ކްލަބް ގްރީން ސްޓްރީޓްސް އަށް މިދިޔަ ސީޒަން ފެށުނުއިރު، ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު އެންޖެލް މުނޯޒްގެ މުސާރަ ނުދޭތީ ފީފާ އިން ގްރީން ސްޓްރީޓްސް އަށް ދީފައިވާ އަދަބުން އާ ސީޒަން ފެށެން ވާއިރަށް އެ ކްލަބް ސަލާމަތްވާނެ އެ ޓީމުން ބުނެފި އެވެ.
މިދިޔަ ސީޒަން ފެށިއިރު، ޕްރެޒިޑެންޓްސް ކަޕާއި ދިވެހި ޕްރިމިއާ ލީގުގެ ކުރީކޮޅުގައި ގްރީން ސްޓްރީޓްސް އަށް ކުޅުމަށް ފަހު މުނޯޒް ވަނީ ފަހުން އީގަލްސް އަށް ބަދަލުވެފަ އެވެ. މިހާރު ހޮންޑިއުރަސްގެ ލީގުގައި ކުޅެމުން އަންނަ މުނޯޒް، އަށް ގްރީން ސްޓްރީޓްސް އިން ދޭން ޖެހޭ ފައިސާގެ އަދަދު 20،000 ޑޮލަރަށް އަރާކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މުނޯޒް އަށް ނުލިބި ހުރި މުސާރަ ހޯދަން ގްރީން ސްޓްރީޓްސް ގޮވައިގެން އޭނާ ފީފާ ޓްރިބިއުނަލް އަށް ދިއުމުން ނިންމީ ޖުލައި މަހުގެ 22 އިން ފެށިގެން 45 ދުވަސްތެރޭ ނުދީ ހުރި މުސާރަތައް ދޭނެ ގޮތެއް ކަނޑައެޅުމަށެވެ. އެ މުއްދަތުގައި އެކަން ކޮށްފައިނުވާތީ ފީފާ އިން ނިންމީ ކުރިއަށް އޮތް ތިން ޓްރާންސްފާ ޕީރިއަޑްގައި ގްރީން ސްޓްރީޓްސް އަށް އާ ކުޅުންތެރިއަކު ރަޖިސްޓްރީ ނުކުރެވޭ ގޮތަށް އަދަބު ދިނުމަށެވެ.
ގްރީން ސްޓްރީޓްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފްއޭއެމުން ދޭން އެއްބަސްވެފައިވާ މާލީ އެހީތެރިކަން ކަމަށްވާ ތިން މިލިއަން ރުފިޔާ ގަވާއިދުން ލިބިފައިނުވާ ކަމަށާއި އޭގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވި ކަމަށެވެ.
"މި މައްސަލައިގައި (އެންޖެލް މުނޯޒް މުސާރަ މައްސަލައިގައި) ހުރި ކަންބޮޑުވުންތައް ހިފައިގެން މި ކްލަބުން ވާނީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އާއި ރައީސްގެ އަރިހަށް ގޮސްފައި. ދެތިން ހަފްތާއެއްހާ ދުވަސްތެރޭ މައްސަލަ ހައްލުވާނެ ކަމަށް ވަނީ ބުނެފައި. ހައްލުނުވެ އޮތުމުން މިހާރު ގިނަ ކުޅުންތެރިންތަކެއްގެ މުސާރަ މައްސަލަ ވަނީ ކުރމަތިވެފައި،" ގްރީން ސްޓްރީޓްސްގެ ބަޔާނުގައިވެ އެވެ.
"އެކަމަކު، ދާދި ފަހުން ހަމަޖެހިގެން ދިޔަ ސްޕޮންސަޝިޕްގެ ދަށުން ކްލަބަށް މާލީ އެހިތެރިކަން ލިބޭނެ އެހެން ގޮތްގޮތް ވަނީ ފަހިވެެގެން ގޮސްފައި. އިރާދަކުރެއްވިއްޔާ މުސާރަ މައްސަލަތައް 2022/23 ސީޒަން ފެށުމުގެ ކުރިން ހައްލުވެގެންދާނެ،"
މިއީ މުނޯޒް ފީފާ މެދުވެރިކޮށް ރާއްޖޭގެ ކްލަބަކުން ފައިސާ ހޯދާ ތިން ވަނަ ފަހަރެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ފަސް ޓީމަކަށް ކުޅެފައިވާ މުނޯޒް ވަނީ މީގެ ކުރިން ވެލެންސިއާ އަށް 2016 ވަނަ އަހަރު ކުޅުނުއިރު، ނުލިބި އޮތް މުސާރަ ފީފާ އަށް ގޮސްގެން ހޯދައިފަ އެވެ. ދެ އަހަރަށް ދެމިގެންދިޔަ މައްސަލަ ނިމުނުއިރު، ވެލެންސިއާ އިން ވަނީ ޖުމްލަ އެކު މުނޯޒަށް 9595 ޑޮލަރު (147،954 ރުފިޔާ) ދީފަ އެވެ. އެއީ މުސާރަ އަށްވާ 9000 ޑޮލަރު (138،780 ރުފިޔާ) އާއި ސްޕެނިޝް ފެޑެރޭޝަނަށް ދައްކަން ޖެހޭ ވަކީލުންގެ ފީގެ ގޮތުގައި 450 ޑޮލަރު (6939 ރުފިޔާ) އަދި ޖޫރިމަނާގެ ގޮތުގައި 145 ޑޮލަރު (2235 ރުފިޔާ) އެވެ.
އޭގެ ފަހުން، 2018 ވަނަ އަހަރު ޖުލައި މަހު ވިކްޓަރީ ގޮވައިގެން ވެސް މުނޯޒް ވަނީ ފީފާ އަށް ގޮސްފަ އެވެ. އެ ފަހަރު މުނޯޒަށް ދޭން ޖެހޭ ފައިސާ ވިކްޓަރީން ވަނީ ހަމަޖައްސައިދީފަ އެވެ.












