އިންޓަ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ ޒޯން 6 ގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ޖޯލި މޯލްޑިވްސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
މިއަހަރުގެ އިންޓަ ރިސޯޓު ވޮލީބޯޅަ މުބާރާތް ގުޅުވާލާފައިވަނީ ރާއްޖޭގެ ޓުއަރިޒަމް އަށް 50 އަހަރު ފުރުމާއި އެވެ. މިގޮތުން މިއަހަރުގެ މުބާރާތުގެ މެޗުތައް ކުރިއަށްގެންދަނީ "ގޯލްޑަން އިޔާ" އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ނަމުގަ އެވެ.
ޒޯން 6 ގެ މެޗުތަކާއިއެކު މިދިޔަ ހަފްތާ ބަންދުގައި އިންޓަ ރިސޯޓު މުބާރާތުގެ މެޗުތައް ފެށިއިރު، މި ޒޯންގައި ފަސް ޓީމެއް ވަނީ ބައިވެރިވެފަ އެވެ. އެއީ ޖޯލި މޯލްޑިވްސް، ޖޯލި ބީން، ކޮރަ ކޮރަ މޯލްޑިވްސް، ދިގަލި މޯލްޑިވްސް އަދި ސަން ޝިޔާމް އިރުފުއްޓެވެ.
މި ޒޯންގެ ފުރަތަމަ މެޗު ޖޯލި މޯލްޑިވްސް އިން ކާމިޔާބުކުރީ ކޮރަ ކޮރައާ ވާދަކޮށް ތިން ސެޓު އެއް ސެޓުންނެވެ. ގައުމީ ޓީމުގެ ބްލޮކަރު ޝުއައިބު އަބްދުލް ލަތީފް އަދި ޖަވާމް އަލީ ކުޅުނު ޖޯލި މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ 25-16 އިންނެވެ. ދެވަނަ ސެޓު 22-25 އިން ގެއްލުނު ނަމަވެސް ޖެހިގެން އައި ދެ ސެޓު 25-16 އަދި 25-17 އިން ހޯދައި ޖޯލި މޯލްޑިވްސް މެޗުން މޮޅުވި އެވެ.
ޖޯލި މޯލްޑިވްސްގެ ދެވަނަ މެޗު ކާމިޔާބުކުރީ ދިގަލި މޯލްޑިވްސްއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެޓީމުން ހޯދީ 25-9، 25-13 އަދި 25-11 އިންނެވެ.
މި ޒޯންގެ ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ ރައުންޑް ރޮބިން އުސޫލެއް ހުރިހާ ޓީމެއް ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ. ލީގުގެ ދެވަނަ އަދި ތިން ވަނަ ޓީމު ފައިނަލުން ފުރުސަތު ހޯދަން ޖެހޭނީ ޕްލޭ އޮފް މެޗެއް ކުޅޭށެވެ.












