މި އަހަރު ތެރޭ އަތޮޅުތަކުގައި ކިޔަވަމުން ދިޔަ 1500 އެއްހާ ދަރިވަރުން މާލޭގެ ސްކޫލުތަކަށް ބަދަލުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން މިނިސްޓަރު ވިދާޅުވީ މި މަހު ފެށި ދިރާސީ އާ އަހަރަށް މާލޭ ސްކޫލުތަކަށް ދަރިވަރުން ވެއްދިއިރު، އަތޮޅުތެރެއިން ވަރަށް ގިނަ ކުދިން ހުޅުމާލެ ސްކޫލުތަކަށް ވަންނަން އެދުނުކަން ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން އަތޮޅުތަކުގައި ކިޔަވަމުން ދިޔަ ގާތްގަނޑަކަށް 1500 އެއްހާ ދަރިވަރުން މާލެ ސްކޫލުތަކަށް ބަދަލުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑަށް ލަފާ ކުރެވެނީ އެއީ ހިޔާ ފްލެޓަށް ބަދަލުވި އާއިލާތަކޭ، އެހެންމަ މައިގްރޭޓް ކުރުމުގެ އިޝޫ ވެސް އެބަ އުޅޭ ރަށްރަށުން ކުދިން މަދުވުމާ," ރަށްރަށުގައި ކިޔަވާ ދަރިވަރުންގެ އަދަދު މަދުވުމުގައި ދިމާވާ އެއް ސަބަބު ތަފްސީލުކޮށްދެއްވާ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން ކުދި ރަށެއް ބޮޑު ރަށެއް ތަފާތު ނުކުރި ނަމަވެސް، ކުދި އާބާދީތައް އޮންނަ ރަށްރަށުގައި އެކަށީގެންވާ މިންވަރަށް ދަރިވަރުން ނެތުމުގެ ސަބަބުން އެ ރަށްތަކުގެ ސްކޫލުތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ބަޖެޓު ކުރުމަށް ގޮންޖެހުންތަކާ ދިމާވާ ކަމަށެވެ.
އެކަމަށް ހައްލު ހޯދުމަށްޓަކައި އެކި މޮޑެލްތައް ތައާރަފުކުރަން ފަށާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ކުދި އާބާދީތަކުގައި ސެޓެލައިޓް ނިޒާމު މެދުވެރިކޮށް ކިޔަވައިދިނުމަށް ފަށަފައިވާ ކަމަށެވެ. އެގޮތުން ބ. ފެހެންދު އާއި ވ. ތިނަދޫގައި މިހާރު ދަނީ ސެޓެލައިޓް ނިޒާމަށް ކިޔަވައިދެމުންނެވެ.

ހަމައެއާއެކު ވަކި ގްރޭޑެއް ނިންމާފައި އެހެން ރަށަކަށް ދާން ޖެހުމާއި، ރަށުގައި ސެކަންޑަރީ ގްރޭޑަށް ކިޔެވެން ނެތްކަން ފާހަގަކުރި ސްކޫލުތަކަށް ސްޓެލައިޓް ނިޒާމު މެދުވެރިކޮށް ގްރޭޑު ނުވައަކަށް ކިޔަވައިދެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސެޓެލައިޓް ނިޒާމު މެދުވެރިކޮށް ގްރޭޑް ނުވައެއް ކިޔަވައިދޭ ސްކޫލުތަކުގެ ތެރޭގައި ގއ. ކޮނޑޭ އާއި ބ. ފުޅަދޫ ހިމެނޭއިރު، އދ. ދިއްދޫގައި ވެސް އެ އިންތިޒާމު ހަމަޖެއްސި ކަމަށެވެ. ނަމަވެސް ދިއްދޫ ސްކޫލުގައި ކިޔަވަން އެއްވެސް ދަރިވަރަކު ނުދިއުމުގެ ސަބަބުން އެ ސްކޫލުގައި ސެޓެލައިޓް ނިޒާމު މެދުވެރިކޮށް ކިޔަވައިދޭން ފެށިފައި ނުވާ ކަމަށެވެ.












