ޒަމާނީ ޤައުމީ ދުވަސް: ފަށުވި ލަފުޒުތަކާއި ރީތި ފޮޓޯތަކުން މީސްމީޑިއާ ފުރައިލާ ދުވަސް

ގައުމީ ހެދުމެއްގައި މީހަކު ދިވެހި ދިދައެއް ހިފައިގެން: ހަގީގީ ގައުމީ ރޫހު މިހާރު އޮތް ކަމަށް ބައެއް މީހުން ގަބޫލު ނުކުރޭ -- ފޮޓޯ: އަބްދުﷲ "އަބޯ" ޝަފީއު/އަދަދު

ގައުމީ ހެދުމެއްގައި މީހަކު ދިވެހި ދިދައެއް ހިފައިގެން: ހަގީގީ ގައުމީ ރޫހު މިހާރު އޮތް ކަމަށް ބައެއް މީހުން ގަބޫލު ނުކުރޭ -- ފޮޓޯ: އަބްދުﷲ "އަބޯ" ޝަފީއު/އަދަދު

"ޤައުމީ ދުވަސް" މިހެން ލިޔުމަށްފަހު، ގޫގުލްގައި ސަރޗުކޮށްލާށެވެ. ނުވަތަ މީސްމީޑިއާގެ އެންމެގިނަ މީހުން ބޭނުންކުރާ އެއް މަންސަކަމަށްވާ ފޭސްބުކުގައި ސަރޗުކޮށްލާށެވެ. ބޮޑުމަންޒަރާއި ކަމުގެ ޒާތުން ވިސްނަންޖެހޭ ކަންކަމުގެ ތަސައްވަރު ފެނިގެންދާނެ އެވެ. އާއެކެވެ. ޤައުމީ ދުވަސް، ދިވެހީން ފާހަގަކުރަނީ މީސްމީޑިއާގަ އެވެ. ވުޒާރާތަކާއި މުއައްސަސާތަކާއި ސްކޫލުތަކުގެ ވެބުސައިޓާއި މީސްމީޑިއާގެ މަންސަތަކުގައެވެ. ކުންފުނިތަކާއި ފަރުދީ ފެންވަރުގައި މިކަން ކުރަނީ މި މޭރުމުންނެވެ. ފަށުވި އިބާރާތްތަކާއި ރީތި ލަފުޒުތަކުން ގަތައިލެވިފައިވާ ޕޯސްޓަރުގެ ގޮތުގަ އެވެ. ރީތި ނަލަ ހެދުންތަކާއެކު ނަގައިފައިވާ ފޮޓޯތަކާއެކު ހާލަތު އަންގައިދޭން ލިޔެލާ އިބާރާތްތަކުގެ ގޮތުގަ އެވެ. ވައިބަރުގެ އޮޅިތަކުގައި ބަދަލުކޮށްލެވޭ ނިޝާނެއް ނުވަތަ ސްޓިކަރއެއްގެ ގޮތުގަ އެވެ.

ޤައުމެއްގެ ޙަޔާތުގައި އަންނާނެ އެންމެ މުހިއްމު އެއް ދުވަހަކީ އެ ޤައުމެއްގެ ޤައުމީ ދުވަހެވެ. ދުނިޔޭގެ ކުރިއަރައިފާ ކޮންމެ ޤައުމެއްގައި އެ ޤައުމެއްގެ ޤައުމީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރެ އެވެ. ޤައުމީ ދުވަސް ވަކި ދުވަހެއްގެ ގޮތުގައި ފާހަގަކުރަނީ ވަކި ޤައުމެއްގެ ގޮތުގައި އުފަންވެ ވަކި ސިފަތަކެއް ހިއްސާކޮށް، މިނިވަން ދައުލަތެއްގެ ގޮތުގައި ކުރިއަށް ދިޔުމަށް ލިބުނު ފުރުސަތު ފާހަގަކޮށް މަދަނީންނާއި ތަނުގެ ވެހީންގެ މެދުގައި އެ ރޫހު އާލާކުރުމަށެވެ. ޤައުމީ ދުވަހުގެ ތަސައްވުރަކީ އެއް ބިމެއްގައި ދިރިއުޅޭ ރައްޔިތުން އެއް ބައިވަންތަކޮށް އެއް ބައެއްވަންތަ ކުރުމުގެ ޒިންމާއާއި އޭގެ ތާރީހާމެދު ފަހުރުވެރިވާ ވިސްނުމެއް ރައްޔިތުންނަށް ލިއްބައިދިނުމެވެ. އެހެނީ އެއީ ދިރިއުޅުމުގެ ކޮންމެ ވަގުތެއްގައި، ކޮންމެ ދާއިރާއެއްގައި އަދި ހުރިހާ އަމަލެއްގައި ކުރިއަށް ގެންދާ އުޅުމާއި ހޭލުންތެރިކަމާއި ވިސްނުމާއި އެއީ ރަނގަޅު އަދި ފައިދާހުރި ރައްޔިތަކަށް ވުމުގެ އަސާސީ ޝަރުތުތަކާއި އެކަމުގެ ސިފަތަކެވެ. އެހެންކަމުން، ޤައުމުގެ ފަރުދުންގެ މެދުގައި ޤައުމިއްޔަތަށް ލޯބި ޖައްސާ ގައުމީ ލޯބީގެ ރޫހް ދިރުވާ އާލާކުރުމަކީ ވެސް މި ފަދަ ދުވަހެއް ފާހަގަކުރުމުގެ އެއް ބޭނުނެމެވެ. ނަމަވެސް، ދިވެހިންނަށް މިކަން މި ކުރެވޭ ގޮތްތަކާ މެދު ފުންކޮށް ވިސްނައިލަން އެބަ ޖެހެ އެވެ. ދިރާސީ ހެކިތަކުގެ އަލީގައި ކަންކަން ރާވާން އެބަޖެހެ އެވެ.

ޤައުމީ ލޯތްބަކީ އާއްމުންގެ ދުލަށް ފަހި ލަފުޒެއް ކަމުގައިވީ ނަމަވެސް އެއީ ކިހިނެއް ކޮން ގޮތަކަށް މާނަކުރެވޭ ލަފުޒެއްކަން ގިނަ މީހުންނަށް ފަހުމެއް ނުވެ އެވެ. "ޤައުމީ އަމިއްލަވަންތަ ކަމަށް އިހުތިރާމުކުރުމާއި އަމިއްލަ ނަފުސަށް އިޚްތިރާމުކުރުން" މި މައިގަނޑު މައުލޫއަށް 2003ވަނަ އަހަރު ދިރާސާ ހެއްދެވި މަޝްހޫރު ދިރާސާވެރިއެއް ކަމަށްވާ ސްޕިނަރ-ހެލެވަންޑް ތީސް-މޯރސްގެ ދިރާސާގައި ވިދާޅުވެފައި ވަނީ ޤައުމީ ލޯބީގެ ހިޔާލާ ބެހޭގޮތުން ކުރެވުނު ދިރާސާތަކުން ތަފާތު މާނަތަކެއް ނެގޭ ކަމަށެވެ. "ޤައުމެއްގެ މަތިވެރިކަމާ ބެހޭގޮތުން ވަކި ބައެއް ޤަބޫލުކުރުންތައް ހިއްސާކުރެވޭ އާންމު ޤައުމީ ރަމްޒުތަކާއި ޤައުމާމެދު އޮތް ލޯބިން ބިންވަޅު ނެގިފައިވާ ޤައުމެއް އުފެދި، މަދަނީ ގުޅުންތަކާއި ޤައުމީ ވަފާތެރިކަން ބާރުވެރިކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމަށް" ޤައުމީ ލޯބީގެ ތައާރަފެއްގެ ގޮތުގައި މުފައްކިރުވުން ވިދާޅުވާކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

އިންޑިޔާ އެ ބޭފުޅަކަށް ޓަކައި ފަޚުރުވެރިވާ ޤައުމުގެ ބަޠަލް މަހާތުމާ ގާންދީ ވިދާޅުވަނީ މާ ފުން މާނައެއް އެކުލެވޭ ވާހަކައެކެވެ.

"އަޅުގަނޑަށް ޤައުމީ ލޯތްބަކީ އިންސާނިއްޔަތުކަމެވެ. މިއީ އިންސާނުންނަށްވެފައި އަދި އިންސާނީވަންތަކަމުގެ ސިފަ ހުރިބަޔަށް ވާތީ، އަޅުގަނޑުމެންގެ ލޭގައި ޤައުމީ ލޯބިވާނެ އެވެ. ކޮންމެ މީހެއްގެ ކިބައިގައި ވެސް މި ސިފަ ހުންނާނެ އެވެ." އިންޑިޔާގެ މިނިވަންކަމުގެ ބާނީ ވިދާޅުވެފައިވެ އެވެ. ގާންދީގެ މި ވާހަކައަށް ވިސްނައިލާއިރު ފާހަގަވާ ކަމަކީ ކޮންމެ އިންސާނެއްގެ ކިބައިގައި ވެސް މި ސިފަ ހުންނާނެކަމެވެ. އަޅުގަނޑުމެންނަށް ޖެހޭނީ އެކަން ތިލަކުރާން ނުވަތަ ހިތުގައި އެ ރޫހު އާލާކުރުމަށް މަސައްކަތްތަކެއް ކުރާށެވެ. ދިވެހިރާއްޖެއަށް ނަޒަރު ހިންގައިލާއިރު މައްސަލަ ފެށޭކަމަށް ގަބޫލުކުރެވެނީ މިދެންނެވި މަރުހަލާއިންނެވެ.

އާދޭހެވެ. ޤައުމީ ލޯބިން ދިވެހިންގެ ހިތްތައް ފުރައިލަދެވޭ މިންވަރު މަދުވަނީ އެވެ. ޤައުމިއްޔަތަށް އޮތް ލޯބި ޖީލުން ޖީލަށް ނަގުލުކޮށްދެވޭ މިންވަރު މަދުވަނީ އެވެ. އެކަންކުރީން ކުރިގޮތަށް މިހާރު ނުކުރެވެނީ އެވެ. ޖީލުން ޖީލަށް އެކަން ގެންގޮސް ނުދެވެނީ އެވެ. ޤައުމީ ދުވަހަކީ "ހޮލިޑޭ"އަކަށް ވާތީ ލިބޭ އުފާ ނޫން އުފަލެއް އަދުގެ ދިވެހީންގެ ހިތުގައި ނެތެވެ. ދަތުރެއް ގޮސްލައި، އާއިލީ އެއްވުމެއް އެއްވެލަން، ނުވަތަ ކުޅިވަރުގެ ހަރަކާތެއް ހިންގައިލަން ނޫންނަމަ ނުނިމި ހުރި މަސައްކަތެއް ނިންމައިލަން "ފައްކާ" ދުވަހަކަށް އެ ދުވަސް ހަދައިލެވެނީ އެވެ. އަނެއްކޮޅުން، މުއައްސަސާތަކުގެ މީސްމީޑިއާ މަންސަތަކުގައި ދުވަހާ ގުޅޭ ޕޯސްޓަރެއް އަދާހަމަކޮށްލުމުން އެ މުއައްސަސާތަކުގެ ޒިންމާ އަދާކޮށްލެވުނީ އެވެ. ހަބަރުގައި ދުވަހަށް ހާއްސަ ރިޕޯޓެއް ގެނެސްދެވުމުން ދުވަހުގެ މުހިއްމުކަން ފާހަގަކޮށްލެވުނީ އެވެ. ދުވަހާ ގުޅޭ ހިތާބެއް ދިނުމުން ޤައުމީ ފެންވަރުގައި އެ ދުވަސް ފާހަގަކޮށްލެވުނީ އެވެ. މިއިން އެއްވެސް ކަމަކުން އަދުގެ ޅަދަރިންނަށް ދުވަހުގެ މުހިއްމު ކަމެއް ފަހުމެއް ނުވެ އެވެ. ދޭހައެއް ނުވެ އެވެ. ނުވިސްނެ އެވެ. މިކަން މިގޮތަށް ތަކުރާރުވަމުން އައިސް މިއަދާހަމައަށް ވާސިލުވިއިރު ދިވެހިންގެ ޤައުމިއްޔަތަށް އޮތް ލޯބީ ވީތަން ހޯދަން ޖެހޭނީ އަތްފުނާ އަޅާށެވެ.

މީގެ ކުރިން 1910 އިން 1905 އަށް އެމެރިކާގެ ނައިބު ރައީސްކަން ކުރެއްވި މަޝްހޫރު ސިޔާސީ މުފައްކިރު، ތިއޯޑޯ ރޫޒްވެލްޓް ވިދާޅުވަނީ "ޤައުމަށް ޓަކައި ތެދުވާނީ ޤައުމީ ލޯބި ހިތުގައި ހުރުމުން" ކަމުގަ އެވެ. އާއެކެވެ. ޤައުމީ ލޯބިން ހިތްތައް ފުރައިލަ ދެވޭނީ ޤައުމިއްޔަތުގެ އަސާސްތަކަށް ޤައުމުގެ ދަރީންގެ ލޯ ހުޅުވާލެވިގެންނެވެ. ޤައުމީ ބަހާތަކާއި ޤައުމިއްޔަތު ބިނާވާ އަސާސްތަކަށް އަދުގެ ކިޔަވާކުދިން ލޯ ހުޅުވާލެވިގެންނެވެ. ދިވެހި ޤައުމިއްޔަތުގެ ރުކުންތައް ކަމަށްވާ އިސްލާމްދީނާއި ދިވެހިބަހާއި ދިވެހި-އިސްލާމީ ސަގާފަތާއި އާދަކާދައާއި ޤައުމި ރަމްޒުތަކަކީ ކޮބައިކަން އަދުގެ ކިޔަވާ ކުދިންނަށް މޭރުންކޮށްދެވިގެންނެވެ. މިކަން ކުރާން ފަށަން ޖެހޭ ފުރަތަމަ މަގާމަކީ މަންމަގެ އުނގެވެ. ދެވަނައަށް ވެސް މަންމަގެ އުނގުންނެވެ. އާއެކެވެ. ދަރިފުޅަށް މާދަރީބަސް އަށަގަނެގެންދާ ހިނދު، އެ ކުއްޖާއަށް ތަކުރާރުކޮށް އިވޭ އަޑުތަކުންނެވެ. ނިންދަވާއިރު ކިޔައިދެވޭ ލަވަތަކާއި ނާނާތަކާއި އަންބާތަކާއި ބަނދިތަކުގެ ތެރެއިންނެވެ. އެއީ ކުއްޖާގެ މަންމަގެ އުނގުން އިވޭ އަޑުތަކަށް ހަދައިދޭން ޖެހެނީ ޤައުމިއްޔަތު މުޑުވައްކުރާ މަކާނަކީ މަންމަގެ އުނގުކަމަށްވާތީ އެވެ.

ޤައުމިއްޔަތުގެ ސާފު ސިފަތައް ދަރިވަރުންގެ ކިބައިގައި އަށަގެންނުވޭނެ އަނެއް މާހައުލަކީ ކުއްޖާ ހެދިބޮޑުވާ މާހައުލެވެ. ކުއްޖާގެ ވަށައިގެންވާ ވެށްޓެވެ. އެތަންތަނުން އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކެވެ. އެކި ކަހަލަ ތަމްސީލުވުން ތަކެވެ. ޒަމާނީ އެކި މަންސަތަކަށް އަދާހަމަކުރެވޭ ތުއްތުކުދިންނާ ގުޅޭ އުފެއްދުންތަކެވެ. އުމުރުފުރައާއި ގުޅޭ ފިލްމުތަކާއި ތުއްތުކުދިންނާ ގުޅޭ ވީޑިއޯ އަދި އޯޑިއޯ ތަކުންނެވެ. ޓީވީ ޕްރޮގުރާމުތަކުންނެވެ. އަކުރު ކިޔާން ދަސްކުރާއިރު ފެންނަ ތަސްވީރުތަކާއި ނިޝާންތަކާއި ދިވެހިވަންތަ އައްތައިންގެ ފުށުންނެވެ. އެހައި ހިސާބުން ޤައުމީ ލޯބީގެ މުހިއްމު ސިފަތައް ދަރިންގެ ކިބައިގައި މުޑުވައް ކުރުމަކީ ދަތިކަމަކަށް ނުވާނެ އެވެ.

ދެން އޮތީ ސްކޫލު މަދަރުސާތަކުގެ ޒިންމާ އެވެ. ސްކޫލްތަކުގައި ހިންގާ ތައުލީމީ ޕްރޮގްރާމްތަކުގެ ތެރެއިން މުސްތަގުބަލުގެ ރައްޔިތުންނަށްވާނެ ދަރިވަރުންނަށް ޤައުމީ ލޯބީގެ ތައުލީމު ފޯރުކޮށްދިނުމަށް އަމާޒު ހިފާންޖެހެ އެވެ. އެކަން މަންހަޖުތަކުގައި ސާފު އިބާރާތުން ލިޔެފައި ވެސް އެބަހުއްޓެވެ. ނަމަވެސް، އެކަން ތަންފީޒުވުމުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަވެ އެވެ. މި މައްސަލަ ދިމާވުމުގައި ތަފާތު އެތައް ކަމެއް ފާހަގަވެ އެވެ. އެއް ކަމަކީ އެކަށީގެންވާ މިންވަރަށް މުދައްރިސުންނަށް ކަމުގެ ތަމުރީނާއި ފަންނީ އެހީތެރިކަމާއި މައުލޫމާތު ލިބިފައި ނުވުމެވެ. ޤައުމިއްޔަތުގެ ވާހަކަތައް ކިޔަވައިދޭން އޮތް "އިޖުތިމާއީ ސައިންގެ ނުވަތަ އިޖުތިމާއީ އިލްމު ފޮތް" އޮތީ އިނގިރޭސިބަހުން ކަމަށްވުމެވެ. އެ މާއްދާ ކިޔަވައިދޭން ކުލާހުގައި ހުންނަވާ ބިދޭސީ އެދުރަށް ދިވެހި ޤައުމުގެ އަނދިރި ސަފުހާތަކުން މުތްތައް ހޮވާން ނޭނގުމެވެ. ކުދިންގެ ފެންވަރާ ގުޅޭނެހެން ދަރުސްތަކާއި މެސެޖުތައް ތިލަކުރާން ނޭނގުމެވެ. މީގެއިތުރުން، ސްކޫލުތަކުގައި އަހުލާގިއްޔަތާއި ޤައުމިއްޔަތާ ގުޅުންހުރި ހަރަކާތްތައް ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ނުހިންގޭކަމެވެ. މިކަމުގެ ނަތީޖާތޯ އެވެ. އާއެކެވެ. ނަތީޖާއަކީ "އޯޑަރކުރި މުދަލާއި ލިބޭ މުދަލާ ދިމާ ނުވުން" އެވެ.

މުޖުތަމައަށް ނަޒަރު ހިންގާލާއިރު ފެންނާން އޮތީ އިޖުތިމާއީ ފޭރާން ވީދި ހަފުސްވެފައިވާ ތަނެވެ. ހުރިހާ ދިމާއަކުން ފޫގޮސް ބައިއަޅައި ހޮއި ހެދިފާ ތަނެވެ. ޕިރާޑާއި އިބުނު ބަތޫތާ ސިފަކުރެއްވި ދިވެހިރާއްޖެއެއް ނޫނެވެ. އެ ވާހަކަތައް އެއީ ނަލައަކަށް ދެކެވޭ ފަށުވި އިބާރާތްތަކަށް ވެއްޖެ އެވެ. ދިވެހީންގެ ދިވެހިވަންތަކަމުގެ ސިފަތައް އުވި ގެއްލިގެން ދިޔަތާ އެތައް ޒަމާނެއް ވެއްޖެ އެވެ. އެކުވެރިކަމާއެކު ރަށުގެ ތަރައްގީއަށް ބުރަކަށިތަކުން ދާ އޮހޮރުވާލެވޭހާ ހިތްވަރު ދިވެހީންގެ ކިބައިގައި މިއަދަކު ނެތެވެ. އެކަން ކުރާން އިސްކުރާން ޖެހެނީ ބިދޭސީ މުސާރަވެރީންނެވެ. ޤައުމީ ދިދަތައް މަގުތަކުގައި އަތުރައިލަން ވެސް މިއަދު އެ އުޅެނީ ބިދޭސީ މުސާރަވެރީންނެވެ. ބަދަލުގައި ފާޅުކުރެވެނީ ފަނާކުރަނިވި ޚިޔާލުތަކެވެ. ސިޔާސީ މުންޑު އަރުވާ ޖަހައިގެންތިބެ މީސްމީޑިއާގައި އަބުރުކަތިލެވި، ކޮށައިލެވިގެންދަނީ ތުއްތުއިރު އިންޓަވަލް ނުގެނެވުނު ދުވަހު ބިސްކޯދުގެ އެއްބައިދީގެން ބަނޑުހައި ހޫނުކަން ފިލުވައިލަދިން އެކުވެރިޔާ އެވެ. އެއީ ވާޖިބެއްކަމަށް ދެކިގެން މިނިވަންކަމުގެ ހައްޤޭބުނެ ތަންމިނަށް އަނގަފުޅާކޮށްލައިގެން ތިބެ ކެވެނީ އެއްލޭ ހިނގާ އާއިލީ މީހުންގެ މަހެވެ. މައިންބަފައިންނާއެކު އަށެއްގެ ޚަބަރު އަޑުއަހައިލެވޭކަށް ނެތެވެ. ކުށުގެ ހާލިތަކަށް ބިސްއެޅި ކޮވެލިތަކާއި ކާޅުތަކުގެ "ހޭރުން" އިވޭތީ އެވެ. މިހެންގޮސް ދައްކާނެކަމެއް ނެތެވެ. ގޯސްވާނީ މި ވާހަކަ ދައްކާ މީހާ އެވެ.

