ލަންޑަން (ސެޕްޓެމްބަރު 7) - ޗެލްސީ އަށް ކުރިން ކުޅުނު ސްޕެއިންގެ ފޯވަޑް ޑިއޭގޯ ކޮސްޓާ އަށް ވޯކް ޕާމިޓެއް ހޯދަން ވުލްވްސް އިން ކުރި މަސައްކަތް ނާކާމިޔާބުވުމުން އެ ކްލަބުން އެޕީލަށް ހުށަހަޅައިފި އެވެ.
ވުލްވްސް އިން ކޮސްޓާ އަށް ކޮންޓުރެކްޓެއް ހުށަހަޅަނީ އެ ކްލަބާ ދާދި ފަހުން ކުޅުނު ފޯވަޑް ސާސާ ކަލަޑްޒިކާއި މެކްސިކޯގެ ފޯވަޑް ރައޫލް ހިމެނޭޒަށް އަނިޔާވެ، އެ ކްލަބަށް ވަގުތުން ވަގުތަށް ފޯވަޑެއް ބޭނުންވާތީ އެވެ. ޗެލްސީ އާއި އެތުލެޓިކޯ މެޑްރިޑަށް ކުރިން ކުޅުނު ކޮސްޓާ ،33، ވަނީ ވަނީ ޓްރައިލްއަކަށް މި ހަފުތާގައި ވުލްވްސްއާ ގުޅިފަ އެވެ.
ކޮސްޓާ އެންމެ ފަހުން ކުޅުނީ ބްރެޒިލްގެ އެތުލެޓިކޯ މިނެއިރޯ އަށެވެ. އެކަމަކު، ޖެނުއަރީ މަހު އެ ކްލަބު ދޫކޮށްލި ފަހުން އޭނާ ހުރީ އެއްވެސް ކްލަބަކާ ނުގުޅި އެވެ.
ކޮސްޓާ އެންމެ ފަހުން ވާދަވެރި މެޗެއް ކުޅުނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އިނގިރޭސިވިލާތުގެ ވޯކް ޕާމިޓް ކޮސްޓާ އަށް ނުލިބުނީ ކްލަބެއް ނެތި އޭނާ ދިގު މުއްދަތެއް ހޭދަކޮށްފައިވާތީ އެވެ. އަދި ޔޫރަޕުން ބޭރުގައި އެހެން ބައްރެއްގައި ކުޅެފައި، އަލުން ޔޫރަޕްގެ ކްލަބަކާ ގުޅެން ބޭނުންވާ ލިޔެކިޔުންތަކެއްގައި މައްސަލަތަކެއް ފާހަގަވެފައިވާތީ އެވެ. އެހެންކަމުން، ވުލްވްސް އިން ވަނީ ކޮސްޓާ އަށް ވޯކް ޕާމިޓް ނުލިބުނު މައްސަލަ އެޕީލްކޮށްފަ އެވެ. އެ ކްލަބުން މި ވަގުތު އިންތިޒާރު ކުރަމުންދަނީ އެޕީލްގެ ޖަވާބަށެވެ.
ކޮސްޓާ އަށް މިދިޔަ މަހު ލަލީގާގެ ރަޔޯ ވަޔަކާނޯގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. ކޮސްޓާ ގެންނަން ވުލްވްސް އިން ކުރާ މަސައްކަތް ކާމިޔާބުނުވެއްޖެނަމަ އެ ޓީމުން އިނގިރޭސި ފޯވާޑް އެންޑީ ކެރޯލް އަށް ކުރި ކޮންޓްރެކްޓެއް ދިނުމުގެ ފުރުސަތު އެބައޮތެވެ.












