސްލު އެއީ ޓާގެޓެއް ކުރިން ވެސް ޖެމެއިކާ އަށް ގޮސްފައި ޓްރެއިނިން ހަދަން،" އިބާދުﷲ ބުންޏެވެ.

އިބާދުﷲ ވަނީ ޖެމެއިކާ ޓްރެއިނިން އަށް ފުރުމުގެ ކުރިން ސާއިދުއާ ވެސް ބައްދަލުކޮށް، އެ މާހައުލަށް ހޭނެން ކުރަންޖެހޭ ކަންކަން އޮޅުންފިލުވައި ހަދައިފަ އެވެ.

"(ގިނަ މީހުން) ފުދޭ ވަރަކަށް ކިޔައިދީފައި ހުރީ، އެއްބައި މީހުން ބުނޭ ވަރަށް ހާޑްވާނެއޭ. އެކަމަކު، ހިތްވަރު ކޮށްލައިގެން އުޅުނީމަ ވާނެއޭ،" އިބާދުﷲ ބުންޏެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ތެރެއިން އިބާދުﷲ: އޭނާ ވަނީ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލުގައި ވާދަކޮށްފައި.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

އަމިއްލަ ނަފްސަށް އޮންނަ އިތުބާރަކީ އިބާދުﷲގެ ކެރިއަރުގައި އޭނާ އަށް ކުރިއަށްދާން އޮތް އެންމެ ބޮޑު ޔަގީންކަމެވެ. ގައުމީ ޓީމުގައި އޭނާ ހޭދަކުރި ފަސް އަހަރުގައި އެތުލެޓިކްސް އަށް އެކަނި ހުސްވެ، ހުރެ އެކަމުން ކުރިއަށްދާން އޭނާ ވަނީ ގިނަ ހަރުފަތްތަކެއް ގިރާކޮށްފަ އެވެ. އެއްވެސް އިރަކު، ކުރަން ބޭނުންވާ ކަމަކުން ފޯކަސް ގެއްލުނަނުދެ އެވެ.

ދާދި ފަހުން، ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އެތުލީޓުންގެ ތެރެއިން 100 މީޓަރު ދުވުމަށް ބަލާއިރު، ޓައިމިން ރަނގަޅީ އިބާދުﷲ އެވެ. ސޮލިޑާރިޓީ ގޭމްސްގައި އިބާދުﷲ ވަނީ 10.54 ސިކުންތުން ހީޓް ނިންމައި، ސެމީގައި ވެސް ވާދަކޮށްފަ އެވެ.

އެކަމަކު، ސޮލިޑާރިޓީ ގޭމްސް އަށް ވުރެ، އިބާދުﷲ އަށް ހާއްސަވީ މި ފަހަރުގެ ގައުމީ މުބާރާތެވެ. އޭގެ ފަހަތުގައި އޮތީ ހާއްސަ ސަބަބެކެވެ.

"އެއް މަސް ދުވަސް ބްރޭކެއްގައި ހުރީ ފުރާތީ މަންމަ މެން ކައިރީގައި ރަށަށް ގޮސްފައި އައިސް އެއްވެސް ޓްރެއިނިންއަކާ ނުލައި 10 އަކުން (ސިކުންތުން) ދުވުނީ. އެއީ 10 އަކުން ދުވުމަކީ އަސްލު ކުރީގައި ވެސް ވަރަށް ބޮޑު ކަމެއް. އެކްސްޕެކްޓެއް ވެސް ނުކުރަން 10 އަކުން ދުވެވޭނެ ކަމަށް. އެހެންވެ، އެހާ އުފާވީ،" އިބާދުﷲ ބުންޏެވެ.

އިބާދުﷲ ޓްރެއިނިން އިން ބްރޭކެއް ނަގަން ޖެހުނީ ޖެމެއިކާ އަށް ފުރުމުގެ ކުރިން ހަމަޖައްސަން ޖެހޭ ވިސާގެ ކަންކަން ފުރިހަަމަ ކުރަން ސްރީ ލަންކާ އަށް ދިއުމާއި ޖެމެއިކާ އަށް ފުރުމުގެ ކުރިން އަމިއްލަ ރަށަށް އާއިލާއާ އެކު ވަގުތު ހޭދަކޮށްލަން ދިއުމަށެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން 2024 ގެ ޕެރިސް އޮލިމްޕިކްސް އަށް އަމާޒުކޮށް އެވޯޑްކުރި ސްކޮލަޝިޕް އެތުލެޓިކްސް އިން ލިބުނީ ރާއްޖޭގެ އެއް ވަނަ އަންހެން އެތުލީޓު، އައިޝަތު ހިމްނާ ހަސަން އަށެވެ. ހިމްނާގެ ޓްރެއިނިން ސްކޮލަޝިޕްގެ ކަންކަން ހަމަޖައްސަން ޓްރެއިނިން ސެންޓަރުތަކާ ވާހަކަ ދައްކަމުން ދިޔައިރު، ދިވެހި އިތުރު އެތުލީޓަކަށް ވެސް ޔޫތު މިނިސްޓްރީ ބަޖެޓް ތެރެއިން ޓްރެއިނިންގެ ކަންކަން ހަމަޖެހޭނެ ކަމުގެ ފެހި ސިގްނަލް ލިބުނެވެ.

"މިނިސްޓްރީން ދިން ސްކޮލާޝިޕަކީ ވަކި ކުއްޖަކަށް ދިން އެއްޗެއް ނޫން. އެސޯސިއޭޝަނުން ނިންމީ ދާނީ ކާކުކަން. މަޝްވަރާތައް ކުރުމަށް ފަހު، އިބާދުﷲ އަށް ދޭން ނިންމީ. މި ވަގުތު ކުރިއެރުމަށް ބަލާއިރު ބޭރުގެ ތަމްރީންތަކުން އިބާދުﷲ އަށް ބޮޑު ކުރިއެރުމެއް ހޯދޭނެ އަދި ކާމިޔާބީތައް ލިބޭނެކަމުގެ އުއްމީދު ބޮޑު،" އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަހުމަދު މުންތަގިމް (މުންތޭ)، މީގެ ކުރިން "އަދަދު" އަށް ވިދާޅުވި އެވެ.

އިބާދުﷲ ބުނީ އެސޯސިއޭޝަނުން ދިން ޓާގެޓްތަކަކީ އައިއޯއައިޖީ އާއި ސައުތު އޭޝިއަން ގޭމްސް އިން މެޑަލް ހޯދުމާއި އޮލިމްޕިކްސް އާއި ވޯލްޑް ޗެމްޕިއަންޝިޕް އަށް ކޮލިފައިވުން ކަމަށެވެ.

"ޕާސަނަލް ޓާގެޓަކީ، ރާއްޖޭގެ 100 މީޓަރުގެ ރެކޯޑް، ދެން ސައުތު އޭޝިއާ ލެވަލްގައި ރާއްޖެ އަށް މެޑަލެއް ގެނެސްދިނުން. އެންމެ ދަށްވެގެން އަސްލު ބޭނުން ސައުތު އޭޝިއަން ރެކޯޑް ހޯލްޑަރަށް ވާން 100 މީޓަރުން. 10 ސިކުންތަށް ވުރެ އަވަހަށް ދުވާ ރާއްޖޭގެ ފުރަތަމަ އެތުލީޓަކަށް ވުމަކީ ވެސް އަމާޒެއް،" އިބާދުﷲ އަމިއްލަ ނަފްސަށްޓަކައި ކަނޑައެޅި ޓާގެޓްތަކުގެ ލިސްޓެއް ގޮތަށް ހިއްްސާކުރި އެވެ.

އިބާދުﷲ، ސޮލިޑާރިޓީ ގޭމްސްގެ އިވެންޓެއްގައި ދުވަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

ދާދި ފަހުން އިބާދުﷲ ވަނީ އޭނާ އުފަން ރަށް، ގދ. ތިނަދޫގެ ކައުންސިލުން ބޭއްވި އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ހާއްސަ މެހްމާނެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

އިބާދުﷲ ބުނީ ތިނަދޫ ކައުންސިލުން ބޭއްވި މުބާރާތް އެ މުބާރާތެއް ކާމިޔާބު ކަމަށާއި އެ ގޮތަށް ކޮންމެ ރަށެއްގައި ވެސް މުބާރާތް ބާއްވައި ހުނަރުވެރި އެތުލީޓުންނަށް ފުރުސަތު ދޭން މަސައްކަތް ކުރުން މުހިންމު ކަމަށެވެ.

"މި ފަހަރުގެ މުބާރާތުން ޓެލެންޓެޑް އާ ކުދިން ފެނިގެންދިޔަ. އެބައުޅޭ މުޅިން އަލަށް ޓްރެކެއް ލޮލަށް ފެނުނު ކުދިން ވެސް، ހަމަ މެޑަލް ނެގި ކުދިން އެބައުޅޭ އޭގެެތެރޭގައި. އެ ކުދިންނަށް ކިޔައިދޭނެ މީހެއް ވެސް ހުންނަން އެބަޖެހޭ. ކިޔައިނުދެވެންޏާ ހުނަރު ހުރި ކުދިންނަށް ފުރުސަތެއް ނުލިބި ވެސް އެބަދޭ،" އިބާދުﷲ ބުންޏެވެ.

"ޑިސިޕްލިންއާ އެކު ކުރިއަށްދާން އެތުލީޓުން ޑިވެލޮޕްކުރަންވީ، ޑިސިޕްލިން އަކީ އެންމެ މުހިންމު ބައި،"

އިބާދުﷲ ދެކޭގޮތުގައި ރަށްރަށުގައި ތިބި ހުނަރުވެރި އެތުލީޓުންނަށް މަގު ދައްކައިދީ ގިނަ މުބާރާތްތައް ބޭއްވިވަރަކަށް މިހާރަށް ވުރެ ވެސް ހުނަރުވެރި އިތުރު އެތުލީޓުން ފެނިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox