ޓޫރިޒަމް ގާނޫނަށް އަލަށް ގެނައި އިސްލާހަކާއެކު އަންނަ އަހަރުން ފެށިގެން ގްރީން ޓެކްސް ނަގާ ގޮތަށް އޮތުމާ ގުޅިގެން އެ ޓެކްސް ނެގޭނެ ކަމާ މެދު ސުވާލު އުފެދިފައިވީ ނަމަވެސް ޖުލައި މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 61 މިލިއަން ރުފިޔާ ލިބިއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސުން އެންމެ ފަހުން އާންމުކުރި ގްރީން ފަންޑު ރިޕޯޓުން ދައްކާ ގޮތުގައި ޖުލައި މަހު މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ)އަށް ލިބުނު އާމްދަނީ ހިމަނައިގެން މި އަހަރުގެ މިހާތަނަށް 608 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ވަނީ ލިބިފަ އެވެ. މިއާ އެކީ ގްރީން ފަންޑުގައި ހުރި ޖުމްލަ ވަނީ 883 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ޖުލައި މަހު ރަނގަޅު ގްރީން ޓެކުހުން ރަނގަޅު އާމްދަނީއެއް ލިބުނު ނަމަވެސް، މި އަހަރުގެ އެހެން ހުރިހާ މަހަކަށް ވުރެ އެ މަހުގެ ތެރޭގައި ލިބުނު ގްރީން ޓެކްސް އާމްދަނީ ދަށެވެ.
ނަމަވެސް މިއީ އެ ޓެކްސް ނެގުން ބައެއް ތަންތަނުން ހުއްޓާލުމާ ގުޅިގެން އައި ހީނަރުކަމެއްތޯ ނޫނީ ޓޫރިސްޓުން މަދުވެގެން ދިމާވި ކަމެއްތޯ ނުވަތަ ޓެކްސް ނުދައްކާތީ ދިމާވި ކަމެއްތޯ ސާފެއް ނޫނެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި ޖުލައި މަހަށް ވުރެ މަދުން ޓޫރިސްޓުން އައި ޖެނުއަރީ އާއި މޭ އާއި ޖޫން މަހުގެ ގްރީން ޓެކްސް އާމްދަނީ ޖުލައިއަށް ވުރެ އިތުރެވެ.
ގްރީން ފަންޑަށް ލިބޭ ފައިސާ ހަރަދުކުރަނީ ވެށި ހިމާޔަތްކުރުމާ ގުޅޭ މަޝްރޫއުތަކަށެވެ.
އެގޮތުން ޖުލައި މަހު އެ ފަންޑުގައި ހުރި ފައިސާއިން ފެނާއި ނަރުދަމާ އާއީ ސާފު ބޯފެނުގެ އިތުރުން ކުނި މެނޭޖުކުރުމާއި ގޮނޑުދޮށް ރައްކާތެރިކުރުމާ ގުޅޭ 38 މަޝްރޫއަކަށް ގާތްގަނޑަށް 24 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ގްރީން ޓެކްސް މައްސަލައިގެ ފަސްމަންޒަރު
ގްރީން ޓެކްސް ނެގޭނެ ކަމާމެދު ބަހުސްކުރަން ފެށުނީ ޓޫރިޒަމް ގާނޫނު އިސްލާހުކުުރިއިރު މުރާޖާކުރި ރޭޓުގައި ގްރީން ޓެކްސް ނެގޭނީ އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ކަމަށް އެ ގާނޫނުގައި ބަޔާންކުރާތީ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ މީރާ ހިމެނޭހެން ގިނަ ބަޔަކު ބުނަނީ މިހެން ގާނޫނުގައި ކަނޑައެޅިގެން ތާރީހެއް ބަޔާންކޮށްފައި ވަނިކޮށް އެ ނޫން ތާރީހެއްގައި ޓެކްސް ނުނެގޭނެ ކަމަށެވެ.
މިހާރު ސަރުކާރުން ވަނީ މިގޯސް އިސްލާހުކުރަން ޓޫރިޒަމް ގާނޫނަށް ބަދަލުގެންނަން އިތުރު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. އެ ބިލުގައި ވަނީ މުރާޖާކުރި ރޭޓުން އަންނަ އަހަރު ޓެކްސް ނަގަން ފެށި ނަމަވެސް މިހާރު ކަނޑައަޅާފައިވާ ރޭޓުތަކުގައި މި އަހަރުގެ ނިޔަލަށް ޓެކްސް ނެގޭގޮތަށެވެ.
މިހާރު ކުރިޔަށް ދަނީ އެ ބިލުގެ ބަހުސް މަރުހަލާ އެވެ.










