އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރާ ޒުވާނުންގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފި އެވެ.
ރާއްޖޭގައި ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކުރަނީ އޮކްޓޯބަރު 22، ގަ އެވެ. ޔޫތު މިނިސްޓްރީން ބުނީ މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 18 ދާއިރާއަކުން އިނާމު ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.
ޔޫތު މިނިސްޓްރީން ބުނީ ޒުވާނުންގެ ގައުމީ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެއް ކަމަށެވެ.
އަދި، މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، އެމީހުންނަކީ މުޖުތަމައަށް ފައިދާ ހުރި، އުފެއްދުންތެރި ރަނގަޅު ސިފަތަކެއް ހުރި ބަޔަކަށް ހެދުމަށް ބާރު އަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޒުވާނުންގެ އިނާމަށް ހޮވޭ މީހުންނަށް އެވޯޑާއި ސެޓްފިކެޓު ދޭނެ އެވެ. މިދިޔަ އަހަރު 10 ދާއިރާއިން 10 ޒުވާނަކަށް އިނާމު ދީފައި ވެއެވެ.












