ގިނަ ރިސޯޓުތަކެއް ހިންގަމުން އަންނަ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗީފް އޮޕަރޭޓިން އޮފިސަރަކަށް ޓޫރިޒަމު ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު މުހައްމަދު ސޮލާހު ހަމައްޖައްސައިފި އެވެ.
މި މަގާމަށް ހަމަޖެއްސުމުގެ ކުރިން ސޮލާހު އެންމެ ފަހުން އަދާކުރި ވަޒީފާއަކީ ޑުބާއީގައި ހުންނަ ޒާޔާ ހޮސްޕިޓާލިޓީ ގްރޫޕުގެ ކްލަސްޓާ ޖެނެރަލް މެނޭޖަރު ކަމެވެ.
މީގެ ކުރިން އޭނާ ވަނީ ކްރައުން އެންޑް ޗަމްޕާ ގްރޫޕުގެ ރިސޯޓެއް ކަމުގައިވާ ކޮމަންޑޫ އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ. އޭރު އޭނާއަކީ ރާއްޖޭގެ ރިސޯޓެއްގެ ޖެނެރަލް މެނޭޖަރުކަމާ ހަވާލުވި އެންމެ ހަގު މީހުންގެ ތެރެއިން އެކަކެވެ.
ޓޫރިޒަމް ދާއިރާއާ 2002 ވަނަ އަހަރު ގުޅުނު ސޮލާހު އެންމެ ފުރަތަމަ އަދާކުރި ވަޒީފާއަކީ މީރު އައިލެންޑް ރިސޯޓުގެ ރިސެޕްޝަނިސްޓް/ޓެލެފޯން އޮޕަރޭޓަރު ކަމެވެ. އެ ރިސޯޓުގައި މަސައްކަތްކުރަމުން ދަނިކޮށް ލިބުނު ފުރުސަތެއްގެ އޭނާ ވަނީ ހޮސްޕިޓާލީޓީ ދާއިރާއިން ބެޗެލާސް ޑިގްރީ ފުރިހަމަކުރައްވާފަ އެވެ.
މަތީ ތައުލީމު ހާސިލުކުރައްވަން އުޅުއްވި ދުވަސްވަރު އޭނާ ވަނީ މެލޭޝިއާ އަދި ޝީޝެލްސްގައި މަސައްކަތުގެ ތަޖުރިބާ ހޯއްދަވާފަ އެވެ. ކިޔަވާ ވިދާޅުވުމަށް ފަހު އަލުން މީރު އައިލެންޑް ރިސޯޓާ ގުޅި ފްރަންޓް އޮފީސް މެނޭޖަރު ކަމާއި ގެސްޓް ސާވިސަސް މެނޭޖަރު ކަން ވެސް ކުރެއްވި އެވެ.
މީރު އައިލެންޑް ރިސޯޓަކީ ވެސް ކްރައުން އެންޑް ޗަމްޕާ ކަލެކްޝަނުގެ ދަށުން ހިންގާ ރިސޯޓެކެވެ.