މިއީ ދައްކާން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އަޑުއަހަން ހަޖަމުކުރާން ކެރޭވަރު ކަންތައްތަކެއް ނޫނެވެ. ނަމަވެސް، ބަވަނަވުމާއި ފަންނިއްޔާތުގެ ދޮރުތައް ތަންމިނަށް ހުޅުވި ދިވެހި ވެށިތަކަށް ކަރަތަކުގެ ސަގާފަތް ފޫދިޔުމުގެ ނަތީޖާ އެވެ. ހަލުވި ކަމާއެކު މުޅި ދުނިޔެ އެއް ރަށަކަށް ބަދަލުވެގެން ދިޔައިރު ދިވެހިންނަށް ވިސްނައި ނުލެވުނީތީ ދިމާވި ކަންކަމެވެ. ޤައުމިއްޔަތުގެ ވާހަކަތައް ދައްކާ ޤައުމީ ދުވަސް އިހުތިފާލުކުރާން ބޭރުން މީހުން ގެނެސް އެމީހުންނީ މާ މޮޅު ބަޔަކަށް ދެކެވުނުމުގެ ނަތީޖާ އެވެ. ދިވެހީންގެ ކަންކަން ދިވެހީންނަށް ނުނިންމޭނޭ ބުނެ ފާޅުކުރާން ފެށުނު ކަތި ވިސްނުމުން އުފަންވި ކަންކަމެވެ.

ޤައުމީ ދުވަސް އަންނަކަން މީސްމީޑިއާއަށް އެނގޭ އިރު ދިވެހީންގެ ހިތަށް އެކަން ތިލަ ނުވުމަކީ ޤައުމީ މައްސަލައަކަށް ހަދާން އެބަޖެހެ އެވެ. އެ ޒިންމާ ކޮންމެ ވެސް ބަޔަކު އުފުލާން ޖެހެ އެވެ. ޤައުމީ މި އާދޭހަށް އިޖާބަދީ ޤައުމުގެ ހިތުގެ އުދާސްތަކަށް ފިނިކަމެއް ގެނެސްދޭން އެބަޖެހެ އެވެ. ޤައުމު ދެކެ ލޯބިވާ ޤައުމީ ދަރީންތަކެއް ބިނާކުރާން އެބަޖެހެ އެވެ. ޤައުމީ ބަތަލުގެ މޮޓޯއިން ހިތްވަރު ލިބިގަނެ "މީހުން މީހުންނަށްވާނީ މީހުން މީހުންނަށް ހެދީމަ"އޭ ބުނެ ތެދުވާން އެބަޖެހެ އެވެ. އެހެންނޫނީ، ޤައުމީ ދުވަސް އަންނާނީ މީސްމީޑިއާގައި ފޮޓޯ ޖަހާ ދުވަހެއްގެ ގޮތުގަ އެވެ. ފަށުވި އިބާރާތްތަކާއި ފޮނި ލަފުޒުތަކާއެކު، ތުންފަތް އަރިއަރިކޮށް ނެގޭ ފޮޓޯތަކުން މީސްމީޑިއާ ބަންޑުންކޮށްލާ ދުވަހެއްގެ ގޮތުގަ އެވެ. އޭރުން، މުނިދަރީންނަށް ޤައުމީ ދުވަސް ފެންނާނީ އަޅުގަނޑުމެން މި ދެކޭ ގޮތާ މުޅީން ތަފާތުކޮށްނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox