ރިޕޯޓުވިއަވަތި ރާއްޖެ: ދެކުނުގެ ލާމަރުކަޒީ އުއްމީދުތައް ލާމު ގަމުން

ވިއަވަތި ރާއްޖެ: ދެކުނުގެ ލާމަރުކަޒީ އުއްމީދުތައް ލާމު ގަމުން

"މި ކޮންފަރެންސައަކީ ގައުމީ ލެވެލެއްގަ ލާމަރުކަޒީ ނިޒާމް ދޮންވެ ފައްކާކުރުމަށްޓަކައި ގެންގުޅުއްވާ ސިޔާސަތުތަކުގެ ތެރޭން އެންމެ މުހިންމު, އެންމެ ރަނގަޅު އެއް ސިޔާސަތު, މިކަމުގެ ފޮނިކަން ލިބުން އުއްމީދު ކުރަނީ,"

ގަމުގެ މަގެއް: "ވިއަވަތި" ކޮންފަރެންސްއަށް ރަށް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި - ފޮޓޯ: އަހުމަދު ރަޝީދު (ދޮންކޮޅު)
ގަމުގެ މަގެއް: "ވިއަވަތި" ކޮންފަރެންސްއަށް ރަށް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި - ފޮޓޯ: އަހުމަދު ރަޝީދު (ދޮންކޮޅު)

ރާއްޖޭގެ ބިމުގެ ގޮތުން އެންމެ ބޮޑު ރަށް ކަމުގައިވާ ލާމު އަތޮޅު ގަން 'ފަރިވެ ފޮޅެމުންދަނީ' އެ ދަނީ ގައުމީ ބޮޑު ހަރަކާތަކަށެވެ; ދާލު އަތޮޅުން ފެށިގެން ފުވައްމުލައް ސިޓީއާ ހަމައަށް އޮތް ރަށްތަކުގެ ވެރިން ޖަމާވެ އެއް ތަނެއްގައި އެ ތިބީ, ލާމަރުކަޒީ ނިޒާމްގެ ފުރިހަމަކަން ހޯދައިގަތުމަށެވެ.

ލާމަރުކަޒީ ނިޒާމާއި އޭގެ މައްސަލަތަކާއި ހައްލުތަކާއި އަމާޒުތަކާ މެދު ފުޅާ ގޮތެއްގައި މަޝްވަރާކުރަން ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުން ކޮމިޓީތަކުގެ ރައީސުން ހިނެމޭ ގޮތަށް "ވިއަވަތި ރާއްޖެ" ކޮންފަރެންސްގެ ނަމުގައި ސިލްސިލާ ކޮންފަރެންސްތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންދަވަނީ ބާއްވަމުންނެވެ.

މާދަމާ ގަމުގައި ފެށިގެންދާނީ ދެކުނަށް ހާއްސަ ކޮންފަރެންސް އެވެ. ވިއަވަތި މި ބަހުން ރަމްޒުކޮށްދެނީ ފަހިވުން, ތިޔާގިވުން, ހަމަޖެހުން, އުފާވެރިކަން އަދި ހާސްކަމެއް ނެތި އުޅެވުމެވެ.

ހަގީގަތު ވެސް މިއަދު މި ކޮންފަރެންސް ފެށިގެންދާއިރު ވެސް ގިނަ ފަރާތްތަކުން މިއީ ސިޔާސީ އެއްޗެއްގެ ގޮތުގައި އެބަ ދޭ, އެކަމާ އަޅުގަނޑު ވަރަށް ކަންބޮޑުވޭ, އެހެނަސް މިއީ ސިޔާސީ އެއްޗެއް ނޫން, މިއީ ވަރަށް މުހިންމު ސިޔާސަތުތަކެއް ކަނޑައެޅިގެންދާ ލާމަރުކަޒީ ނިޒާމަށް ވަރަށް މުހިންމު ބަހުސެއް ކުރެވިގެންދާ ކަމެއް," ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވި އެވެ.

