ލަންޑަން (ސެޕްޓެމްބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސޮން ހެއުން މިން ބެންޗުން އަރައި 13 މިނިޓް ތެރޭ ހެދި ހެޓްރިކާ އެކު، ޓޮޓެންހަމް ހޮޓްސްޕާސް އިން 6-2 އިން ލެސްޓާ ސިޓީ ބަލިކޮށްފި އެވެ.
މި ނަތީޖާއާ އެކު ޓޮޓެންހަމުން ވަނީ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެެވެ. ވުލްވްސް އަތުން ފަސޭހަ މޮޅެއް ހޯދައި ލީގުގެ އެއް ވަނަ އަށް ސިޓީން އެރީ ހަތް މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމަށް ވެސް ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އާސެނަލް އޮތީ ހަ މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. މާދަމާ ބްރެންޓްފޯޑް ދަނޑުގައި މޮޅުވެގެން ނޫން ގޮތަކަށް އާސެނަލަށް ކުރިއަށް ޖެހިލެވެން ނެތެެވެ.
ޓޮޓެންހަމް ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ލެސްޓާ އިން ވަނީ ޔޫރީ ޓީލަމަންސްގެ ޕެނަލްޓީން ލީޑުނަގައިފަ އެވެ. މިއީ ޓޮޓެންހަމްގެ ޑަވިންސަން ސަންޗޭޒް އޭރިއާ ރޮނގުމަތިން ލެސްޓާގެ ޖޭމްސް ޖަސްޓިން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އޭގެ ދެ މިނިޓް ފަހުން ޓޮޓެންހަމުން ވަނީ ހެރީ ކޭން ބޮލުން ޖެހި ގޯލުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. ކޭން ބޮލުން ޖެހީ އެ ޓީމުގެ ޑޭޖާން ކުލުސޭވްސްކީ ނެގި ހުރަހެކެވެ.
މެޗުގެ 21 ވަނަ މިނިޓްގައި އިވާން ޕެރިސިޗް ނެގި ކޯނަރަކުން އެރިކް ޑަޔާ ބޮލުން ޖެހި ގޯލުން ޓޮޓެންހަމް މެޗުގަައި ފުރަތަމަ ފަހަރަށް ލީޑުނެގި އެވެ. އެކަމަކު، އެ ޓީމަށް ލީޑުގައި އޮވެގެން ފުރަތަމަ ހާފު ނިންމާލެވޭ ގޮތެއްނުވި އެވެ. މެޗުގެ 41 ވަނަ މިނިޓްގައި ލެސްޓާގެ ޓިމޮތީ ކަސްޓާނިއޭ ނެގި ހުރަހަކުން އެ ޓީމުގެ ޖޭމްސް މެޑިސަން ޖެހި ލަނޑުން ނަތީޖާ ހަމަހަމަވި އެވެ.
އެކަމަކު، ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ޓޮޓެންހަމްގެ މިޑްފީލްޑަރު ރޮޑްރީގޯ ބެންޓަންކޫރު ޖެހި ގޯލުން އެ ޓީމުން އަލުން ލީޑުނެގި އެވެ. މިއީ ލެސްޓާގެ މެދުތެރެއިން ބޯޅަ ހޯދައި، ހަމަޖެހިލާފައި ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ބެންޓަންކޫރު ޖެހި ގޯލެކެވެ.

ޓޮޓެންހަމްގެ ސޮން މިރޭގެ މެޗުގައި ތިން ވަނަ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
މެޗުގެ 59 ވަަނަ މިނިޓްގައި ޓޮޓެންހަމުން ވަނީ ރިޗާލިސަންގެ ބަދަލުގައި ސޮން ވަނީ ކުޅެން އަރުވައިފަ އެވެ.
ޓޮޓެންހަމްގެ ހަތަރު ވަނަ ގޯލު ޖެހީ މެޗުގެ 73 ވަނަ މިނިޓްގައި ސޮން އެވެ. އޭރިއާބޭރުން ސޮން ޖެހި ބޯޅަ ލެސްޓާގެ ގޯލުގައި ހުރި ޑެނީ ވާޑް އަތްމަތިން ގޮސް އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ފުރަތަމަ ގޯލު ޖެހުމަށް ފަހު ސޮން ވަނީ އިތުރު ދެ ގޯލު ޖަހައި، ސީޒަނުގައި އޭނާގެ ފުރަތަމަ ހެޓްރިކް ހަދައިފަ އެވެ.
ސޮން އޭނާގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 84 ވަަނަ މިނިޓްގައި ވެސް އޭރިއާބޭރުން ޖެހި ޝޮޓަކުންނެވެ. އޭގެ ދެ މިނިޓް ފަހުން ކައުންޓަ އެޓޭކެއްގައި އޭރިއާތެރެއިން ތިން ވަނަ ގޯލު ޖަހައި ސޮން ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ މި މެޗުގައި ސޮން ބެންޗަށް ލީ މި މެޗުގެ ކުރިން އެންމެ ފަހުން ޓޮޓެންހަމް ކުޅުނު އަށް މެޗުގައި ވެސް ސޮން އަށް ގޯލެއް ޖެހިފައިނުވާތީ އެވެ. މި މެޗުގައި ހެދި ހެޓްރިކަށް ފަހު ސޮން ބުނީ އަބަދުވެސް އަމިއްލަ ނަފްސަށް އިތުބާރު އޮތް ކަމަށާއި އެކަން ދެމެހެއްޓުނީ ޓޮޓެންހަމްގެ ސަޕޯޓަރުންގެ ވެސް އެއްބާރުލުމާ އެކުގައި ކަމަށެވެ.
މި މެޗުން ބަލިވި ލެސްޓާ އޮތީ ލީގުގެ ފުލުގަ އެވެ. ހަތް މެޗު ކުޅުނުއިރު، އެ ޓީމަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ހަ މެޗުން ވަނީ ބަލިވެފަ އެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ދެން އެންމެ އަވަހަށް ވަޒީފާ ގެއްލޭނެ ކޯޗަކީ ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް އެވެ.
ރޮޖާސް ބުނީ ކްލަބުން ކޮންމެ ނިންމުމެއް ނިންމި ކަމުގައި ވިޔަސް އިހުތިރާމްކުރާނެ ކަމަށާއި އޭނާގެ މަސައްކަތަކީ ކްލަބް ހަމަަމަގަށް އަޅުވަން ކުރަން ޖެހޭ މަސައްކަތައިގެން ކުރިއަށް ދިއުން ކަމަށެވެ.
ލީގުގައި މިރޭ ކުޅުނު އަނެއް މެޗުން ބޯންމައުތު ވަނީ ނިއުކާސަލް ދަނޑުގައި 1-1 އިން އެއްވަރުކޮށްފަ އެވެ. ފިލިޕް ބިލިންގެ ގޯލުން ބޯންމައުތު ލީޑުނެގި މި މެޗުގައި ނިއުކާސަލަށް ޕެނަލްޓީ އަކުން އެއްވަރުކޮށްދިނީ އަލެކްސަންޑަ އިސާކް އެވެ.












