މެޑްރިޑް (ސެޕްޓެމްބަރު 25) - ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުގެ ބައެއް އުސޫލުތަކާ މެދު ހިތްހަަމަނުޖެހިގެން ސްޕެއިންގެ އަންހެން ގައުމީ ޓީމުން ވަކިވި 15 ކުޅުންތެރިން އެ ޓީމުގެ ކޯޗު މަގާމުން ދުރުކުރަން ޕްރެޝަރު ނުކުރާ ކަމަށް ބުނެފި އެވެ.
ފީފާ ބެސްޓް އެވޯޑްސްގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި އަލެކްސިސް ޕުޓޭޔަސް ހިމެނޭ ގޮތަށް ސްޕެއިން ގައުމީ ޓީމުގެ 15 ކުޅުންތެރިއަކު ވަނީ މިދިޔަ ހަފުތާގައި ސްޕެއިންގެ އަންހެން ޓީމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ހުރި މައްސަލަތައް ފާހަގަކޮށް ފެޑެރޭޝަނަށް މެއިލެއް ފޮނުވައިފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްޕެއިން އަންހެން ޓީމުގެ 15 ކުޅުންތެރިއަކު ފެޑެރޭޝަނަށް ފޮނުވި އީމެއިލްގައި ހިމަނާފައިިވަނީ އަންހެން ޓީމުގެ ކޯޗަކަށް ހުރި ޖޯޖް ވިލްޑާ މަގާމުން ވަކިނުކުރަނިސް އަލުން އެނބުރި ގައުމީ ޓީމަށް ނުދާނެ ކަމަށެވެ. ފެޑެރޭޝަނުން އޭގެ ބަދަލުގައި ކުޅުންތެރިންނަށް އެންގީ ވިލްޑާ މަގާމުގައި ބަހައްޓައި، އީމެއިލް ފޮނުވި 15 ކުޅުންތެރިން ޓީމުން ބާކީކޮށް، އެ ކުޅުންތެރިން މާފަށް ނޭދެނިސް ޓީމަށް ނުނެގުމަށެވެ.
ފެޑެރޭޝަންގެ މި ނިންމުމަށް ކުޅުންތެރިން ރައްދުދިނީ އެ ކުޅުންތެރިންގެ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ހުރިހާ ކުޅުންތެރިންގެ ވާހަކަތައް ދާދި އެއްގޮތަކަށް ހުރިއިރު، ހުރިހާ ކުޅުންތެރިންވެސް ފާހަގަކޮށްފައިވަނީ އެއް ކަންތައްތަކެކެވެ. ކޮންމެ ކުޅުންތެރިއަކު ވެސް ވަނީ ކޯޗު ޖޯޖް ވަކިކުރަން ޕްރެޝަރު ނުކުރާ ކަމަށް ބުނެފަ އެވެ.
"އަހަރެމެންނަށް އެނގޭ އަހަރެމެން ނިންމަން ޖެހޭ ނިންމުމެއް ނޫންކަން އެއީ ކޯޗަކަށް ހުންނަން ޖެހެނީ ކާކުތޯ، އެކަމަކު، އަހަރެމެން ބޭނުން ޕްރޮފެޝަނަލްކަން ކުޅެން މިދާ މާހައުލުގައި ހުރިހާ ކަމެއް ހުރީ އަހަރެމެންގެ ކުޅުމަށް ނޫނީ ކެރިއަރަށް އެންމެ ރަނގަޅަށް ތޯ،" ކުޅުންތެރިން ޝުއޫރުފާޅުކުރި އެވެ.
ކުޅުންތެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ކުޅުންތެރިން ވަރަށް މުހިންމު ކަންތައްތަކެއް ފާހަގަކޮށް ފެޑެރޭޝަނަށް ފޮނުވި އީމެއިލެއް، ފެޑެރޭޝަންގެ ތެރެއިން ސްޕެއިނުގެ އެކި މީޑިއާތަކަށް ލިބިފައިވުމެވެ.
ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަންހެން ޓީމުން ބޭނުންވަނީ ސްޕެއިންގެ ފިރިހެން ޓީމަށް ވެސް ފެޑެރޭޝަނުން ކޮށްދޭ ކަންތައްތައް އަންހެން ޓީމަށް ވެސް ފަހިކޮށްދިނުމެވެ.