ކޮންފަރެންސްއަށް ގަމުން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު, މި ދެތިން ދުވަހަށް މި ރަށަށް 300 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރާނެ އެވެ. ގަމުގެ ގެސްޓްހައުސްތަކާއި ގެތައް ފުރި, ބައެއް މީހުން ގުޅިފައިވާ ލ. ފޮނަދޫގައި ވެސް އެބަ ތިއްބެވެ. މަގުތަކުގައި ވެހިކަލްތަކާއި ބަހުގެ ހަރަކާތްތައް އިތުރެވެ. އެކަމަކު, ހުރިހާ ކަމެއް އޮތީ ފުރިހަމައަށް އިންތިޒާމް ކުރެވިފަ އެވެ.

ޒަކީ ވިދާޅުވި ގޮތުގައި, ގަން މިކަަމަށް މިހާ ބޮޑު ސަމާލުކަމެއްދީގެން ތައްޔާރުވެފައިވަނީ މީގެ ސަބަބުން ގަމަށް އަދި ހައްދުއްމައްޗަށް ވެސް ލިބޭނެ ބޮޑު ކުރިއެރުމުގެ ސަބަބުންނެވެ. މި ދެތިން ދުވަހު ވެސް ރަށަށް ލިބިގެންދާނެ އިގްތިސޯދީ ނަފާއާ ހެދި އެވެ. އަދި, ކޮންފަރެންސްގައި މުހިންމު މަޝްވަރާތަކަކަށްފަހު, ބޭނުންވާ ބާރުވެރިކަމާއި ހައްލުތައް ހޯދޭނެ ކަމުގެ އުއްމީދާއެކު އެވެ.

އޭނާ ފާހަގަކުރައްވާ ގޮތުގައި ރާއްޖެ ލާމަރުކަޒު ކުރުމުގެ ފައިދާ, ގަމުން ވަރަށް ބޮޑަށް ނަގަން ޖެހެ އެެވެ. އެއީ ގަން ތަރައްގީވެގެން ގޮސްފިނަމަ, ރާއްޖޭގެ ވަރަށް ގިނަ މައްސަލަތަކަށް ތަސައްލީއަކަށް ވާނެތީކަން ޒަކީ ގަބޫލުކުރައްވަ އެވެ. އެތައް ހުސް ބިމެއް އޮތް ގަމަކީ, އޭނާ ގަބޫލު ކުރައްވާ ގޮތުގައި މުސްތަގުބަލެވެ.

ލާމަރުކަޒީ ނިޒާމްގެ ދިފާއުގައި ވާހަކަ ދައްކަވަމުން, ޒަކީ ސިފަ ކުރެއްވި ގޮތުގައި އެ ނިޒާމަކީ ހިޔާދޭ, މޭވާ ލިބޭ ގަހެކެވެ.

"ލާމަރުކަޒީ ވެގެން މިދާ ގަސް މި އިންދެނީ ކޮންމެ ރަށެއްގައި, އެ ގަހަށް ކިޔާ ނަމެއް މިއީ ލާމަރުކަޒީއަކީ, އެ ގަސް ހެދޭނެ, ހިޔާ ވާނެ, މޭވާ އަޅާނެ, އެ މޭވާ ކާނީ އެ ގަހުގެ ހިޔަލުގައި ތިބެގެން, މިއީ ލާމަރުކަޒީ ނިޒާމްގަ ވެސް ވާގޮތަކީ, ގަހުގެ ފޮނިންޏާ ފޮނިކަން ވެސް އެނގޭނީ ވެސް ލިބޭނީ ހިޔަލުގައި ތިބި ރައްޔިތުންނަށް," ޒަކީ ވިދާޅުވި އެވެ.

"މި ކޮންފަރެންސައަކީ ގައުމީ ލެވެލެއްގަ ލާމަރުކަޒީ ނިޒާމް ދޮންވެ ފައްކާކުރުމަށްޓަކައި ގެންގުޅުއްވާ ސިޔާސަތުތަކުގެ ތެރޭން އެންމެ މުހިންމު, އެންމެ ރަނގަޅު އެއް ސިޔާސަތު, މިކަމުގެ ފޮނިކަން ލިބުން އުއްމީދު ކުރަނީ,"

ގަމު ކައުންސިލްގެ ރައީސް ޒަކީ މި ނޫހަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: އަދަދު
ގަމު ކައުންސިލްގެ ރައީސް ޒަކީ މި ނޫހަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: އަދަދު

ގަމު ކައުންސިލްގެ ރައީސް ޒަކީ މި ނޫހަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: އަދަދު

ޒަކީ ވިދާޅުވި ގޮތުގައި ކޮންފަރެންސްގައި ބައިވެރިވުމަށް ގިނަ ރަށްރަށާއި އަތޮޅުތަކުގެ ވެރިން ގަމަށް އައިސްފައިވާއިރު, އެމީހުންނަށް ރަނގަޅު ތަޖުރިބާތަކެއް ކުރެވޭނެ އެވެ. ގަމުގައި ހުރި ވަސީލަތްތަކާއި ކުރެވެން އޮތް ކަންތައްތަކާއި އެ ރަށްރަށުގައި ނެތް ކަންކަމާއި މިތަނުގައި އޮތް ކަންކަން ސަރަހައްދުގެ ރަށްރަކަށް އެނގި, ސަރަހައްދީ ގޮތުން އަމިއްލައަށް ކުރިއަރައިގެން ދިޔުމަކީ މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އެވެ.

ދާލުން ޏަވިޔަންޏަށް, އުއްމީދުތައް ވަރަށް ގިނަ

މުޅި ދެކުނު އެއް ތަނަކަށް ޖަމާވެ ހިޔާލު ބަދަލުކޮށް "ވިއަވަތި ރާއްޖެ" ކޮންފަރެންސްއަށް ހުށަހަޅާނެ ކަންކަމާމެދު އިއްޔެ ބޭއްވި "ފަނޯއްލަ" ކޮންފަރެންސްގައި ވަނީ މަޝްވަރާކޮށްފަ އެވެ. ޔޫއެސްއެއިޑް އަދި އައިއާރްއައިއާއެކު, އެލްޖީއޭއިން ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ކައުންސިލްތަކުގެ ގްރޫޕްތަކުން ވަނީ ކަރުދާސްތަކެއް ތައްޔާރުކޮށްފަ އެވެ.

އެ ކަރުދާސްތައް ރައީސަށް ހުށަހަޅަން ގަސްތުކޮށް, އެންމެން ވެސް ތިބީ ވަރަށް ބޮޑު އުއްމީދެއްގަ އެވެ.

ކައުންސިލްތަކަށް ދިމާވާ ހުރިހާ ގޮންޖެހުމެއް އަޅުގަނޑުމެން އެބަ ހުށަހަޅަން, އޭގެ ތެރޭގައި މާލީ, ގާނޫނީ ކަންކަމާ ގުޅޭ މައްސަލަތަކާއި މަޝްރޫއުތަކާ ގުޅޭ ކަންކަން ފާހަގަކުރެވޭ, މި ހުށަހަޅާ ކަރުދާސްތަކަކީ ފުޅާ ގޮތެއްގައި މަޝްވަރާ ކުރުމަށްފަހު ހުށަހެޅޭ ކަންކަން," މި ނޫހާ ވާހަކަ ދައްކަވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވާ ގޮތުގައި, ކޮންފަރެންސްއިން ނުކުންނާނެ ނަތީޖާއާ މެދު އޭނާގެ އުއްމީދު ވަރަށް ބޮޑެވެ. އެއީ, މި ކޮންފަރެންސްއަކީ ހިޔާލާއި މަޝްވަރާގެ މަތިން, ވަރަށް ރަނގަޅު ނިޔަތެއް އޮވެގެން ކުރިއަށް ގެންދާ ކަމަކަށްވާތީކަން އޭނާ ފާހަގަކުރެއްވި އެވެ.

ދެކުނުގެ ބޮޑު އާބާދީއެއް ކަމަށްވާ ގދ. ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ފާހަގަ ކުރައްވާ ގޮތުގައި ލާމަރުކަޒީ ނިޒާމް, ފުޅާވެ ކުރިއަރުވަން ވަނީ ޖެހިފަ އެވެ. އެއީ, ރަށްރަށުން ދެމުން އަންނަ ހިދުމަތްތައް އިތުރުވެފައި, އޭގެ ބޭނުން ހިފައި މީހުންގެ ނިސްބަތް ވެސް މަތިވަމުންދާތީކަން ފާހަގަކުރައްވަ އެވެ. ސިޓީއެއް ނޫން ކަމުގައި ވިޔަސް, ސައުދު ވިދާޅުވި ގޮތުގައި ތިނަދޫ ކައުންސިލުން ދެމުން އަންނަނީ އެ ފެންވަރުގެ ހިދުމަތްތަކެވެ. ހިދުމަތް ދޭން ޖެހެނީ, އެވަރުގެ ބޮޑު އާބާދީއަކަށެވެ.

އެހެންކަމުން, ތިނަދޫން އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް މުހިންމު ގިނަ މަސައްކަތްތަކެއްކޮށް, އާމްދަނީ އިތުރު ކުރެވޭނެ ގިނަ ދޮރުތަކެއް ހުޅުވުން ބޭނުން ޖެހިފައިވާކަން ސައުދު ފާހަގަކުރައްވަ އެވެ.

ގަމުގެ މަގެއް މަތި: ކޮންފަރެންސްއަށް ރަށް ވަނީ އުއްމީދާއެކު ތައްޔާރުވެފައި - ފޮޓޯ: ދޮންކޮޅު
ގަމުގެ މަގެއް މަތި: ކޮންފަރެންސްއަށް ރަށް ވަނީ އުއްމީދާއެކު ތައްޔާރުވެފައި - ފޮޓޯ: ދޮންކޮޅު

ގަމުގެ މަގެއް މަތި: ކޮންފަރެންސްއަށް ރަށް ވަނީ އުއްމީދާއެކު ތައްޔާރުވެފައި - ފޮޓޯ: ދޮންކޮޅު

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް މާލީ ގޮތުން އެކިއެކި ގޮންޖެހުންތައް އެބަ އޮތެވެ. އެގޮތުން, ސަރުކާރުގެ ފަރާތުން ކޮންމެ މަހަކު ލިބޭ ފައިސާގެ މިންވަރު ކުޑަވުމާއި އާމްދަނީ ހޯދާނެ އިތުރު ގޮތްތައް ހޯދުމުގައި ކައުންސިލްތަކަށް ހުރަސްތައް އޮތުމެވެ. އެގޮތުން, މަޝްރޫއުތައް ހިންގުމުގައި އިހްތިސޯސްގެ މައްސަލަތައް ވަރަށް ބޮޑަށް ކައުންސިލްތަކަށް ދިމާވަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވި ގޮތަށް, އެ ގޮންޖެހުންތައް އެހެން ކައުންސިލްތަކަށް ވެސް އެބަ އޮތެވެ. އެގޮތުން, ގއ. އަތޮޅުގެ ވެރިކަން ކުރާ ވިލިނގިލީގެ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ވެސް ވިދާޅުވި ގޮތުގައި މާލީ އަދި ގާނޫނީ ގޮންޖެހުންތަކާއި ބައެއް ކަންކަމުގައި ކުރިއަށް ދާނެ މަގެއް ފެންނަން ނެތުން ފަދަ ކަންބޮޑުވުންތަކުގައި އެ ކައުންސިލް ވެސް ޝާމިލްވެ އެވެ.

އޭގެއިތުރަށް, އަތޮޅުގައި ލޯކަލް ޓޫރިޒަމް ދިރުވުމަށް އިންޓަނޭޝަނަލް އެއާޕޯޓެއްގެ މުހިންމުކަން ވިޝާލް ފާހަގަކުރެއްވީ, އެއީ މި ކޮންފަރެންސްގައި އެ އަތޮޅުގެ ރަށްތަކުން ކުރާނެ އެންމެ ބޮޑު ޑިމާންޑްކަން ފާހަގަ ކުރައްވަމުންނެވެ. އޭނާ ހުންނެވީ ގޮންޖެހުންތަކާއި މައްސަލަތަކަށް ހައްލެއް ކޮންފަރެންސްގެ ތެރޭން ލިބޭނެ ކަމުގެ އުއްމީދުގަ އެވެ.

އަތޮޅު ކައުންސިލްތަކުގެ ފަރާތުން ކޮންފަރެންސްއަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅަން ވެސް ވަނީ މަޝްވަރާ ކުރެވިފަ އެވެ. އޭގެ ތަފްސީލަކަށް ވަޑައިގަންނަވަމުން, ގއ. އަތޮޅު ކައުންސިލްގެ ރައީސް ޝަހީން ވިދާޅުވި ގޮތުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ އަތޮޅު ކައުންސިލަށް އިހްތިސޯސެއް ކަނޑައެޅިފައި ނެތުމެވެ.

"އިހްތިސޯސީ ބާރެއް ނެތް, އެހެންވެ ވަސީލަތެއް އާމްދަނީ ފަދަ ކަންކަމަށް ވެސް ނެތް, އަޅުގަނޑުމެން އެދެނީ އަތޮޅު ހިމެނޭ ފަޅު ރަށެއް ނޫނީ އެހެން ވެސް ތަނެއްގެ އިހްތިސޯސީ ބާރު އަތޮޅު ކައުންސިލްތަކަށް ދޫކޮށްލުން," ޝަހީން ވިދާޅުވި އެވެ.

"އެއްކޮށް ހުރިހާ އެއްޗެއް ނަގާ ދޭކަށް ނޫން އަޅުގަނޑުމެން އެދެނީ, ކޮންމެ ވެސް މިންވަރެއް, ރަށްތަކުގެ ތެރޭން ރަށެއް ނޫނީ ދެތިން ރަށެއް ވިޔަސް އަތޮޅު ކައުންސިލަށް އާމްދަނީ ހޯދުމަށް ދޫކޮށްލަން, އޭރަށް އަޅުގަނޑުމެންނަށް ވެސް ޕްރޮޖެކްޓްތައް ހިންގޭނެ,"

މި ކަންކަން ރައީސަށް ހުށަހެޅުމުން, އެމަނިކުފާނު ދެއްވާނެ ޖަވާބަކާމެދު ޝަހީން ހުންނެވީ އިންތިޒާރުގަ އެވެ. ކޮންފަރެންސްއަށް ވަޑައިގެންނެވި, އެންމެން ވެސް ތިބީ އެ އުއްމީދުގަ އެވެ.

ނާޒިމް ހަސަން

އެސޯސިއޭޓް އެޑިޓަރ

ނާޒިމް ހަސަން އަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގައި މިހާރު ހުރި އެންމެ ހުނަރުވެރި އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފަ އެވެ. ކޮމިއުނިޓީ ނޫސް ކުޅުދުއްފުށީ އޮންލައިނުން ކެރިއަރު ފަށައި އޭނާ ވަނީ ކުރިން "ވަގުތު"، "އަވަސް" އަދި "ޖަޒީރާ" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox