އޭޝިއަން ވޮލީބޯޅަ ކޮންފެޑެރޭޝަން (އޭވީސީ) ޗެލެންޖު ކަޕްގައި ރާއްޖޭގެ ތަޖުރިބާކާރު ރެފްރީ، އަހުމަދު ސަލީމް (ކުނޑި ސަލީމް) ގިނަ މެޗުތަކެއްގައި އިންސާފުކޮށް ގިނަ ބައެއްގެ ތައުރީފު ހޯދައިފި އެވެ.
އޭވީސީ ޗެލެންޖު ކަޕަކީ އޭޝިއާގެ އެކި ޒޯންތަކުން ފާހަގަކޮށްލެވޭ ޓީމްތަކާ އެކު ކުޅޭ އެ އިދާރާގެ ތިން ވަނަ ފަންތީގެ މުބާރާތެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކޮށްފައިވަނީ ހަތަރު ގައުމަކުންނެވެ. ސްރީލަންކާ، ޔޫއޭއީ އަދި ކުވެއިތު މި މުބާރާތަށް ކޮލިފައިވި ކަމުގައިވިޔަސް އެ ތިން ޓީމުން މިފަހަރު ވާދައެއް ނުކުރެ އެވެ.
މި ފަހަރު މުބާރާތުގައި ވާދަކުރި ހަތަރު ޓީމަކީ އުޒްބަކިސްތާން، ކިރިގިސްތާން، މޮންގޯލިއާ އަދި ސައުދި އަރަބިއްޔާ އެވެ.
ކުނޑި ސަލީމް ވަނީ މުބާރާތުގެ ފަސް މެޗެއްގައި ރެފްރީކަންކޮށްފަ އެވެ. އޭގެ ތެރޭގައި މުބާރާތުގެ ފުރަތަމަ މެޗާއި ފައިނަލު މެޗުގެ ފަސްޓް ރެފްރީގެ ޒިންމާ އަދާ ކުރި އެވެ.
"ފަސް މެޗު ލިބުނުއިރު، ފައިނަލުގައި ފަސްޓަށް ހުރީ. ކުޑަކޮށް ނާވަސްވި، އެއީ އޭވީސީގެ ރެފްރީސް ކޮމިޝަންގެ އެންމެ މަތީ މީހުންވެސް މެޗު ބަލަންތިބި. އެހެންވީމަ މިކަހަލަ ބޮޑު ފުރުސަތެއް ލިބުނީމަ ހުންނާނެތާ ކުޑަކޮށް ފިނިވުމެއް" މެދު ނުކެނޑި 26 އަހަރު ވޮލީއަށް ހިދުމަތްކޮށްފައިވާ ކުނޑި ސަލީމް ބުންޏެވެ.

އޭވީސީ ޗެލެންޖު ކަޕް 2022ގެ ފައިނަލު މެޗު ފެށުމުގެ ކުރިން ރެފްރީ ސަލީމް ދެ ޓީމްގެ ކެޕްޓަނުންނާއި ވާހަކަދައްކާލަނީ
ކުނޑި ސަލީމް ބުނީ މިއީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު މެޗު ކަމަށެެވެ. ސަބަބަކީ ގޭމްސްތަކާއި އެހެން މުބާރާތްތަކުގައި ކޮށްފައިވާ މެޗުތަކަށް ވުރެ މި މެޗުގެ ފެންވަރު ރަނގަޅުވުމާއި، އޭވީސީގެ ބޮޑު މުބާރާތަކަށް މި މުބާރާތް ވުމެވެ.
"އެއްވެސް މައްސަލައެއް ނުޖެހި ފައިނަލް މެޗު ނިންމާލީ. ވަރަށް ރަނގަޅު ކޮމެންޓުވެސް ލިބުނު އޭވީސީން. އަޅުގަނޑު ގަބޫލުކުރަނީ މިމުބާރާތާއިއެކު އޭވީސީ އިން ދިވެހިރާއްޖެއަށް އިތުރު ފުރުސަތު ލިބޭނެއޭ" މާލޭގައި 2000 ވަނަ އަހަރު ބޭއްވި ޕަވާގޯލްޑް އިންވިޓޭޝަނަލް މުބާރާތުން އިންޓަނޭޝަނަލް ކެރިއަރު ފެށި ރެފްރީ ބުންޏެވެ.
ކުނޑި ސަލީމް ވަނީ މުބާރާތުގެ ކުރިން ކިރިގިސްތާންގުގައި ކުރިއަށްދިޔަ އޭވީސީ އީ-ސްކޯޝީޓް އެންޑް ވީއައިއެސް ކޯހުގައި ބައިވެރިވެ އެ ކޯސް ވެސް ފުރިހަމަކޮށްފަ އެވެ. މި ކޯހުގައި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ރެފްރީސް ކޮމިޝަންގެ ޗެއާމަން އަދި އޭވީސީ ރެފްރީ އަހުމަދު ނަޝީދު (ތުއްތުކޯ) ވެސް ބައިވެރިވި އެވެ.
ކުނޑި ސަލީމް އަކީ މިހާތަނަށް ބައިނަލްއަގްވާމީ އެންމެ ގިނަ މުބާރާތްތަކުގައި ރެފްރީކަން ކުރި އެއް ދިވެހި ވޮލީ ރެފްރީ އެވެ. އޭގެ ތެރޭގައި 2008 ވަނަ އަހަރުގެ އޭޝިއަން ޔޫތު ބޯއީސް މުބާރާތާއި، 2010 އަދި 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އާއި 2013 ވަނަ އަހަރުގެ ސައުތު އޭޝިއަން އިންވިޓޭޝަނަލް މުބާރާތާއި، 2015 ވަނަ އަހަރުގެ އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން މުބާރާތާއި، 2017 ވަނަ އަހަރު މާލޭގައި އޮތް އޭޝިއަން ސެންޓްރަލް ޒޯން ސީނިއާ މެންސް މުބާރާތްވެސް ހިމެނެ އެވެ.












