ވަޓްފޯޑަށް ކުޅެމުން އަންނަ މިޑްފީލްޑަރު ހަމްޒާ ޗޯދުރީ، ބައިނަލްއަގުވާމީ ސީނިއާ ލެވަލްގައި ބަންގްލަދޭޝް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން ހުރި ކަމަށް ބުނެފި އެވެ.
ލެސްޓާ ސިޓީގެ ލޯން އެއްބަސްވުމެއްގެ ދަށުން މި ވަގުތު އިނގިރޭސި ދެ ވަނަ ޑިވިޝަން (ޗެމްޕިއަންޝިޕް)ގެ ވަޓްފޯޑަށް ކުޅެމުން އަންނަ ހަމްޒާ، 24، އަކީ ބަންގްލަދޭޝް ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. އަދި އޭނާއާ އާއިލީ ގޮތުން އެފްރިކާގެ ގްރެނާޑާއާ ވެސް ގުޅުން އެބައޮތެވެ.
އިނގިރޭސި ބްލޮގަކަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ހަމްޒާ ބުނީ ބަންގްލަދޭޝް އަށް ކުޅެން ލިބޭ ފުރުސަތެއްގެ ބޭނުން ހިފުމާ މެދު ވަރަށް ރަނގަޅަށް ވިސްނާނެ ކަމަށާއި އެ ފުރުސަތު ލިބުމަކީ ވެސް "ފަހުރެއް"ގެ ގޮތުގައި ދެކޭ ކަމަށެވެ.
"އަހަރެން ވަރަށް އުފާކުރަން ބަންގްލަދޭޝްގައި އަހަންނަށް ސަޕޯޓްކުރާ މީހުން ގިނަވަމުން އަންނާތީވެ. އަހަރެންގެ އާއިލާ އަބަދުވެސް ސަޕޯޓް ދެމުން އައީ އަހަރެން ކޮންމެ ލެވަލެއްގައި މެޗު ކުޅުނު ކަމުގައި ވިޔަސް. އެއްވެސް އިރެއްގައި އަހަރެން މާ ބޮޑަށް މަޝްހޫރު ކުރުވަން މަސައްކަތެއް ނުކުރޭ، މަސައްކަތް ކޮށްގެން ކާމިޔާބު ހޯދަން ދަސްކޮށްދިނީ،" އިނގިރޭސި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ހަމްޒާ ބުންޏެވެ.
ދެކުނު އޭޝިއާ ގައުމެއްގެ ދަރިކޮޅަކަށްވެ ހުރެ، އިންގްލެންޑް ފަދަ ގައުމެއްގައި ޕްރޮފެޝަަނަލް ކުޅުންތެރިއެއްގެ ގޮތުގައި ފަށައިގަތުމަކީ ވަރަށް ބޮޑު ޗެލެންޖެއްގެ ތެރެއިން ހާސިލްވި ކަމެއް ކަމަށް ހަމްޒާ ވަނީ ބުނެފަ އެވެ.
ހަމްޒާ ބުނީ ގްރާސްރޫޓް ލެވަލް އިން ޔޫތު ފުޓްބޯޅަ ލެވަލަށް ގޮސް އެ ހިސާބުން ވެސް މަސައްކަތްކޮށް ޕްރޮފެޝަނަލް ލެވަލް ކުޅުންތެރިއަކަށް ވާން އޭނާ ކުރި ދަތުރު އެހެން މީހުންނަށް ހިއްސާ ކޮށްދޭން ބޭނުންވާ ކަމަށެވެ.
ހަމްޒާގެ ވިސްނުމަކީ އަންނަ ނޮވެމްބަރާއި ޑިސެމްބަރު މަހު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ކްލަބް ފުޓްބޯޅަ މުބާރާތްތައް ބްރޭކެއް ނެގުމުން ޗުއްޓީ އަކަށް ބަންގްލަދޭޝަށް ދިއުމަށެވެ. އަދި ޗުއްޓީ އަށް ދިއުމުގެ އެންމެ ބޮޑު ބޭނުމަކީ އޭނާގެ ދަރިންނަށް އަމިއްލަ ގައުމުގެ ސަގާފަތުގެ ބައެއް ކަންކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.
ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ ހަމްޒާ އަށް އެ ގައުމުގެ ފުޓްބޯޅަ ޓީމު ތަމްސީލުކުރަން ފުރުސަތު ދޭން ވިސްނަމުންނެވެ.
މީގެ ކުރިން ވެސް ބަންގްލަދޭޝް އިން ވަނީ އެ ގައުމުގެ ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އެ ގޮތުން މި ވަގުތު ބަންގްލަދޭޝް ގައުމީ ޓީމަށް ކުޅެމުން އަންނަ ތޯރިގު ގާޒީ އަކީ މީގެ ކުރިން ފިންލެންޑްގެ ޔޫތު ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.
ފީފާ އިން 2020 ވަނަ އަހަރު ގައުމީ ޓީމުގެ ކުޅުންތެރިން އެއް ގައުމުން އަނެއް ގައުމަށް ބަދަލުވުމުގެ އުސޫލަށް ވަނި ލުޔެއް ދީފަ އެވެ. އެ ގޮތުން 21 އަހަރުން މަތީގެ ކުޅުންތެރިއަކު އެއް ގައުމަށް ތިން މެޗަށް ވުރެ އިތުރަށް ނުކުޅެ ހުއްޓައި، އޭނާއާ އާއިލީ ގޮތުން ގުޅުން އޮތް އެހެން ގައުމެއްގެ ގައުމީ ޓީމަށް ކުޅެން ބަދަލުވެވޭނެ އެވެ.
ހަމްޒާ އެކޭ އެއްގޮތަށް ޔޫތު ލެވަލްގައި އިނގިރޭސި ގައުމީ ޓީމަށް ކުޅެފައިވާ ގިނަ ކުޅުންތެރިން އަންނަނީ ސީނިއާ ލެވަލްގައި އާއިލީ ގޮތުން ގުޅުން އޮންނަ އެހެން ގައުމުތަކަށް ކުޅެން ނިންމަމުންނެވެ. އޭގެ ތެރޭގައި އައިވަރީ ކޯސްޓަށް ކުޅެމުން އަންނަ ވިލްފްރިއެޑް ޒަހާ، ސިއެރަ ލިއޯނަށް ކުޅޭ ސްޓީވް ކޯލްކާ ދާދި ފަހުން ގާނާ އަށް ކުޅެން ނިންމި ތޯރިގު ލަމްްޕްޓޭ ހިމެނެ އެވެ. އަދި މެންޗެސްޓާ ޔުނައިޓެޑްގެ އާރޮން ވަން ބިސާކާ ވެސް އަންނަނީ ކޮންގޯ ގައުމީ ޓީމަށް ކުޅެން ވިސްނަމުންނެވެ.












