މިލާން (1 ސެޕްޓެމްބަރު) - އިޓާލިއަން ސީރިއާގައި ރޭ ނަޕޯލީ އާއި ލެއްޗޭ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، ޔުވެންޓަސް ވަނީ ސްޕޭޒިއާ އަތުން 2-0 އިން މޮޅުވެފަ އެވެ.
އަމިއްލަ ދަނޑުގައި ރޭ ލެއްޗޭ އަތުން ނަޕޯލީ މޮޅުވި ނަމަ، ލަނޑުގެ ތަފާތުން ލީގުގެ އެއްވަނަ އަށް އެރުމުގެ ފުރުސަތު ނަޕޯލީ އަށް އޮތެވެ. އެކަމަކު މެޗު އެއްވަރުވުމުން، ތާވަލްގެ އެއްވަނައިގައި އޮތީ ރޯމާ އެވެ.
ނަޕޯލީގެ ދަނޑުގައި ކުޅުނު މެޗުގެ 27 ވަނަ މިނިޓުގައި ނަޕޯލީ އަށް ލީޑު ހޯދައިދިނީ އެލިފް އަލްމާސް އެވެ. އެކަމަކު، މެޗުގެ 31 ވަނަ މިނިޓުގައި ލޮރެންޒޯ ކޮލޮމްބޯ ޖެހި ލަނޑާއެކު ލެއްޗޭ އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ސީރިއާގައި ކުޅުނު ހަތަރު މެޗަށް ފަހު، ނަޕޯލީ އޮތީ ތާވަލްގެ ތިން ވަނައިގަ އެވެ. އެއްވަނައިގައި އޮތީ ރޯމާ އެވެ. ދެވަނައިގައި އޮތީ އިންޓަ މިލާނެވެ.
ލީގުގައި ރޭ ސްޕޭޒިއާ އަތުން މޮޅުވެ، ލީގުގެ ހަތަރު ވަނައިގައި އޮތް ޔުވެންޓަސް ވަނީ ނަޕޯލީއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފަ އެވެ.
ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުގެ ނުވަ ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ ފޯވަޑް ޑުސާން ވްލަހޯވިޗެވެ. މިއީ މި ސީޒަންގައި އޭނާ ޖެހި ހަތަރު ވަނަ ލަނޑެވެ. މެޗުގެ އިތުރު ވަގުތުގައި ޔުވެންޓަސްގެ ދެވަނަ ލަނޑު ޖެހީ އެ ޓީމާ އަލަށް ގުޅުނު ޕޯލެންޑްގެ ފޯވަޑް އަރްކަޑިއުޒް މިލިކް އެވެ.
މި މެޗުން މޮޅުވިޔަސް، ޔުވެންޓަސްގެ ފަރާތުން އެ ޓީމުގެ ސަޕޯޓަރުން އުންމީދުކުރާ ފެންވަރުގެ ކުޅުމެއް ނުފެނުނެވެ. އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ޔުވެންޓަސް އަށް ލިބޭ ހިތްހަމަޖެހުމަކީ މި ސީޒަންގެ ލީގުގައި އަދި އެ ޓީމު މެޗަކުން ބަލިނުވާ ކަމެވެ. -- އޭއެފްޕީ












